އިންޑިއާގެ ވެރިކަން ކުރާ ބާރްތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) އަށް ލިބުނު އާދަޔާ ހިލާފު ކާމިޔާބީގެ އުފާ ފާޅުކުރަމުންދާ އިންސްޓަގްރާމް އެކައުންޓަކުން، އަންހެން ދަރިފުޅު ރޭޕްކޮށްލާނެ ކަމަށް ބުނެ އިންޒާރެއް ލިބިފައި ބަޔަކު އަމަލުކުރަންވީ ކިހިނެއްތޯ ބޮލީވުޑްގެ ފިލްމް އުފެއްދުމުގައި ގިނަ ބައެއްގެ ސަމާލުކަން ހޯދި އަނޫރާހު ކަޝްޔަޕު، ބޮޑުވަޒީރު ނަރޭންދްރާ މޯދީއާއި ސުވާލުކޮށްފިއެވެ.

އިންޑިއާގެ 17 ވަނަ އާންމު އިންތިހާބުގައި މޯދީއާއި ބީޖޭޕީއިން ހޯދި ކުރިއެރުން ފާހަގަކޮށް އެކަމަށް މަރުޙަބާ ކިޔަމުން ކުރި ޓުވީޓެއްގައި އަނޫރާގު ވަނީ މޯދީއާއި އޭނާގެ ފިކުރު ތަފާތުވުމުން އެކަމާ ހިތްހަމަނުޖެހުނު މޯދީގެ ސަޕޯޓަރުން ދެމުންދާ މިފަދަ އިންޒާރުތަކަށް މޯދީ ޖަވާބުދާރީވެވަޑައިގަންނަވާނީ ކިހިނަކުންތޯ ސުވާލުކޮށްފައެވެ. މި ޓްވީޓުގައި އަނޫރާގު ވަނީ މޯދީގެ ރަސްމީ ޓްވިޓާ ހޭންޑްލްވެސް ޓެގްކޮށްފައެވެ.

މިއާއެކު ފިލްމީ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކު ވަނީ ކަޝްޔަޕާ ދެކޮޅު ހަދާ، މޯދީގެ ދިފާއަށް އަރާފައެވެ. އެގޮތުން ޕްރޮޑިއުސާ އަޝޯލް ޕަންޑިތު ވަނީ އިންޑިއާގައި ތަންފީޒީ ބާރުތަކެއް އޮންނަ ކަމަށާ، މައްސަލަ ރަސްމީކޮށް ހުށަހަޅައިގެން ކުރިއަށްދާނެ މަގުތަކެއް ހުރިކަން ކަޝްޔަޕަށް ހަނދާންކޮށްދޭ ކަމަށް ބުނެ ޓްވީޓެއް ކޮށްފައެވެ.

އިންޑިއަން ފިލްމްސް އެންޑް ޓެލެވިޒަން ޑައިރެކްޓާޒް އެސޯސިއޭޝަންގެ ރައީސްކަމުގެ މަގާމުގައިވެސް ހުރި ޕަންޑިތު ވަނީ، އަނޫރާގު ކަޝްޔަޕު މަސްތުގެ ހާލުގައި ހުރެގެން އޭނާއަށް ޓެކްސްޓް ކުރިކަމަށް ބުނެ ސޯޝަލް މީޑިއާއަށް ވާހަކަތަކެއް ފެންމަތިކޮށްފައެވެ. އަދި އަނޫރާގު ކަޝްޔަޕަށް އިރުޝާދު ދިނުމުގެ ރޫހެއްގައި ކަމަށް ބުނެ ޕަންޑިތުވަނީ އެއް ޓްވީޓެއްގައި އަނޫރާގު ކަޝްޔަޕުގެ ޓުވިޓާ ހޭންޑްލްއާއި އިންޑިއާގެ ތަންފީޒީ ބާރާ، ކަމާ ގުޅުންހުރި އިދާރާތަކުގެ ރަސްމީ ޓްވިޓާ ހޭންޑްލްތައް ޓެގުކޮށްފައެވެ.