17 ވަނަ އާންމު އިންތިހާބުގައި ރައްޔިތުން ނިންމި ނިންމުމަށް އިހުތިރާމް ކުރައްވާނެ ކަމަށް ވިދާޅުވެ، އިންޑިއާގެ މައި އިދިކޮޅު ސިޔާސީ ޕާޓީ ކަމުގައިވާ ކޮންގްރެސްގެ ރައީސް ރާހުލް ގާންދީ ބަލި ގަބޫލުކުރައްވައިފިއެވެ.

އާދަޔާ ހިލާފަށް ވަރުގަދަ ތާއީދަކާއެކު ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ސަރުކާރުން ދެވަނަ ދައުރެއްގެ ވެރިކަން ކަށަވަރުކުރެއްވުމާއެކު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރާހުލް ވިދާޅުވީ، އިންޑިއާގެ ބޮޑުވަޒީރަކަށް ދެންވެސް ހުންނަވާނީ މޯދީ ކަމުގައި އިންޑިއާގެ ރައްޔިތުން ކަނޑައަޅައިފި ކަމަށާ، އެ ނިންމުމަށް އޭނާ އިހުތިރާމް ކުރައްވާނެ ކަމަށެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރާހުލް ވަނީ މޯދީއާއި ބީޖޭޕީއިން ހޯދި ކުރިއެރުންތަކަށް މަރުހަބާ އާއި މުބާރަކްބާދު ވިދާޅުވެފައެވެ.

ވެރިންނަކީ ރައްޔިތުންކަމަށާ، ރައްޔިތުން އެ ރައްޔިތުންގެ އަޑު އިއްވައިފި ކަމަށާ، ރައްޔިތުން ބިރުގަނެފައި ނުތިބުމަށްވެސް ރާހުލް ވަނީ ގޮވާލައްވާފައެވެ.

މިފަހަރުގެ އާންމު އިންތިހާބުގައި ރާހުލް ވަނީ 2 ދާއިރާއަކުން ވާދަކުރައްވާފައެވެ. މިއީ 2 ދާއިރާއަކުން އާންމު އިންތިހާބެއްގައި ރާހުލް ވާދަކުރެއްވި ފުރަތަމަ ފަހަރެވެ. އިންޑިއާގެ 17 ވަނަ އާންމު އިންތިހާބުގައި އާމޭތީއާއި ވޭޔަނާދުގެ ދާއިރާއިން ރާހުލް ވާދަކުރެއްވިއިރު، އަމޭތީގެ ދާއިރާގެ ގޮނޑި ގެންދިޔައީ ބީޖޭޕީ ސްމިރިތީ އިރާނީއެވެ. ނަމަވެސް، %64.7 ވޯޓާއެކު ވޭޔަނާދުގެ ދާއިރާއިން އަދި ލީޑުގައި އޮތީ ރާހުލްއެވެ.

542 މެމްބަރުންގެ މައްޗަށް އެކުލެވޭ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ އަޣުލަބިއްޔަތަށްވުރެވެސް އިތުރަށް ބީޖޭޕީއިން ގޮނޑި ކަށަވަރުކުރިއިރު ކޮންގްރެސްއަށް ލިބިފައިވަނީ 89 ގޮނޑިއެވެ. އަނެއް 99 ގޮނޑި ގެންގޮސްފައިވަނީ އެހެނިހެން ފަރާތްތަކުންނެވެ.