ވަރަށް މަދުން ނޫނީ ނުފެންނަ ފިޔާތޮށި ކުލައިގެ ކޯމަސް "ޕިންކީ" ވިހައިފިއެވެ.

"ޕިންކީ"އަކީ ލުއިޒިއާނާގެ ކޯރެއްގައި ދިރިއުޅެމުންދާ ފިޔާތޮށި ކޯމަހެކެވެ. އެންމެ ފަހުން ފެނުނު މަންޒަރުތަކަށް ބަލާއިރު، "ޕިންކީ" ވިހޭ ދަރި ކޯމަސްވެސް ފެނެއެވެ.

"ޕިންކީ"އަކީ ކޯރުތަކަށް ހާއްސަ ކޯމަހެކެވެ. މިއީ ދުނިޔެއިން ނެތިދިއުމުގެ ބިރުހީވެފައިވާ ދިރުންތަކުގެ ލިސްޓުގައި އައިޔޫސީއެންއިން ހިމަނާފައިވާ މަންމަލި ޖަނަވާރެއްގެ ބާވަތެކެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި "ޕިންކީ"ގެ ހަމުގެ ކުލައަށް ފިޔާތޮށިކުލަ އަރާފައިވަނީ ޖީންސްގެ ސަބަބުންނެވެ. އަނެއްބައި ސައިންސްވެރިން ބުނާ ގޮތުގައި "ޕިންކީ"އަކީ އަލްބީނޯ ކޯމަހެކެވެ.

"ޕިންކީ"ގެ ދަރި ކޯމަހުގެ ޖީންސްތައްވެސް އުފެދިފައި ހުރި ގޮތުން އޭގެ ހަންގަނޑަށްވެސް ވަނީ މިކުލަ އަރާފައެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުން ގިނަ ބައެއްގެ ރާޑަރަށް "ޕިންކީ" އެރީ މީގެ 12 ވަރަކަށް އަހަރު ކުރިންނެވެ. އެފަހަރު "ޕިންކީ" ދަތުރުކުރަމުންދިޔައީ އޭގެ މަންމައާއިއެކުގައެވެ. "ޕިންކީ"ގެ މަންމައަކީ އާންމު ކުލައެއްގައި އޮތް ކޯމަހެކެވެ. "ޕިންކީ" އެންމެ ފުރަތަމަ ފެނުނު ކެޕްޓަން އެރިކް ރޫ ބުނީ ތުންގަނޑުން ފެށިގެން ނިގޫކޮޅާ ޖެހެންދެކަށްވެސް ހުރީ ހުސް ފިޔާތޮށިކުލަ ކަމަށާ، "ޕިންކީ"ގެ ލޯ ހުންނަނީ ރަތްކުލާގައި ކަމަށެވެ. އަދި "ޕިންކީ"ގެ ހަންގަނޑަކީ އިންތިހާއަށް އޮމާން، އޮފުއަރާ ހަންގަނޑެއްކަމަށްވެސް ކެޕްޓަން އެރިކް ވަނީ ކިއާދީފައެވެ.

"ޕިންކީ" ވިހައިގެން އުޅޭ މަންޒަރު ފެނިފައިވަނީ ބްރިޖެޓް ބްރޫޖޯ ނަމަކަށް ކިއާ އަންހެނަކަށެވެ.