މިދިޔަ މަހުގެ 21 ވަނަ ދުވަހު ސްރީލަންކާގެ އެކި ހިސާބުތަކަށް ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން، ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކުން އަނެއްކާވެސް ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

އަސްކަރިއްޔާގެ ފައުޖުތަކުން މިފަހަރު ފަށާފައިވާ މި އޮޕަރޭޝަނަކީ، މކިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ހަމަލާތަކުގެ ފަހަތުގައި އޮތް ހަރުކަށި، ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި ޖަމާއަތާ ގުޅުން އޮތް މީހުންގެ ތެރެއިން، މިހާތަނަށް އަތުލައިނުގަނެ ތިބި މީހުން ހޯދުމަށް ހިންގާ ހާއްސަ އޮޕަރޭޝަނެއް ކަމަށް މައުލޫމާތު ލިބެއެވެ.

އަދިވެސް އެއް މަސްދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތުގެ މުހުލަތު އިތުރުކޮށްފައިވާއިރު، ސަލާމަތީ ބާރުތަކަށް ލިބިދީފައިވާ ހާއްސަ ބާރުތަކުގެ ދަށުން، ސްރީލަންކާގެ އަސްކަރިއްޔާއިން ހާއްސަ އޮޕަރޭޝަން ފަށާފައި ވަނީ ވެރިރަށް ކޮޅުނބުގެ ރަށްފުށު ހިސާބުތަކަށް އަމާޒުކޮށްގެން ކަމަށް ޚަބަރު ލިބެއެވެ.

250 އަށްވުރެ ގިނަ މީހުން މަރުވެ، 500 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބުނު މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ޓެރަރިސްޓް ހަމަލާގެ ޒިންމާ އައިސިސް ޖަމާއަތުން އުފުލާފައިވާއިރު، މިކަމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ބެލެވޭ ޒަހްރާން ހާޝިމުވަނީ އަމިއްލައަށްވުރެވެގެން ބޮމުގެ ހަމަލާ ދިނުމުގައި ބައިވެރިވެފައެވެ.