ޔަގީނާ ގާތަށް ބޮޑުވަޒީރުކަމުގެ 2 ވަނަ ދައުރެއް ކަށަވަރުކުރައްވާފައިވާ ނަރޭންދްރާ މޯދީ، މަގާމުގެ ހުވާ ކުރައްވާ ރަސްމިއްޔާތަށް ވަޑައިގަތުމަށް ދުނިޔޭގެ ގައުމުތަކުގެ އިސް ލީޑަރުންނަށް ވަގުތު އެބައޮތްތޯ ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޚަބަރު ލިބިއްޖެއެވެ.
ބައިނަލްއަގުވާމީ މީޑިއާ ބުނާ ގޮތުގައި މޯދީ ހުވާކުރައްވާނެ ކަމަށް ބެލެވެނީ މި މަހުގެ 28 ނުވަތަ 30 ވަނަ ދުވަހުއެވެ.
ޚަބަރު ލިބޭ ގޮތުގައި މިވަގުތު ކުރިއަށްދަނީ އެދުވަހު ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވޭނެ ލީޑަރުން ދެނެގަތުމުގެ މަސައްކަތެވެ. ރަސްމީ ދައުވަތު ކާޑުތައް އަދި ފޮނުވާފައެއް ނުވެއެވެ.
މޯދީގެ ފުރަތަމަ ސަރުކާރު ހުވާކުރެއްވުމަށް 2014 ވަނަ އަހަރު ރާޝްތްރާޕަތީ ބަވަންގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ސާކުގެ 7 ގައުމުގެ ލީޑަރުންގެ އިތުރުން މޮރިޝަސްގެ އިސްވެރިޔާވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މޯދީ ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެކަން އާދީއްތަ ދުވަހުގެ ހެނދުނާ ހަމައަށް ރަސްމީ ސިފައެއްގައި ކަށަވަރުކޮށްދެއްވާފައި ވަނީ ސްރީލަންކާގެ ރައީސް މައިތްރީޕާލަ ސިރިސޭނާ އެކަންޏެވެ. ނަމަވެސް، ބޫޓާންއާއި އަފްޣާނިސްތާނުގެ އިތުރުން ދިވެހިރާއްޖެއިން ވެސް އިސް ލީޑަރުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މޯދީގެ އާ ސަރުކާރު ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ދައުވަތު ޕާކިސްތާނަށް ލިބޭނެ ކަމާ މެދު ހޫނު ބަހުސްތަކެއް ދަނީ ކުރެވެމުންނެވެ.
ބޮޑުވަޒީރުކަމުގެ ރަސްމީ ހުވާ ދެވަނަ ދައުރަކަށް ކުރެއްވުމަށްފަހު ފުރަތަމަ މަސްދުވަސް ވެގެންދާނީ މޯދީއަށް ވަރަށް ބިޒީ ދުވަސްކޮޅަކަށެވެ. ވަކީން ހާއްސަކޮށް، ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކުރައްވާ ގުޅުންތައް އިތުރަށް ހަރުދަނާ ކުރެއްވުމުގެ ގޮތުން މި ދުވަސްކޮޅުގެ ތެރޭގައި މޯދީ ގިނަ ދަތުރުފުޅުތަކެއް ކުރައްވާނެ ކަމަށްވެސް ޚަބަރު ލިބެއެވެ.
މިހާތަނަށް ލިބިފައިވާ ކަށަވަރު މައުލޫމާތަށް ބަލާއިރު ޖޫން 13-14އަށް ކިރިގިޒްތާނުގައި ކުރިއަށްދާ ޝަންހާއި ކޯޕަރޭޝަން އޯގަނައިޒޭޝަންގެ ބައްދަލުވުމާ، ޖޫން 28-29 އަށް ޖަޕާނުގައި ކުރިއަށްދާ ޖީ-20 ސަމިޓްގައި މޯދީ ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ދެކުނު އޭޝިއާގެ ސިޔާސީ މަސްރަހު ދިރާސާކުރާ ބުރަވާ ގޮތުގައި، ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރުގެ ފުރަތަމަ މަންޒިލަކަށް ވާނީ ދިވެހިރާއްޖެއެވެ. ނަމަވެސް 2 ގައުމުން ކުރެ އެއްވެސް ގައުމެއްގެ ސަރުކާރުން މިކަން އަދި ރަސްމީކޮށް ކަށަވަރުކޮށްދެއްވާފައެއް ނުވެއެވެ.