މަޖިލީހުގެ ރިޔާސަތާ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ހަވާލުވާނެ މެންބަރެއް ކަނޑައެޅުމުގައި ދެ ރައީސުންގެ ހިޔާލު ތަފާތުވެ، އެކަމުގައި އާއިލާއާއި ޕާޓީގެ ކޯޅުންގަނޑު ބޮޑުވެ ގުޅުން ހީނަރުވާން ފަށައިފިކަމަށް ގިނަ ބަޔަކު ދެކެން ފަށައިފިއެވެ.
އަންގާރަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާގައި އާ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމަށް ވަގުތު ކުޑަތަން ވެފައިވަނިކޮށް ކޯޅުންގަނޑު ބޮޑުވެ ދެ ރައީސުންގެ އާއިލާގެ މެމްބަރުން މިވަނީ ބަހުގެ ހަމަލާތަކެއް ވެސް ބަދަލުކުރަން ފަށާފައެވެ. މަޖިލީހުގެ ރައީސްކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ގެންނަން ބޭނުންފުޅުވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިލިފުށީ ދާއިރާގެ އިންތިހާބީ މެންބަރު ހަސަން އަފީފު މަޖިލީހުގެ ރައީސްކަމަށް ގެންނަން ތާއިދުކުރައްވާ ކަން ހާމަކުރައްވާފައެވެ.
މީގެ ކުރިން މިފަދަ ވާހަކަތަކެއް ދެކެވުނު ނަމަވެެސް ރައީސް މިކަން ހާމަކުރެއްވީ ވަރަށް ފަހުންނެވެ. މިއާއެކު އެންމެ ރަހުމަތްތެރި ދެ ރައީސުންކަމަށް މިހާތަނަށް ބުނަމުން އައި ދެ ރައީސުންގެ ގުޅުން ވަނީ ދެކަފިވެފައެވެ. މިއާއެކު އެއް ރައީސަކަށްވުރެ އަނެއް ރައީސަކު މޮޅުވާން މަސައްކަތް ކުރައްވާކަމުގެ އަޑުތައްވެސް ވަނީ ފެންމަތިވާން ފަށާފައެވެ. މިއާއެކު ކުރިން އެދެބޭފުޅުންގެ ގުޅުން އެގޮތުގައި އޮންނާނެކަމަށް ދެކެވެމުން އައި ވާހަކަތަކުގައި މިއަދު ގިނަ ބަޔަކު ދަނީ ސުވާލުމާކު ޖަހަމުންނެވެ.
މަޖިލީހުގެ ރައީސްކަމުގައި އަސްލަމާއި އަފީފަށްވުރެ ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ވާދަވެރިކަން ބޮޑުކަމަށް ދަނީ ބުނަމުންނެވެ. މައްސަލަގަނޑު ބޮޑުވެ ކޮޅުން ލައިިގެން ދިޔުމުން ދެފަރާތުގެ ސަޕޯޓަރުންނަށް ވެސް މިއީ ކެތްވާވަރުގެ ކަމަކަށް ނުވިއެވެ. ނަޝީދަށް ވެރިކަން ނުލިބުމުގެ އަސްލަކަށްވީ ރައީސް ސޯލިހުކަމަށް ބުނާ ވާހަކަތަކުން ފެށިގެން ނަޝީދަކީ ފެންކައްކާ ބޮލީގެ އިއްޒަތްކަމަށް ސަޕޯޓަރުން ދަނީ ބުނަމުންނެވެ.
ސަރުކާރު މެންބަރުންނާއި ވަޒީރުން ނުފޫޒު ފޯރުވާކަމުގެ ތުހުމަތު
ރައީސް ސޯލިހު އަފީފަށް ތާއިދު ކުރައްވާކަން ހާމަކުރެއްވި ދުވަހުން ފެށިގެން ސަރުކާރުގެ ބައެއް މެންބަރުންނާއި އެމްޑީޕީގެ އިސް ފަރާތްތަކުން އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ. ބައެއް ފަރާތްތަކުން ތުހުމަތުގެ އިނގިލިތައް ދިއްކޮށް ބުނަމުން ދަނީ ވަޒީރުން ނުފޫޒު ފޯރުވާ ކަމަށެވެ. އަދި ނުފޫޒު ފޯރުވަމުންދަނީ އަފީފަށް ވޯޓު ދިނުމަށް ކަމަށް ބުނެ އެ ކަންކަން ބަލާ ފިޔަވަޅުއަޅާނެކަމުގެ އިންޒާރު އަނެއް ކޮޅުގައި ތިބި މެންބަރުން އަންނަނީ ދެމުންނެވެ.
