ދެތިން ހަތަރު މީހަކު އެއްތަންވެއްޖެ ނަމަ ކޮންމެވެސް ވާހަކައެއް ނުދައްކާ ނުތިބޭނެކަން ޔަގީނެވެ. މިއިން ކޮންމެ ހާލަތަކަށް ބެލި ކަމުގައި ވީ ނަމަވެސް ފާހަގަކުރެވޭނެ އެއް ކަމެއް އޮންނާނެއެވެ. ހައެއްކަ ރަހުމަތްތެރިން އެއްތަންވެގެން ވާހަކަ ދެއްކިއަސް މުޅިންހެން ފެންނާނީ ކޮންމެ މީހަކުވެސް އަނގަނުހިއްޓި ވާހަކަ ދައްކާ މަންޒަރެވެ. ހަގީގަތުގައި އެ ދައްކާ ވާހަކައެއް އަޑުއަހަން އެތަނުގައި އިންނާނީ އެންމެ މީހެކެވެ. ނުވަތަ ނަސީބު ގަދަނަމަ 2 މީހަކު ވެދާނެއެވެ.

މީހުން ދައްކާ ވާހަކަ ކަނުލާ އަޑުއަހަން ތިބޭ މީހުންނަކީ ރަހުމަތްތެރިކަމާ އާއިލީ ގުޅުންތަކަށް ބަލާއިރު ޖަވާހިރެކެވެ. މިކަހަލަ މީހުންނަކީ ވަރަށް ކެތްތެރި، ގިނަ ފަހަރަށް އެހާމެ ހިތްވެސް ތިރި މީހުންނެވެ. މިކަހަލަ މީހުންނަކީވެސް އެމީހުންގެ ހިތުގެ ޝުއޫރު ބަންޑުންކޮށްލަން ބޭނުންވާނެ މީހުންނެވެ. އެހެންނަމަވެސް، އެމީހުންގެ ވާހަކަތަކަށް ގިނަ ފަހަރަށް އޮންނަނީ ސަމާލުކަންވެސް ނުދެވިއެވެ.

ކަންމިހެންއޮތްއިރު، އެފަދަ މަޑުމައިތި މީހުންގެ ވާހަކަތަކަށް އަޑުއަހާ މީހަކަށް ތިބާނީ ކިހިނެއްތޯއެވެ. މިފަދަ މީހަކަށް ތިބާވުމަށްޓަކައި އެންމެ ފުރަތަމަވެސް ކުރަންޖެހޭ ކަމަކީ ބަޔަކު ވާހަކަ ދައްކާއިރު، އެމީހުންނާއެކު އަނގަ ހުއްޓާނުލާ ވާހަކަ ދެއްކުމުގެ ބަދަލުގައި، ތިބާ ބުނަން ބޭނުންވާ އެއްޗެއް ނުބުނެ ހިފަހައްޓާލަން ފަރިތަކުރުމެވެ. މިގޮތަށް ކަނުލާ އަޑުއަހަން އިނުމުން، އެ ތަނެއްގައި ނުދައްކާ ކިތަންމެ ވާހަކައެއްގެ އިހުސާސްވެސް ތިބާއަށް ކުރެވެން ފަށާނެއެވެ.

މިފަދަ އުހުސާސްތަކެއް ކުރެވެން ފަށާ ހިސާބުން، އެކަމަކާ ގުޅޭ ދެވަނަ މީހާއާއި ވަކިން ބައްދަލުކުރާށެވެ. އަދި އެމީހާއާއި ވާހަކަދައްކާށެވެ. އެވަގުތު އެމީހާގެ މޫނުމައްޗަށް ވެރިވަމުންދާ އިހުސާސްތަކަށް ރަނގަޅަށް ބަލާށެވެ. ހަގީގަތުގައި ކަންވެގެން އުޅޭ ގޮތް އޭރުން މާ ބޮޑަށް ސާފުވާން ފަށާނެއެވެ.

އެކުގައި މަސައްކަތްކުރާ މީހުންގެ ތެރޭގައިވެސް، އަމިއްލަ އިހުސާސްތައް ކިޔާދޭން ނުކުރޭ މީހަކު ހުރެދާނެއެވެ. އިސްވެދެންނެވި ގޮތަށް ކަންތައްތައް ކުރުމުން، އެކަހަލަ މީހަކާ ވާހަކަދައްކަންވެސް ފަސޭހަ ވާނެއެވެ. މީހަކު ވާހަކައެއް ބުނަން އުޅެ ނުކުރިގެން އުޅޭކަންވެސް ތިބާއަށް އެނގެން ފަށާނެއެވެ.

އަދުގެ އާންމު ހާލަތަށް ބަލާއިރު ހެދޭ އެންމެ ބޮޑު އެއް ގޯހަކީ "ސޭމް ހިއާ"އޭ ބުނެ، އެކަމެއްގައި ތިބާއަށް ކުރެވުނު ތަޖުރިބާތައް ބަންޑުން ކުރަން ފެށުމެވެ. އަނެއް މިހާއަށް ވީ ގޮތެއްވެސް ގިނަ ފަހަރު އޮންނާނީ ކިއާ ނުދެވިފައެވެ. މިއީ ކަނޑުވާލަންވެއްޖެ ނުރަނގަޅު އާދައެކެވެ. ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. ތިބާގެ ތަޖުރިބާއަކަށް އެހުމުން މެނުވީ، އެ ހާސަރުތައް ދެމުމުގެ ބޭނުމެއް އެބައޮތްހެއްޔެވެ!