އ.އ. އުކުޅަހުގައި ބައިނަލްއަގުވާމީ ފެންވަރުގެ ކޮންވެންޝަން ސެންޓަރެއް އެޅުމަށް އިންޑިއާ ސަރުކާރުން 7.8 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދީފައިވާ 100 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ތެރެއިން އުކުޅަހުގައި ބައިނަލްއަގުވާމީ ފެންވަރުގެ ކޮންވެންޝަން ޝެންޓަރެއް އެޅުމަށް 7,806,900.00 ދިވެހި ރުފިޔާގެ ހިލޭ އެހީއެއް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ދީފައިވާ ކަމަށެވެ.

އަދި މި ކޮންވެންޝަން ސެންޓަރުގެ މަޤްސަދަކީ އެ ރަށު ކައުންސިލާއި، އެ ރަށުގައި ކުރިއަރަމުން އަންނަ ގެސްޓް ހައުސް ވިޔަފާރިއާއިި ތަފާތު އެހެނިހެން ކަންކަން ފުޅާދާއިރާއެއްގައި ޕްރޮމޯޓް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ބައްދަލުވުންތަކާއި ކޮންފަރެންސްތައް ބޭއްވުމަށް އެކަށީގެންވާ ތަނެއް ހޯދައިދިނުން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން މި ކޮންވެސްޝަން ސެންޓަރު ފަރުމާ ކުރެވޭނީ ބައިނަލްއަގުވާމީ ފެންފަރުގެ ބައްދަލުވުންތައް ވެސް ބޭއްވޭ ގޮތަށް ކަމަށާއި، މިފަދަ ކޮންވެންޝަންތައް ސެންޓަރުތައް ރާއްޖޭގެ އަތޮޅުތަކުގައި މިހާރު މަދުކަމަށް ފާހަގަކުރެވޭކަމަަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

100 މިލިއަން ރުފިޔާގެ ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވީ މި އަހަރުގެ މާޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.