ސްރީލަންކާގައި ދިރިއުޅެމުންދާ މުސްލިމުންނަށް އަމާޒުކޮށް މި ރަމަޟާން މަހު ވަރުގަދަ ހަމަލާތަކެއް ދިނުމުގައި އިސްކޮށް ހަރަކާތްތެރިވިކަމުގެ ތުހުމަތުގައި އަދި ކޯޓުގެ ހުރުމަތް ކަނޑާލިކަމުގެ ކުށުގެ ތުހުމަތުގައި ޖަލު ބަންދުގައި ހުރި ސްރީލަންކާ ބުދިސްޓުންގެ ބޮޑު ފާދިރީއަށް އެގައުމުގެ ރައީސް މައިތްރިޕާލަ ސިރިސޭނާ މައާފު ދެއްވައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބުދިސްޓު 'ބޮދު ބާލަ ސޭނަ' (ބީބީއެސް)ގެ ލީޑަރު ގަލަގޯޑާ އައްތެ ނާނަސާރާއަށް ސިރިސޭނާ މައާފު ދެއްވާފައިވަނީ އެއްވެސް ސަބަބަކާ ލައިގެނެއް ނޫނެވެ.

މި ފާދިރީއަކީ ސްރީލަންކާގައި ދިރިއުޅޭ މުސްލިމުންގެ އިތުރުން ނަސޯރާއިންނަށްވެސް އެކިކަހަލަ ފުރައްސާރަކުރުންތައް ކުރުމުގެ ފަހަތުގައި ހުރި މީހެއްކަން ފާހަގަކޮށް ސްރީލަންކާ ސަރުކާރުގެ ގިނަ އަދަދެއްގެ ވަޒީރުންވެސް ވަނީ އޭނާއަށް މީގެ ކުރިން ފާޑުވިދާޅުވެފައެވެ.

22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީލަންކާގަ ބުދިސްޓުންނަކީ ސިޔާސީ މައިދާނަށް ނުފޫޒު ގަދަ ބަޔަކަށްވާއިރު، ބޮޑު ފާދިރީގެ މިނިވަންކަމަށް ގޮވާލާ އެމީހުން ވަނީ ސަރުކާރަށް ބޮޑެތި ޑިމާންޑުތަކެއްވެސް ކޮށްފައެވެ.

ސްރީލަންކާގެ މަސްރަހު ދިރާސާ ކުރަމުންދާ ފަރާތްތަކުން ބުނީ ބޮޑު ފާދިރީއަށް މައާފު ދިނުމަކީ މިހާރުވެސް އިނދަޖެހެމުންދާ ސްރީލަންކާގެ ސަރުކާރަށް ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށާ، މިކަމަކީ އޭޕްރިލް 21 ވަނަ ދުވަހު ސްރީލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން "ނުބައި" މެސެޖެއް ދޭ ކަމެއްކަމަށެވެ.

ބުދިސްޓު ބޮޑު ފާދިރީ ނާނަސާރާއަކީ 2014 ވަނަ އަހަރުން ފެށިގެން ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ މީހެކެވެ. އޭނާއަކީ މުސްލިމުންނާ މެދު ނަފުރަތު އުފެއްދުމުގެ ވާހަކަތައް ފެތުރުމުގެ އިތުރުން ކީރިތި ޤުރުއާނަށް ފުރައްސާރަކުރަމުންދާ މީހެކެވެ.