އޭޕްރިލް 21 ވަނަ ދުވަހު މުޅި ދެކުނު އޭޝިއާ ސިއްސުވާލި ލަންކާގެ ބޮމުގެ ހަމަލާތަކަށްފަހު އެގައުމުން އެންމެ ފުރަތަމަވެސް އެޅި އެއް ފިޔަވަޅަކީ ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ބޭނުން ނުކުރެވޭނެހެން ބްލޮކް ކޮށްލުމެވެ. މިކަން ކުރުމުގެ މައިގަނޑު މަގުސަދަކަށްވީ ދޮގު ޚަބަރު ފަތުރައިގެން މީހުންގެ ހިތްތަކަށް ބިރުވެރިކަމާ ނުތަނަވަސްކަން ވެއްދުމާ، ފިތުނައިގެ ޚަބަރުތައް ގެނެސްދީގެން ނުތަނަވަސްކަން އުފެއްދުން ފަދަ އިތުރު "ގޮވަމަކުން" ސަލާމަތްވުމެވެ. ކިތަންމެ ހަރުކަށި ފިޔަވަޅުތަކެއް އެޅި ކަމުގައި ވީނަމަވެސް، ދޮގު ޚަބަރުތައް ފެތުރުން ކޮންޓްރޯލް ކުރުމަށް ސްރީލަންކާގެ ސަރުކާރު އޮތީ ފެއިލްވެފައި ކަމަށް ގިނަ ބަޔަކު މިހާރު ވަނީ ބުނަން ފަށާފައެވެ.

ފޭސްބުކް، އިންސްޓްރަގްރާމް، ޓުވިޓާ އަދި ޔޫޓިއުބް ފަދަ އާންމު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ނުވަދޭނެހެން ބްލޮކް ކުރުމާއެކު ގިނަ ބަޔަކު މިސްރާބު ޖެހީ ވާޗުއަލް ޕްރައިވެޓް ނެޓްވާކްސް (ވީޕީއެން) ނުވަތަ ޓީއޯއާރް ނެޓްވާކާ ދިމާލަށެވެ. އެއީ އެކި ހިސާބުތަކުގައި ތިބި އާއިލާގެ މެމްބަރުންނާ ގާތް ތިމާގެ މީހުންނަށް ޚަބަރު ކުރުމުގެ މަގުސަދުގައެވެ. ނަމަވެސް އެންމެންގެ މަގުސަދަކަށްވީ މިކަމެއް ނޫނެވެ. ނާޖާއިޒު ފައިދާ ނަގަން ފެންބޮވައިގެންފައި ތިބި ކިތަންމެ ބަޔަކު ތިބިކަން، ހެކިތަކަށް ބަލާލުމުން އެހުރީ ސާބިތުވާށެވެ.

އާންމުން ޖަމާވެ ތިބި ސަރަހައްދެއްގައި ސްރީލަންކާގެ އަސްކަރިއްޔާގެ މެމްބަރަކު ފޯރިމަރަނީ/ފޮޓޯ: ރޮއިޓާޒް

ކޮޅުނބުގައި ހިންގާ ސެންޓާ ފޯ ޕޮލިސޯ އޮލްޓަނޭޓިވްސްގައި ސޯޝަލް މީޑިއާ ހަރަކާތްތައް ވިލަރެސްކުރުމުގައި މަސައްކަތް ކުރަމުން އަންނަ ސަންޖަނާ ހައްޓޮޓުވާ ބުނީ ސޯޝަލް މީޑިއާ ބްލެކްއައުޓަކަށް ދިޔަ ކަމުގައި ވީ ނަމަވެސް، ފޭސްބުކް މެދުވެރިކޮށް ދޮގު ޚަބަރު އުފައްދާ ފެތުރުން ހުއްޓުވުމަށް ސްރީލަންކާގެ ސަރުކާރު ފެއިލްވެފައިވާކަމަށެވެ.

އޭޕްރިލް 21 ވަނަ ދުވަހުގެ ހަމަލާތަކާ ގުޅިގެން ފޭސްބުކްއާއި ޓުވިޓާ މެދުވެރިކޮށް ފަތުރާފައިވާ ބައެއް ދޮގު ޚަބަރުތައް މިހާރުވެސް ފެންނަން އެބަހުއްޓެވެ. އެންމެ އާންމުވެގެންދިޔަ ދޮގު ޚަބަރުތަކުގެ ތެރޭގައި، ސްރީލަންކާގެ ދާހިލީ ހަނގުރާމައިގެ ދުވަސްވަރު މަރުވި މީހުންގެ ޖަނާޒާގެ ބައެއް ފޮޓޯތަކަކީ އޭޕްރިލް 21 ވަނަ ދުވަހުގެ ހަމަލާގެ މަންޒަރުތައް ކަމަށް ބުނެ ދައުރުކުރި ކުރުން ހިމެނެއެވެ.

