އާދީއްތަ ދުވަހު ނިންމާލި އިންޑިއާގެ އާންމު އިންތިހާބުގެ ނަތީޖާ ގުނުމުގެ މަސައްކަތް މާދަމާ ފަށާއިރު، ނަތީޖާ އިއުލާން ކުރުން ލަސްވެގެން ހިނގައިދާނެ ކަމަށް އިންޑިއާ މީޑިއާއިން ބުނެފިއެވެ.
ނަތީޖާ އިއުލާންކުރުން ލަސްވެގެންދާނީ ވޯޓާ ވެރިފަޔަބަލް ޕޭޕާ އޮޑިޓް ޓްރެއިލް (ވީވީޕެޓް)އާއި އިލެކްޓްރޯނިކް ވޯޓިން މެޝީންސް (އީއެމްވީޒް)ގެ ނަތީޖާ ޓެލީކޮށް އަޅާކިއަން ޖެހޭތީ ކަމަށް ބެލެވޭ ކަމަށް ޚަބަރު ލިބެއެވެ. މިއީ އިންޑިއާގެ ތާރީހުގައިވެސް މިފަދަ ގޮތަކަށް ވޯޓުގުނުމުގެ މަސައްކަތް ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ.
ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ދާއިރާއަކުންވެސް 5 މަރުކަޒެއްގައެވެ. 10.3 ލައްކަ މަރުކަޒެއްގައި ވޯޓުލުން ކުރިއަށް ގެންގޮސްފައިވާއިރު، ވޯޓު ގުނުމުގެ މަސައްކަތް ކުރާނީ ގާތްގަނޑަކަށް 20600 މަރުކަޒުގައި ކަމަށް ޚަބަރު ލިބެއެވެ.
ވޯޓު ގުނުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތުން، ވޯޓާ ވެރިފަޔަބަލް ޕޭޕާ އޮޑިޓް ޓްރެއިލް (ވީވީޕެޓް)އާއި އިލެކްޓްރޯނިކް ވޯޓިން މެޝީންސް (އީއެމްވީޒް)ގެ ނަތީޖާ ދިމާ ނުވެއްޖެނަމަ ބަރޯސާ ވާނީ ޕްރިންޓް ކޮށްފައިވާ ވީވީޕެޓްގައިވާ ނަތީޖާއަށެވެ.
އޭޕްރިލް 11 ވަނަ ދުވަހުން ފެށިގެން 7 މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އިންޑިއާގެ އާންމު އިންތިހާބުގެ އެންމެ ފަހު މަރުހަލާގެ ވޯޓުލުން މިމަހުގެ 19 ވަނަ ދުވަހު ނިންމާލިއިރު، އެގްޒިޓް ޕޯލްތައް ދައްކާ ގޮތުން ކުރީގައި އޮތީ މިހާރުވެސް ވެރިކަންކުރަމުންދާ ބީޖޭޕީއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުންވަނީ މި ނަތީޖާތައް ބަލައިގަތުމަށް އިންކާރުކޮށްފައެވެ.
ވޯޓު ގުނުމުގެ މަސައްކަތް މާދަމާ ހެނދުނު، އިންޑިއާ ގަޑިން 08:00 ގައި ފަށާއިރު، މާދަމާގެ ވަގުތެއްގައި ދާއިމީ ނަތީޖާ ލިބޭނެ ކަމަށްވެސް ޚަބަރުތައް ބުނެއެވެ. ކުރިއަށް އޮތް 5 އަހަރު ދުވަހު އިންޑިއާގެ ލީޑަރެއްގެ ގޮތުގައި ހުންނަވާނެ ބޭފުޅެއްގެ ތަސްވީރު ޔަގީނާ ގާތަށް ސާފުވާނީ މާދަމާ ރޭގެ ވަގުތެއްގައެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ 542 ގޮނޑިއަށް 8000 އަށްވުރެ ގިނަ ކެންޑިޑޭޓުން ވަނީ ވާދަކުރައްވާފައެވެ. ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ 900 މިލިއަން މީހުން ތިބިއިރު، ވޯޓު ދީފައިވަނީ މީގެ %67.11 މީހުން ކަމަށް މައުލޫމާތު ލިބެއެވެ.