ސިޔާސީ ޕާޓީތަކުގެ ތެރެއިން މިދިޔަ އަަހަރު ނިމުނު އިރު 10،000 މެންބަރުން ތިބި ޕާޓީތަކަށް ފައިސާ ދޫކޮށްދިނުމަށް ފިނޭންސް މިނިސްޓްރީއަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފޮނުވައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ ޕާޓީތަަށް ދޭންޖެހޭ ފައިސާ ޖޫރިމަނާ ކެނޑުމަށްފަހު ޖަމާކޮށްދިނުމަށް މިދިޔަ ހަފްތާގައި އީސިއަށް ފޮނުވާފައިވާ ކަމަށެވެ.

އީސީން ބުނީ މިއަހަރުގެ ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ނިންމާފައިވަނީ ހަތަރު ޕާޓީއަކަށް ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީ، ޕީޕިއެމް، ޖޭޕީ އަދި އެމްޑީއޭއެވެ. އެގޮތުން އެމްޑީޕީއަށް 12.7 މިލިއަން ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު، ޕީޕީއެމަށް ދިނުމަށް ހަމަޖެހިފައިވަނީ 9.2 މިލިއަން ރުފިޔާއެވެ. އަދި ޖޭޕީއާއި އެމްޑީއޭއަށް 2 މިލިއަން ރުފިޔާ ދިނުމަށް ވަނީ އެދިފައެވެ.

އީސީން ވަނީ ސިޔާސީ ޕާޓީތަކުގެ ގަވާއިދާ ހިލާފުވުމުގެ ސަބަބުން ދެ ޕާޓީއެއް ޖޫރިމަނާވެސް ކޮށްފައެވެ. އެގޮތުން އެމްޑީޕީ 60،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ އިރު، ޕީޕީއެމް ވަނީ 95،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 28 ގެ ނިޔަލަށް 29663 މެންބަރުން އެމްޑީޕީގައި ތިބިކަމަށް އީސީގެ ތަފާސް ހިސާބުތަކުން ދައްކާ އިރު، މިދިޔަ އަހަރުގެ ނިޔަލަށް އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 54950 އަށް އަރާފައެވެ. ޕީޕީއެމްގެ މެންބަރުންގެ އަދަދު މިދިޔަ ނޮވެމްބަރު 28 ގެ ނިޔަލަށް 48240 ތިބި އިރު، މިދިޔަ އަހަރުގެ ނިޔަލަށް އެ އަދަދު ވަނީ 40227 އަށް ދަށްވެފައެވެ. ޖޭޕީގައި މިދިޔަ އަހަރުގެ ނިޔަލަށް 8837 މެންބަރުން ތިބި އިރު، އެމްޑީއޭގައި ތިބީ 8716 މެންބަރުންނެވެ.