ދުނިޔެ ވަށައިގެން ލެވިފައިވާ ހިމާޔަތުގެ ދުލިފަށް ނުވަތަ އޯޒޯން ފަށަލައަށް ގެއްލުންދީ، އެ ފަށަލަ ހަލާކުރަމުންދާ ނުރައްކާތެރި ވިހަ ކެމިކަލް ބޭރުކުރަމުންދާ ސަރަހައްދުތަށް ފާހަގަކުރެވިފައިވާ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެފިއެވެ.
އޯޒޯން ފަށަލަ ހަލާކުކުރާ ސީއެފްސީ-11 އަކީ ގޭތެރޭގެ އިންސިއުލޭޝަންއާއި ގުޅޭ އެކި މަސައްކަތްތަކަށް ބޭނުންކުރާ ކެމިކަލެއް ނަމަވެސް، 2010 ވަނަ އަހަރުން ފެށިގެން މި ކެމިކަލް އުފެއްދުން ވަނީ މަނާކޮށްފައެވެ.
އޯޒޯން ފަށަލަ ތުނިވަމުންދާ މިންވަރު ފާއިތުވީ 6 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އިންތިހާއަށް ދަށްކުރެވިފައިވީ ނަމަވެސް، އަދިވެސް މި ކެމިކަލް ބޭރުކުރަމުންދާ ސަރަހައްދުތަކެއް އެބަހުރިކަން ސްޕްރިންގާ ނޭޗާއިން އާންމުކޮށްފައިވާ ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.
ދިރާސާގެ ނަތީޖާ ދައްކާ ގޮތުން އޯޒޯން ފަށަލައަށް ގެއްލުންދޭ ވިހަ ކެމިކަލް އުފައްދަމުންދަނީ ޗައިނާގެ އިރުމަތީ ސަރަހައްދުގެ ޕްރޮވިންސްތަކުގައެވެ.
ސީއެފްސީ-11 އަކީ 1930ގެ އަހަރުތަކުގައި އުފެއްދި ކެމިކަލެކެވެ. ނަމަވެސް މިއީ އިރުގެ ވިހަ ދޯދިތަކުން ދުނިޔެ ހިމާޔަތްކޮށްދޭ އޯޒޯން ފަށަލައަށް އިންތިހާއަށް ގެއްލުންދޭ ކެމިކަލެއްކަން މިހާރު ވަނީ ކަށަވަރުކުރެވިފައެވެ. މި ކަން ހިނގަނީ ސީއެފްސީ-11ގެ ސަބަބުން ބޭރުވެގެންދާ ކްލޯރީން އެޓަމްތަކުގެ ސަބަބުންނެވެ.
ހުއްޓުމެއް ނެތި ޗައިނާއިން ސީއެފްސީ-11 އުފައްދަމުންދާނަމަ އޯޒޯން ފަށަލަ އިޔާދަވުމުގެ މަރުހަލާ އިންތިހާއަށް ލަސްވެގެންދާނެ ކަމަށް ދިރާސާ ޓީމުން ބުނެއެވެ.
2008 – 2012 ވަނަ އަހަރާ ދެމެދު ހޭދަވީ މުއްދަތާ، 2014- 2017 ވަނަ އަހަރާ ދެމެދު ހޭދަވީ މުއްދަތު އަޅާ ބަލާއިރު، ޗައިނާގެ އިރުމަތީ ސަރަހައްދުތަކުން ސީއެފްސީ-11 ބޭރުކުރި މިންވަރު ވަނީ 110 ޕަސެންޓް އިތުރުވެފައެވެ.
ކަމާބެހޭ ތަޖުރިބާކާރުން ބުނާ ގޮތުގައި ސީއެފްސީ-11ގެ އެއްޓަނަކީ ޖައްވުހޫނުކުރާ ވިހަ ގޭހެއް ކަމަށްވާ ސީއޯ2ގެ 5000 ޓަނާ އެއްވަރަށް ގެއްލުންދެނެވި ނުރައްކާތެރި ކެމިކަލެކެވެ.
ޗައިނާއިން ބުނީ ގަވައިދާ ހިލާފަށް ސީއެފްސީ-11 ކެމިކަލް އުފައްދާ ފަރާތްތައް ހުއްޓުވުމަށް އެގައުމުން މަސައްކަތްކުރަމުންދާކަމަށެވެ.