މިދިޔަ އާދީއްތަ ދުވަހު ނިންމާލި އިންޑިއާގެ އާންމު އިންތިހާބުގެ ނަތީޖާއަކީ، މިހާތަނަށް ކުރިއަށް ގެންދިޔަ އެގްޒިޓް ޕޯލްސްތަކުގެ ނަތީޖާއާއި އެއް ރޫޙެއްގައި ފެނިގެންދާނެ ނަތީޖާއަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާކަމަށް އިންޑިއާގެ މާލީ ވަޒީރު އަރޫން ޖައިތްލީ ވިދާޅުވެއްޖެއެވެ.
ވޯޓަށް ފަހު ނަގާފައިވާ ހިޔާލު ހޯދުމުގެ ސާވޭތަކުގެ ނަތީޖާއަށް ބަލާއިރު މިހާރުގެވެސް ބޮޑުވަޒީރު ނަރޭންދްރާ މޯދީ އިސްކޮށް ހުންނަވައިގެން ހިންގަވާ އޭންޑީއޭ ސަރުކާރަށް އޮތީ ދެވަނަ ދައުރެއް ކަށަވަރުވެފައެވެ.
އޭޕްރީލް 11 ވަނަ ދުވަހުން ފެށިގެން 7 މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓުލުމުގެ އެންމެ ފަހު މަރުހަލާގެ ވޯޓުލުން މިމަހުގެ 19 ވަނަ ދުވަހު ނިންމާލާފައިވާއިރު، ނަތީޖާ ގުނަން ފަށާނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.
ވޯޓުގެ ނަތީޖާ ކުރިއަށް ލަފާކުރާ ފަރާތްތަކުން އެކުލަވާލާފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރުވެސް ވެރިކަން ކުރަމުންދާ ބީޖޭޕީ އިސްކޮށް އޮވެ ހިންގާ ނޭޝަނަލް ޑިމޮކްރަޓިކް އެލާޔަންސްގެ ސަރުކާރަށް، މަޖިލީހުން 300 އަށްވުރެ ގިނަ ގޮނޑި ކަށަވަރުވާނެއެވެ. މަޖިލީހުގެ އަޣުލަބިއްޔަތަކީ 272 ގޮނޑިއެވެ.
ބްލޮގް ޕޯސްޓެއްގައި އަރޫން ޖައިތްލީ ވިދާޅުވީ، އެގްޒިޓް ޕޯލްސްގެ ނަތީޖާއާއި މެދު ބައެއް ފަރާތްތަކުން ޝައްކާ ވަހުމު އުފައްދައިގެން ވާހަކަތަކެއް ފަތުރަފާނެ ކަމަށާ، ނަމަވެސް އެއް ސާވޭއަށްވުރެ ގިނަ ސާވޭއިން އެއް ނަތިޖާއެއް ދައްކާނަމަ، އެ ނަތީޖާއާއި އިންތިހާބުގެ ރަސްމީ ނަތީޖާ ދައުރުކުރާނީ އެއް ރޫޙެއްގައި ކަމަށެވެ.
ބްލޮގް ޕޯސްޓްގައި އަރޫން ޖައިތްލީ އިތުރަށް ވިދާޅުވި ގޮތުގައި، 2014 ވަނަ އަހަރުގެ އެގްޒިޓް ޕޯލްސްއާއި އަޅާ ބަލާއިރު އިންޑިއާގެ ޑިމޮކްރަސީ ދަނީ "ފައްކާވެ ހަރުދަނާ" ވަމުންނެވެ. އިންތިހާބުގައި ވޯޓުދިނުމުގައި ގައުމީ މަސްލަހަތު އިސްކުރާތީ ފެންނަމުންދާކަން މާލީ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ގައުމަށް ހެޔޮ އެދޭ، އެއް ހިޔާލެއްގެ މީހުން އެއް ގޮތަކަށް ވޯޓުދީފިނަމަ ގައުމުގެ އޮއެވަރު އެކޮޅަކަށް ބަދަލުވެގެންދާކަންވެސް އަރޫން ޖައިތްލީ ވަނީ ފާހަގަކުރައްވާފައެވެ.
އިދިކޮޅު ކޮންގްރެސް ޕާޓީ ސިފަކުރައްވަމުން އަރޫން ޖައިތްލީ ވިދާޅުވީ ގާންދީ އާއިލާއަކީ މިއަދު އެ ޕާޓީގެ އެސެޓެއް ނޫންކަމަށާ ނަމަވެސް އެ ޕާޓީއަށް ކޮންމެހެން ބޭނުންޖެހިފައިވާ 'ވަސީލަތެއް' ކަމަށެވެ. އެ އާއިލާއާއި ނުލާ ކޮންގްރެސްއަށް ތާއީދުކުރާ މީހުން ތަނަކަށް އެއްކޮށް ނުލެވޭ ކަމަށް ވިދާޅުވެ މާލީ ވަޒީރު ވަނީ އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މިކަމުގެ ނަތީޖާއަކަށްވަނީ ކޮންގްރެސްއަށް ވޯޓުތަކެއް ގެއްލިގެން ދިއުންކަމަށްވެސް އަރޫން ޖައިތްލީ ވަނީ ތުހުމަތު ކުރައްވާފައެވެ.
އިންޑިއާގެ އާންމު އިންތިހާބަށްފަހު ބޮޑުވަޒީރު ކަމުގެ މަގާމަށް މޯދީއާއި އެންމެ ގާތުން ވާދަކުރައްވާނީ ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީއެވެ.