ކުރިއަރާދާނީ އެކުގައި ކަމަށާއި، ކުރިއަރާ ދާނީ އެންމެންގެ ބައިވެރިވުމާ ޝާމިލުވުމާ އެކުގައި ކަމަށާ، އިންޑިއާއަށް އަނެއްކާވެސް ނަސްރު ލިބިއްޖެ ކަމަށް ވިދާޅުވެ އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ޓުވީޓެއް ކުރައްވައިފިއެވެ.

އޭޕްރިލް 11 ވަނަ ދުވަހުން ފެށިގެން މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް 7 މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތް މިއަދު ކުރިއަށްދާއިރު، ބީޖޭޕީއިން ވަނީ ބޮޑު ލީޑެއް ނަގާފައެވެ.

ހުރިހާ ދާއިރާއެއްގެ ވޯޓު ގުނާ ނިމިފައިވާއިރު ވަގުތީ ނަތީޖާ ދައްކާ ގޮތުން 542 މެމްބަރުންގެ މައްޗަށް އެކުލެވޭ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ނުވަތަ ލޮކް ސަބާގެ 346 ގޮނޑި ކާމިޔާބު ކޮށްފައިވަނީ ބީޖޭޕީއިންނެވެ. އިދިކޮޅު ކޮންގްރެސްއަށް ލިބުނީ 91 ގޮނޑިކަމަށްވާއިރު، އެހެން ޕާޓީތަކަށް 105 ގޮނޑި ވަނީ ލިބިފައެވެ.

މިއާއެކު ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރެއް މޯދީއަށް މިވަނީ ޔަގީނާ ގާތަށް ކަށަވަރުވެފައެވެ.