ދިރިހުންނެވި ކޮންމެ ވަގުތަކީ ޖާނާ ރޫހުން ގައުމުގެ ރައްޔިތުންގެ ހައްގަށްޓަކައި ހަދިޔާކުރައްވާނެ ވަގުތެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ 17 ވަނަ އާންމު މަޖިލީސް އިންތިހާބު، ތާރީހީ ބޮޑު ފަރަގަކުން ކާމިޔާބުކުރެއްވުމަށްފަހު، ވެރިރަށް ނިއުދިއްލީގައި ހުންނަ ބާރްތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)ގެ މައި އިދާރާއަށް ވަޑައިގެން ދެއްވި ފުރަތަމަ ތަގުރީރުގައި މޯދީ ވިދާޅުވީ، މި މެންޑަޓަކީ މުޅިން އާ އިންޑިއާއެއްގެ ފެށުމަށް އޮތް މެންޑޭޓެއް ކަމަށެވެ.

ދޮޅުމަހެއްހާ ދުވަހަށް ދެމިގެންދިޔަ އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓުލުމުގެ މަރުހަލާއަށް އިޝާރާތް ކުރައްވާ މޯދީ ވިދާޅުވީ، މިއީ މިހާ ގިނަ އަދަދެއްގެ މީހުން ވޯޓުލާން ނިކުމެ، އެ ރައްޔިތުންގެ އަޑު މިހާ ގަދައަށް އިއްވާލި ފުރަތަމަ ފަހަރު ކަމަށާ، އެކަންވެސް ކުރީ ގަދަ ހޫނުގައި ކަމަށެވެ. އިންޑިއާގެ އާންމު އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ 900 މިލިއަނަށްވުރެ ގިނަ މީހުން ތިބިއިރު އޭގެ ތެރެއިން %67 އަށް ވުރެ ގިނަ މީހުން ވަނީ ވޯޓު ދީފައެވެ.

ނަސްރުގެ ތަގުރީރު ދެއްވަމުން ގެންދެވި ވަގުތަކީ ދިއްލީއަށް ވާރޭވެސް ވެހެމުންދިޔަ ވަގުތެއްކަން ފާހަގަކުރައްވާ މޯދީ ވިދާޅުވީ، އިންޑިއާގެ އިންތިހާބަކީ ދުނިޔޭގެ ފެންވަރުގައިވެސް ޑިމޮކްރަސީގެ ގަދަފަދަ ބާރެއްކަން ސާބިތުކުރެވިގެންދާނެ ކަމަށެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން މޯދީ ވިދާޅުވީ އިންޑިއާގައި ދެން އޮންނާނީ 2 ގިންތިއެއް ކަމަށާ، އެއީ ފަގީރުންނާ ފަގީރުކަން ނައްތާލަން މަސައްކަތްކުރާ ގިންތި ކަމަށެވެ.

އެއްވެ ތިބި ސަޕޯޓަރުންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ބީޖޭޕީގެ ރައީސް އަމީތު ޝާހު ވިދާޅުވީ، މޯދީ ހޯއްދެވި ކާމިޔާބީއަކީ ތާރީހީ ކާމިޔާބެއް ކަމަށެވެ. އެގޮތުން ފާއިތުވީ ބައި ގަރުނުގެ ދިގު ތާރީހަށް ބަލާއިރު، ވެރިކަން ކުރާ އެއް ޕާޓީއަކުން ގިނިކަންޏާ މަޖިލީހުގެ އަޣުލަބިއްޔަތު ހޯއްދެވިފައި ނުވާކަމަށެވެ. މިފަހަރުގެ އިންތިހާބުގައި ބީޖޭޕީއިން އެކަނިވެސްވަނީ، މަޖިލީހުގެ އަޣުލަބިއްޔާތަށްވުރެ އިތުރަށް ގޮނޑި ކަށަވަރުކޮށްފައެވެ. މިއާއެކު ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރެއް މޯދީއަށް މިވަނީ ޔަގީނާ ގާތަށް ކަށަވަރުވެފައެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ނުބަތަ ލޮކް ސަބާގެ 542 ގޮނޑިއަށް 8000 އަށްވުރެ ގިނަ ކެންޑިޑޭޓުންވަނީ ވާދަކުރައްވާފައެވެ. މިއަދުހެނދުނާ ހިސާބަށް ލިބިފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ބީޖޭޕީއިންވަނީ 354 ގޮނޑި ހޯދާފައެވެ. މަޖިލީހުގެ އަޣުލަބިއްޔަތަކީ 272އެވެ. އިދިކޮޅު ކޮންގްރެސް ޕާޓީއަށް ލިބުނީ 89 ގޮނޑި ކަމަށްވާއިރު، އެހެނިހެން ޕާޓީތަކަށް 99 ގޮނޑި ވަނީ ލިބިފައެވެ.