މަޖިލީހުގެ ނައިބު ރައީސްކަމަށް ކުރިމަތިލައްވާ އަދި ގިނަ ބަޔަކު ސަޕޯޓު ކުރަމުންދާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އިވާ އަބްދުﷲ ވަނީ އަފީފަށް ތާއިދުކުރުމަށް ނުފޫޒު ފޯރުވަމުން ދާކަމަށް ވިދާޅުވެ އެކަމަށް ފާޑުވިދާޅުވެފައެވެ. އީވާ އަކީ ރައީސް ނަޝީދުގެ ސްޓޭންޑަށް ތާއިދުކުރައްވާ މެންބަރު އަސްލަމަށް ތާއިދު ކުރައްވާ މެންބަރެކެވެ. އީވާގެ ތުހުމަތުތައް ވަޒީރުންނަށް އަމާޒުވި އިރު، ސަރުކާރަށް ވެސް އީވާ ވަނީ ތުހުމަތުގެ އިނގިލި ދިއްކުރައްވާފައެވެ.
"ތަރައްގީގެ މަޝްރޫއު ހިންގާނީ ވަޒީރު ނުވަތަ ސަރުކާރު ބުނާ ގޮތަކަށް ވޯޓު ދެއްވުމުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ގާތު ވިދާޅުވުމަކީ ހުތުރު ކަމެއް" ތުހުމަތުތަކާއެކު އީވާ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ. އީވާ ވިދާޅުވީ ވެރިކަން ބަދަލުކުރީ އެގޮތް ކަމުނުދާތީ އެ އަޑު ނޭއްސެވުމަށް ކަމަށެވެ.
ހިޔާލު ތަފާތުވުން އޮތީ މާލޭގައި އެކަންޏެއް ނޫނެވެ. ޕާޓީގެ ގޮފިތަކުން ފަށައިގެން އާއިލާއިން ފެށިގެން ރައީސްގެ މޭޒުކޮޅާ ހަމައަށް ވެސް އޮތީ ހިޔާލު ތަފާތުވުމެވެ. އެމްޑީޕީގެ މަޑުއްވަރީ ދާއިރާގެ އެމްޑީޕީ ގޮފީގެ ރައީސް ވެސް ވަނީ ރައީސް ސޯލިހުގެ ފަޅިއަށް އަރުއްވާ ވާހަކަ ދައްކާފައެވެ.
ނަމަވެސް މި ހިޔާލާ އަލަށް އިންތިހާބުވި އެތައް މެންބަރެއްގެ ހިޔާލާވެސް ތަފާތެވެ. ރައީސް ނަޝީދާއި އާއިލީ ގޮތުން ގާތް ގުޅުމެއް އޮންނަ އަދި ގަލޮޅު ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު މީކާއިލް ނަސީމް ވަނީ މަޑުއްވަރީ ދާއިރާގެ އެމްޑީޕީ ގޮފީގެ ރައީސްގެ ހިޔާލާ ދެކޮޅު ހައްދަވާފައެވެ. މީކައިން ވިދާޅުވީ "ތިޔޭ މައްސަަލައަކީ. ރައީސް ނަޝީދަށް ވުރެ ސަރުކާރު ދެމެހެއްޓޭނީ ކުރިން ވެސް ބަޣާވަތް ކުރި ބަޔަކަށް ކަމަށް މޫކޭ މެންނަށް ހީވުން" ކަމަށެވެ.
އަލަށް ހޮވުނު އެތައް މެންބަރެއްގެ ހިިޔާލުވެސް ހުރީ މިފަދަ ގޮތަކަށެވެ. ރައީސް ނަޝީދު އަދިވެސް ޕާޓީގެ އެންމެ އިސްލީޑަރަށް ވުރެ އިސްކޮށް ރައީސް ސޯލިހުގެ ބާރެއް ނެތްކަމަށް އާ އެތައް މެންބަރުން ވެސް އަންނަނީ ދައްކަމުންނެވެ.
ދެ ރައީސުންގެ އާއިލާގެ ތެރޭގައިވެސް ބަހުގެ ހަމަލާތައް
ދެ ރައީސުންގެ ހިޔާލު ކަފިވިތާ އެތައް ދުވަހެއް ފަހުން ދެ އާއިލާގެ ބޭފުޅުންގެ ދެމެދުގައި ދަނީ ބަހުގެ ހަމަލާތަކެއް ވެސް ބަދަލުކުރެވެމުންނެވެ. ރައީސް ނަޝީދާއި ރައީސް ސޯލިހު އާއިލީ ގޮތުން ކޮންމެވެސް ވަރެއްގެ ގުޅުމެއް އޮތް ނަމަވެސް، އާއިލާގެ ބެފުޅުން މިއަދު ވަނީ ވަކި އަތަކަށް ޖެހެން ފަށާފައެވެ.
ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޝިދާ ސައްތާރު ވެސް ވަނީ ހިތްހަމަ ނުޖެހުން ފާޅުކިރައްވައި ޓްވީޓެއް ކުރައްވާފަ އެވެ. އޭނާ ވިދާޅުވާ ގޮތުން ރައީސް ނަޝީދު ބޭނުން ކުރައްވަނީ، ބައެއް ބޭބޭފުޅުން މަގާމަށް އަންނަން ބޭނުން ކުރާ ޓޫލެއްގެ ގޮތުގައެވެ.
