އިންޑިއާގެ 17 ވަނަ އާންމު މަޖިލީސް އިންތިހާބުގައި ބޮޑު ތަފާތަކުން ކުރި ހޯއްދަވާފައިވާ މިހާރުގެވެސް ބޮޑުވަޒީރު ނަރޭންދްރާއަށް މޯދީއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދައުލަތްތަކާ ގައުމުތަކުގެ އިސް ލީޑަރުން މަރުޙަބާ ވިދާޅުވަމުން އެބަ ގެންދަވައެވެ.

ފާއިތުވީ 30 އަހަރު ދުވަހުގެ ތެރޭގައިވެސް އިންތިހާބަކުން ނުފެންނަ ފަދަ ބޮޑު ފަރަގަކުން ބީޖޭޕީއިން ކުރި ހޯދާފައިވާއިރު، ކުރިއަށް އޮތް 5 އަހަރު ދުވަހަށް އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމު މޯދީއަށް އަނެއްކާވެސް މިވަނީ ޔަގީނާ ގާތަށް ކަށަވަރުވާގޮތްވެފައެވެ.

މޯދީގެ ކާމިޔާބީ ފާހަގަކުރައްވާ އެންމެ ފުރަތަމަ މަރުޙަވާ ވިދާޅުވި ލީޑަރަކަށްވީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިންތިހާބުގައި ހޯއްދެވީ އާދަޔާ ޚިލާފު ކާމިޔާބީއެއް ކަމަށް ވިދާޅުވެ ނަތަންޔާހޫ ވަނީ އިންޑިއާއާއިއެކު އިސްރާއީލުން މިހާރުވެސް ދަމަހައްޓަމުންދާ ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކޮށް، ހަރުދަނާ ވެގެންދާނެކަމަށް ވައުދުވެވަޑައިގެންފައެވެ.

ބީޖޭޕީއިން ހޯދަމުންދާ ކުރިއެރުންތައް ފާހަގަކުރައްވާ، މޯދީއަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓުވީޓްގައި ނަތަންޔާހޫ ވިދާޅުވީ، އިންތިހާބުގެ ނަތީޖާއަކީ ދުނިޔޭގެ އެންމެ ބޮޑު ޑޮމޮކްރަސީގެ ލީޑަރުގެ ގޮތުގައި މޯދީ ހުންނެވިލެއް ސާބިތުކަން އަންގައިދޭ ކަމެއް ކަމަށެވެ.

542 ދާއިރާއަކަށް 8000 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރި އިންޑިއާގެ އާންމު އިންތިހާނުގައި ބީޖޭޕީއިން ވަނީ (މެންދުރު 03:00 އާއި ހަމައަށް) 345 ގޮނޑި ކާމިޔާބުކޮށްފައެވެ.