އިތުރު ކަމަކަށް ބަލާއިރު، ބުރުގާ އަޅައިގެން ހުރި އަންހެނަކަށް އަސްކަރިއްޔާއިން ހުރަސް އަޅާ މަންޒަރު ފެންނައިރު، އެއީ 2018 ވަނަ އަހަރު ހިނގި ކަމެއް ކަމަށްވެއެވެ. ރަނގަޅަށް ބަލާއިރު އެމީހާއަކީ މޫނު ނިވާ ވާގޮތަށް ބުރުގާ އަޅައިގެން ހުރި ފިރިހެނެކެވެ. އެމީހަކީ ދަރަނީގެ މައްސަލައެއްގައި މީހަކަށް ހަމަލާއެއް ދިނުމަށް މަސައްކަތްކުރަމުންދިޔަ މީހެކެވެ. ނަމަވެސް އޭޕްރިލް 21 ވަނަ ދުވަހުގެ ހަމަލާތަކާ ގުޅިގެން މިމަންޒަރުތައް، ދިވެހި ސޯޝަލް މީޑިއާ ޕްލެޓްފޯމިތަކުގައިވެސް އެކި ގޮތްގޮތަށް ދައުރުވަމުން ދިޔައެވެ.

އޭޕްރިލް 21 ވަނަ ދުވަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާގައި މަރުވި ބައެއް މީހުންގެ ޖަނާޒާގެ ތެރެއިން/ފޮޓޯ: ޔޫޓިއުބް

އައިސިސް ޖަހާފައިވާ ޓީޝާޓުތަކެއް ލައިގެން ބަޔަކު މީގެ 5 އަހަރު ކުރިން ނަގާފައިވާ ފޮޓޯތަކެއް އެއި ސްރީލަންކާގައި ހުރި އައިސިސް ކިއްލާއިން ފެންނަ މަންޒަރުކަމަށް ބުނެ ސޯޝަލް މީޑިއާގައި އަޑުފެތުރުއިރު، ސްރީލަންކާގެ ކުރީގެ އަސްކަރީ ޖެނެރަލެއް ކަމަށް ބުނާ މީހެއްގެ ޓުވިޓާ އެކައުންޓުން އިންޑިއާގެ ކޮނޑުގައި އިލްޒާމް އެޅުވިމަންޒަރު އޮތީ ފެނިފައެވެ. ނަމަވެސް ސްރީލަންކާ ސަރުކާރުގެ އެދުމަކަށް ޓުވިޓާއިންވަނީ މި އެކައުންޓް ޑިލީޓްކޮށްދީފައެވެ.

ސޯޝަލް މީޑިއާ ބްލޮކް ކޮށްލުންވެސް ބައެއް މީހުންނަށްވީ ނުތަނަވަސްކަމަކަށެވެ. ކޮންމެ ކޮންމެ މީހަކީ ވީޕީއެންގެ ބޭނުން ކުރަން އެނގޭ މީހެއް ނޫންތާއެވެ. އާއިލާގެ މެމްބަރުންނަށް ވީގޮތެއް ނޭނގުނުއިރު، އެމީހުން ހޯދަން ގުޅޭނެ ގޮތެއް ނެތް މީހުންވެސް ބައިވަރެވެ. ސޯޝަލް މީޑިއާއަށް ދުނިޔެ ބަރޯސާވެފައި އޮތް ލެއް ބޮޑު ކަމާއެކު ލޭންޑްލައިންތަކުގެ މަތިން ހަނދާން ހުރި މީހަކުވެސް ނެތެވެ. ލޭންޑްލައިނެއް ހުއްޓަސް ނަންބަރު ހަނދާން ހުރި މީހަކުވެސް ނެތެވެ. ނަތީޖާއަކަށްވީ ދުނިޔޭގެ އެކި ހިސާބުތަކުން ގިނަ ބަޔަކު ނުތަނަވަސްކަމެއްގެ ތެރޭގައި އުޅެންޖެހުމެވެ. އެއްގޮތުން ނުވިއްޔާ އަނެއް ގޮތުންވެސް "ފެއިލް" ނޫން ޓެގެއް ސްރީލަންކާގެ ސަރުކާރަށް ލިބޭ ގޮތެއް އަދި ނުވެއެވެ.