އިންތިހާބީ ރިޝްވަތުގެ މައްސަލަތަކުގެ ތެރެއިން 16 މައްސަލަ ތަހުގީގުކޮށް ނިންމައިފިއެވެ.

އޭސީސީން ބުނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 74 ވަނަ މާއްދާގެ (ހ) ގެ 11 ވަނަ ނަންބަރާއި 12 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަކަށް، މި އަހަރުގެ މާޗްމަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭގޮތުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރި އިންތިހާބީ ރިޝްވަތުގެ މައްސަލަތަކުގެ ތެރެއިން 16 މައްސަލަ ތަހުގީގުކޮށް ނިންމައިފިއެވެ.

އޭސީސީން ބުނީ މި މައްސަލަތަކަކީ، އޭސީސީއަށް ލާޒިމްކޮށްފައިވާ ފަދައިން، ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭގޮތުން އޭސީސީއިން އިސްނަގައިގެން އަދި އެކި ފަރާތްތަކުން އޭސީސީއަށް ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން އެ ކޮމިޝަނުން ތަހުގީގުކޮށްފައިވާ މައްސަލަތައް ކަމަށެވެ.

އެގޮތުން، ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާގުޅޭ އިންތިހާބީ ކޮރަޕްޝަންގެ ޖުމްލަ 22 މައްސަލަ އެ ކޮމިޝަނުން ތަހުގީގުކޮށްފައިވެއެވެ. މި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އެ ކޮމިޝަނުން އިސްނަގައިގެން ބަލަން ފެށި 10 މައްސަލައާއި، އެކި ފަރާތްތަކުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން ބަލަން ފެށި 12 މައްސަލައެވެ.

އޭސީސީން ބުނީ 22 މައްސަލައިގެ ތެރެއިން މިހާތަނަށް ޖުމްލަ 16 މައްސަލައިގެ ތަހުގީގު މަރުހަލާ ނިމިފައިވާއިރު، މީގެތެރޭގައި ހިމެނޭ ދައުވާކުރެވޭ މިންވަރަށް ހެއްކާއި ގަރީނާހުރިކަމަށް ބެލެވޭ މައްސަލަތަކުގައި ދައުވާކުރުމާގުޅޭގޮތުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއެކު އޭސީސީއިން ދަނީ ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާ ފުރިހަމަކުރަމުން ކަމަށެވެ.

އެގޮތުން، ޑިއުޓީ ޕްރޮސިކިއުޝަން ކުރިއަށްދަނީ ހަތަރު މައްސަލައެއްގައި ކަމަށާއި، އިންތިހާބީ ކޮރަޕްޝަންގެ އިތުރު ހަ މައްސަލައެއް ކޮމިޝަނުން ތަހުގީގުކުރަމުންދާ ކަމަށެވެ.

އިންތިހާބީ ރިޝްވަތުގެ މައްސަލަތައް ބެލުން އޭސީސީއަށް ލާޒިމުކޮށް އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ (މ) ގައި ބަޔާންކޮށްފައިވަނީ ” މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، އިންތިހާބުތަކާ ގުޅިގެން ހުށަހެޅޭ ރިޝްވަތާބެހޭ މައްސަލަތައް ބަލައި ތަހުގީގުކުރަންވާނީ އެންޓިކޮރަޕްޝަން ކޮމިޝަނުން” ކަމަށެވެ.

އަދި މި ގާނޫގެ ދަށުން 02 ބާވަތެއްގެ އިންތިހާބީ ރިޝްވަތުގެ ކުށް ބަޔާންކޮށްފައިވެއެވެ. އެއީ އެގާނޫނޫގެ 74 ވަނަ މާއްދާގެ (ހ) ގެ (11) ގައި ބަޔާންކޮށްފައިވާ، "އެއްވެސް އިންތިހާބީ ހައްގެއްގެ ފައިދާ ވަކިފަރާތަކަށް ލެންބުމަށްޓަކައި ނުވަތަ ވަކިގޮތަކަށް އެފަދަ ހިއްގެއްގެ ބޭނުމެއް ކުރީތީވެ އެއްވެސް އެއްޗެއްގެ ޝުކުރެއްގެ ގޮތުން ނުވަތަ ހަދިޔާއެއްގެ ގޮތުން ވިޔަސް ނުވަތަ އެނޫން ގޮތަކަށްވިޔަސް ދިނުން" ހިމެނެއެވެ.

އަދި 74 ވަނަ މާއްދާގެ (ހ) ގެ (12)ގައި ބަޔާންކޮށްފައިވާ، "އިންތިހާބަށް އިއުލާނުކުރާ ތާރީހުން ފެށިގެން އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރާތާ 30 ދުވަހުގެ ނިޔަލަށް، އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ތާއީދު ހޯދުމަށްޓަކައި ނުވަތަ އެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަށް ނުރަނގަޅު އަސަރު ފޯރުވުމަށްޓަކައި ވަކި ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު ފައިދާއަށްޓަކައި އެއްޗެއް ދިނުން ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުން ނުވަތަ މިނޫންވެސް މަންފާއެއް ފޯރުކޮށްދިނުން ނުވަތަ މިއިންކަމެއް ކޮށްދޭނެކަމަށް ބުނުން” އެވެ.

އަދި އެފަދައިން އެއްވެސް އެއްޗެއް ދިނުމަކީ ރިޝްވަތު ދިނުން ކަމުގައި ބެލެވޭނެކަމަށާއި، އެފަދައިން އަމަލުކުރުން ނުވަތަ ކުރަން އުޅުން އެއީވެސް ރިޝްވަތު ދިނުން ނުވަތަ ރިޝްވަތު ދޭންއުޅުން ކަމުގައި ބެލެވޭނެކަމަށް މި ދެމާއްދާގައި ބަޔާންކޮށްފައިވެއެވެ.