ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި އައިސިސް ޖަމާއަތާ ގުޅުނުކަމުގެ ކުށް ސާބިތުވި ބަޔަކު މެރުމަށް އިރާގުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

އައިސިސްއާއި ގުޅުނުކަމުގެ ކުށަށް އިއުތިރާވި 3 މީހުންނަކީވެސް ފަރަންސޭސިވިލާތުގެ މީހުންނެވެ.

މި 3 މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވާއިރު، މައްސަލަ އިސްތިއުނާފުކޮށްދިނުމަށް އެދި ހުށަހެޅުމުގެ ފުރުސަތު، 30 ދުވަހުގެ މުއްދަތަށް ވަނީ ހުޅުވާލާފައެވެ.

މިމީހުންނަކީ ސޫރިޔާގައި ހަނގުރާމަ ކުރަމުންދަނިކޮށް ހައްޔަރުކުރި ފަރަންސޭސިވިލާތުގެ 12 ރައްޔިތުންގެ ތެރޭގައި ހިމެނޭ ބައެކެވެ. ފެބުރުވަރީ މަހު ސޫރިޔާއިން ހައްޔަރުކުރި މިމީހުން މިހާރު ތިބީ ސަރިޔަތް ހިންގުމަށްޓަކައި އިރާގަށް ބަދަލުކޮށްފައެވެ.

މިއީ އައިސިސްއާއި ގުޅުންހުރި މައްސަލައެއްގައި ފަރަންސޭސިވިލާތުގެ ރައްޔިތުންތަކެއްގެ މައްޗަށް މަރުގެ ހުކުމް އިއްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، މިކަމާ ބެހޭ ގޮތުން ފަރަންސޭސިވިލާތުގެ ރައީސް އިމެނުއަލް މެކަޣޯން ވިދާޅުވީ މިކަމަކީ އިރާގުގެ އިސްތިޤުލާލާ ގުޅިފައިވާ ކަމެއް ކަމަށެވެ.

ކަންމިހެން އޮތް ނަމަވެސް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދަނީ އިރާގުގެ ނިންމުންތަކާ ދެކޮޅު ހަދަމުންނެވެ.

ހައްދުފަހަނައަޅާފައިވާ އައިސިސްގެ ހަނގުރާމަވެރިން ސޫރިޔާގައި ހަރަކާތްތެރިވަމުންދިޔަ ސަރަހައްދުތައް، ސޫރިޔަން ޑިމޮކްރަޓިކް ފޯސަސް (އެސް.ޑީ.އެފް)ގެ ބާރުގެ ދަށަށް ގެނެސްފައިވާއިރު، އެސް.ޑީ.އެފްގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރުކޮށްފައިވާ ބޭރުގެ ހަނގުރާމަވެރިންގެ އަދަދު 1000އަށް އަރައެވެ. އޭގެ ތެރޭގައި އަންހެނުންނާ ކުޑަކުދިންވެސް ހިމެނެއެވެ.

އެސް.ޑީ.އެފްގެ ކޮންޓްރޯލްގެ ދަށުން ހައްޔަރުކުރެވޭ ބޭރުގެ ހަނގުރާމަވެރިންގެ މައްޗަށް ތަހުގީގު ހިންގައިދޭނެ ކަމަށް އިރާގުން ވަނީ ބުނެފައެވެ.

އިންޓަނޭޝަނަލް ސެންޓާ ފޯ ދަ ސްޓަޑީ އޮފް ރެޑިކަލައިޒޭޝަންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ސޫރިޔާއާއި އިރާގުގަށް އަތްގަދަކޮށްގެން އުޅުނު އައިސިސްއާއި ގުޅުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުން ދިޔަ މީހުންގެ އަދަދު، 41000އަށްވުރެ ގިނައެވެ. މީގެ 4 ބައިކުޅަ 1 ބަޔަކީ އަންހެނުންނާ ކުޑަކުދިންނެވެ. އައިސިސްއާއި ގުޅިގެން އުޅުމަށްފަހު 7000އެއްހާ މީހުން އަލުން އަނބުރާ އެމީހުންގެ ގައުމުތަކަށް ގޮސްފައިވާކަމަށްވެސް ހޯދުންތަކުން ދައްކައެވެ.