މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ޖަޕާނުގެ އެމްޕަރާކަމުގެ މަގާމަށް އިސްކުރެވުނު ނަރުހީޓޯއާއި ބައްދަލުކުރެއްވި ފުރަތަމަ ލީޑަރުގެ ޝަރަފު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކަށަވަރުކުރައްވައިފިއެވެ.

ޖަޕާނަށް ކުރައްވަމުން ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ޓްރަމްޕަށް ޖަޕާނުގެ ވެރިރަށް ޓިކިއޯގައި ހުންނަ އިމްޕީރިއަލް ޕެލަސްއިން މަރުޙަބާ ދަންނަވާފައިވަނީ އެމްޕަރާ ނަރުހީޓޯއާއި އެމްޕްރެސް މަސަކޯއެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް (މ)ގެ ޝަރަފުގައި ޖަޕާނުގައި އޮތް ގާޑްއޮފް އޮނާއެއް އިންސްޕެކްޓްކުރައްވަނީ/ފޮޓޯ: ރޮއިޓާޒް

ފާއިތުވީ 200 އެއްހާ އަހަރަށް ބަލާއިރުވެސް މިފަދަ ކަމެއް ހިނގި މިއީ ފުރަތަމަ ފަހަރުކަން ފާހަގަ ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، މިފަދަ ޝަރަފެއް ލިބިވަޑައިގެންނެވީތީ ފަހްރުވެރިވެވަޑައިގަންނަވާކަމަށެވެ.

މިދިޔަ ހަފުތާ ބަންދުވެސް ޓްރަމްޕް ހޭދަކުރައްވާފައިވަނީ ޖަޕާނުގައެވެ. އެގޮތުން ހަފުތާ ބަންދުގައި ޓްރަމްޕް ވަނީ ޖަޕާނުގެ ބޮޑުވަޒީރު ޝީންޒޯ އަބޭއާއިއެކު ގޮލްފު ކުޅުއްވާ، ސޫމޯ މެޗެއް ބައްލަވާލައްވާފައެވެ.