އިންޑިއާގެ އާންމު އިންތިހާބުގައި މިފަހަރު ބޭނުންކުރި އިލެކްޓްރޯނިކް ވޯޓިންގް މެޝިން (އީވީއެމް)އާއި ވޯޓުލީ ފަރާތް ކަށަވަރުކޮށްދޭ ވޯޓާ ވެރިފައިޑް ޕޭޕާ ޓްރެއިލް މެޝިން (ވީވީޕެޓް)ގައި ހުރި މައްސަލަތައް ހިފައިގެން، އިދިކޮޅު ސިޔާސީ ޕާޓީތަކުން 21 މަންދޫބަކު މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އިންޑިއާގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނަށް ދިއުމަށް ނިންމާފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.

7 މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓުލުމުގެ އެންމެ ފަހު މަރުހަލާ މިދިޔަ އާދީއްތަ ދުވަހު ނިންމާލާފައިވާއިރު، ހިޔާލު ހޯދުމުގެ ވަގުތީ ނަތީޖާތަކާ އެގްޒިޓް ޕޯލްސްތައް ދައްކާ ގޮތުން ކުރީގައި އޮތީ މިހާރުގެވެސް ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ސަރުކާރު ކަމަށް ޚަބަރުތައް ބުނެއެވެ.

13 އެގްޒިޓް ޕޯލްއެއްގެ އެގްރިގޭޓަށް ބަލާއިރު ވެރިކަން ކުރާ ބީޖޭޕީއާއި ދެކޮޅަށް މަސައްކަތް ކުރާ ގައުމީ ކޯލިޝަނަށް ކަށަވަރުވާން އަންނަނީ 122 ގޮނޑިއެވެ.

އިލެކްޓްރޯނިކް މެޝިންތަކުގެ އިތުރުން ވީވީޕެޓް މެޝިންތަކުން 50 ޕަސެންޓް ވޯޓު ނުގުނަނީ ކީއްވެތޯ ބައެއް ފަރާތްތަކުން މިހާރުވެސް ދަނީ އިލެކްޝަންސް ކޮމިޝަނާ ސުވާލު ކުރަމުންނެވެ. ވީވީޕެޓް މެޝިނަކީ، އިލެކްޓްރޯނިކް މެޝިނުން އާންމު މީހާ ދިން ވޯޓު ދެވުނީ ހަމަ ހަގީގަތުގައިވެސް އޭނާ ބޭނުންވި ކެންޑިޑޭޓަށްކަން ކަށަވަރުކޮށްދިނުމުގެ ގޮތުން، ވަޓުދިން ވަގުތުން ވަގުތަށް ޕްރިންޓުވާ ސްލިޕް ކޮޅެއް ލިބޭ މެޝިނެކެވެ. މި ސްލިޕްކޮޅަކީ ވަކި ފޮއްޓެއްގައި ބަންދުކުރެވި ސީލް ކުރެވޭ ސްލިޕް ކޮޅަކަށްވާއިރު، މި ސްލިޕްތައްވެސް ގުނުން މުހިންމު ކަމަށް އެ ފަރާތްތަކުން ދަނީ ވަކާލާތު ކުރަމުންނެވެ.

އިދިކޮޅު ފަރާތްތަކުގެ ޝަކުވާތަކަށް ރައްދު ދެމުން އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން ބުނީ، އިންތިހާބެއްގައި ބަލިވާ ކޮންމެ ބަޔަކަށްވެސް އީވީއެމްއިން މައްސަލަ ފެންނާނެ ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަޓިކް ހަރަކާތުގެ ގޮތުގައި ސިފަކުރަމުން އަންނަ އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓު ގުނުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވާ ބުރާސްފަތި ދުވަހުއެވެ.