ބޭބޭފުޅުންގެ ޓިކެޓަށް ނަޝީދު ބޭނުންފުޅުވީމަ ކުޑަ ދުވަސްކޮޅަކަށް ނެރޭނީ،" ނާޝިދާގެ އެ ޓްވީޓްގައިވެ އެވެ.
މަޖިލިސް ރައީސްގެ މައްސަލައިގައި އެންމެ ފުރަތަމަ ދެކޮޅު ހެދި ސަރުކާރުގެ އެއް މެންބަރަކީ އީވާއެވެ. ރައީސް ނަޝީދަށް ބޮޑުބޭބެ ވިދާޅުވާ އީވާ ވެސް ވަނީ ރައީސް ސޯލިހުގެ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.
ނަޝީދުގެ އާއިލީ އެހެން ބޭފުޅެއް ކަމަށްވާ އުމޭ މުހައްމަދު ވެސް ވަނީ އެމަނިކުފާނުގެ ދިފާއުގައި ޓްވީޓް ކުރައްވާފަ އެވެ. އުމޭ ވިދާޅުވީ ރައީސް ނަޝީދުގެ ދުވަސް ދުއްވާލަން ރައީސް ސޯލިހު އުޅުއްވާ ކަމަށެވެ. ބަޔަކު ހަަރާންކޯރުވާނީ މިހާ ވަރަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ހާދަކަމެއް އަންނި މި މީހާއަށް ކޮށްދިފިއޭ. ހަނދާންކުރާތި، ދުވަހަކުވެސް އަހަރުން ކަލެޔަކަށް މާފެއް ނުކުރާނަން. މިހާކަށްހާވަރަށް ބަޔަކު ހަރާންކޯރު ވާނީ" އުމޭގެ ޓްވީޓުގައި ވިދާޅުވިއެވެ.
ކަން މިހެން ދަމުން ގޮސް، ރައީސް ސޯލިހުގެ ކޮއްކޯފުޅު، އައިޝަތު މުހައްމަދު ސޯލިހު ވިދާޅުވީ ފެނިގެން ދަނީ ހަމަ ހަސަދަވެރިކަން ކަމަށެވެ.
ދެ ރައީސުންގެ ޒަމާންވީ ގުޅުމުގައި ރެނދުލީތަ؟
ދެ ރައީސުންނަކީ އެކަކު އަނެކަކާ ނުލާ ނޫޅުއްވޭނެ ދެބޭފުޅުން ކަމަށް އަބަދުވެސް ދެބޭފުޅުން ދައުވާ ކުރައްވައެވެ. ނަމަވެސް މަޖިލީހުގެ ރައީސްގެ ރޭހުގައި ކަންކަން މި ހިނގާ ގޮތުން މިކަން މިހެން އޮވެދާނެބާއޭ ސުވާލުކުރާ މީހުންގެ އަޑުވަނީ ގަދަވާން ފަށާފައެވެ. ރޭ ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގުރޫޕްގެ ސްކްރީންޝޮޓްތަކެއް ވެސް ލީކްވެފަ އެވެ. މި ސްކްރީން ޝޮޓްތަކާއެކު ބައެއް ފަރާތްތަކުން ބުނަމުން ދަނީ މިއީ ރައީސް ނަޝީދު ރައީސް ސޯލިހަށާއި ވަޒީރުންނަށް ދެއްވި ފިނި ވޯނިންއެއް ކަމަށެވެ.
ލީކުވި ސްކްރީން ޝޮޓުގައިވާ ގޮތުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕީޖީ ގުރޫޕް ރުޅިވެރިވެ ބައިބައިވެއްޖެނަމަ އޭގެ ހިތި ސަރުކާރަށް ވެސް އަދި ރައްޔިތުންނަށް ވެސް ފޯރާނެއެވެ. މިނިސްޓަރުންނަށް ވެސް ރައީސް ސޯލިހަށް ވެސް ދަތިފުޅުވާނެ ކަމަށެވެ.
ނަމަވެސް މިކަން އޮތީ ހަމަ މިހެންބާއޭ އުފެދޭ ސުވާލުތައް ސޯޝަލް މީޑިއާގައި ދަނީ ބަންޑުން ވަމުންނެވެ.
ރައީސް ނަޝީދުގެ ފޭކް ޓްވިޓާ އެކައުންޓެއް ކަމަށް ބުނާ އެލެކްސްގެ އެކައުންޓުން ވަނީ ޅެންބައިތަކުން މިއަދު ނުގޮތަކަށް ޖަވާބެއް ދީފައެވެ.
މަޖިލިސް ރައީސްކަމަށް ބޭފުޅަކު އިންތިހާބު ކުރުން އޮންނާނީ މި ހަފްތާގެ އަންގާރަ ދުވަހުއެވެ. އޭގެ ކުރިން އެމްޑީޕީން މަޖިލީހުގެ ރައީސްކަމަށް ގެންނަން ބޭނުންވާ މެންބަރެއް ހޮވުމަށް ބޭނުންވާ ވޯޓު ޕާޓީ ތެރޭގައި ނަގާނެއެވެ. އެކަން އޮތީ މާދަމާ ރެއެވެ.