މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ޓެރަރިސްޓް ހަމަލާތަކަށްފަހު މުސްލިމުންނަށް އަމާޒުކޮށް ސްރީލަންކާގައި ދެމުންދާ ހަމަލާތައް ހުއްޓުވުމަށް އެގައުމުގެ ފުލުހުން ފެއިލްވެފައިވާކަމަށް ސްރީލަންކާގެ އިންސާނީ ހައްގުތަކާ ބެހޭ މިނިވަން ކޮމިޝަން (އެޗް.އާރް.ސީ.އެސް.އެލް) އިސްވެރިޔާ ޗަންދަނާ ވިކުރަމަރަތުނަ ވިދާޅުވެއްޖެއެވެ.

ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި ގިނަ ބަޔަކު ދޫކޮށްލުމުގެ ސަބަބުން ދެން ފެނިގެން ދިޔައީ މުސްލިމުންނަށް އަނިޔާތަކެއް ދެވިގެން ދިޔަ މަންޒަރުކަމަށާއި، ތުހުމަތުގައި ހައްޔަރު ކުރެވިފައިވާ ބައެއް މީހުން ދޫކޮށްލާފައި ވަނީ ސިޔާސީ ނުފޫޒުގެ ބާރުގައި ކަމަށްވެސް ވާހަކަ ދެކެވެމުންދާކަމަށް އެޗް.އާރް.ސީ.އެސް.އެލް އިން ވަނީ ފާހަގަކޮށްފައެވެ.

މިނިވަންވެގެން ނިކުމެގެން ދިޔަ މީހުން މުސްލިމުންނާ، މުސްލިމުންގެ މުދަލާ ތަންތަނަށް ގެއްލުން ދެމުން ދިޔައި ފުލުހުންގެ ކުރިމަތީގައި ކަމަށާ، އެކަން ހުއްޓުވުމަށް ފުލުހުން އެކަނި ނިކުމެގެން ކުރެވޭނެ ކަމެއް ނެތް ނަމަވެސް، ސަލާމަތީ ބާރުތަކުގެ ފުރިހަމަ އެހީ ހޯދުމަށް ފުލުހުން މަސައްކަތްކޮށްފައި ނުވާ ކަމަށް ވެސް އެޗް.އާރް.ސީ.އެސް.އެލް އިން ވަނީ ތުހުމަތުކޮށްފައެވެ.

ކަންމިހެން އޮތްއިރު ފުލުހުންގެ ޒިންމާއާއި މަސްއޫލިއްޔަތަށް ހުރަސްއަޅާ ކޮންމެ ބަޔަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅެންޖެހޭނެ ކަމަށް ވެސް ސްރީލަންކާގެ އިންސާނީ ހައްގުތަކާ ބެހޭ މިނިވަން ކޮމިޝަނުން ވަނީ ގޮވާލާފައެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގެ މައްސަލާގައި މުސްލިމުންނަށް އަމާޒުކޮށް މި ރަމަޟާން މަހު ސްރީލަންކާގައި ދިން ހަމަލާތަކުގައި 1 ފުރާނަ ގެއްލިފައިވާކަން މިހާތަނަށް ވަނީ ކަށަވަރުކުރެވިފައެވެ. އިތުރު ބަޔަކަށް ޖިސްމާނީ ގޮތުން ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު، މުސްލިމުންގެ މިސްކިތްތަކާ، ފިހާރަތަކާ ގެދޮރުވަނީ ސުންނާފަތިކޮށްލާފައެވެ. ނަމަވެސް، ވަކި ސަބަބެއް ބަޔާން ކުރެއްވުމެއް ނެތި، ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާ ވަނީ އެގައުމުގެ ބުދިސްޓުންގެ ބޮޑު ފާދިރިއަކަށް މައާފުދެއްވާފައެވެ.