މަޝްހޫރު ބައެއް ލިޔުންތެރިންނާ ޅެންވެރިން ބުނާ ގޮތުގައި، ކީބޯޑެއްގެ މަތީގައި ކިތަންމެ ގިނައިރަކު ދެއަތްތިލަ ބާއްވައިގެން އިން ކަމުގައި ވީ ނަމަވެސް ސިކުނޑީގައިވާ ޝުއޫރުތަށް "ގަނޑަށް ތިރިކޮށްނުލެވޭ" ފަހަރު އާދެއެވެ. އެފަދަ ވަގުތުތަކުގައި ހައްލަކަށް ވަނީ ރަނގަޅު ގަލަމެކެވެ. ދެލި އަޅާ ގަލަމެއް ނަމަ މި ފުރިހަމަކަން އެތައް ގުނައެއް އިތުރުވެއެވެ.
ޓެކްނޮލޮޖީގެ އޮއެވަރުގައި ޖެހި، މި ދުނިޔެއިން ނެތެމުންދާ ތާރީހާ ތަރިކައިގެ ލިސްޓަށް އަރަމުންދިޔަ އެއްކައްޗަކީ ސާފު އަތުލިޔުމެވެ. މިއާއެކު ދެލި އަޅާ ގަލަންވެސް މާޒީވަމުން ގޮސް، މިހާރު މިއިން ގަލަމެއް ގެންގުޅެނީ މަދު ބައެކޭވެސް ދެންނެވިދާނެއެވެ.
ކަންމިހެން އޮތް ނަމަވެސް ޓެކްނޮލޮޖީގެ ސަބަބުން ނަފުސަށް ލިބެމުންދާ ނުތަނަވަސްކަމުން ނަފްސު "ޑީޓޮކްސް"ކޮށްލުމުގެ އޮއެވަރެއް ފެށިފައިވާއިރު، ދެލި އަޅާ ގަލަމުގެ ޑިމާންޑްވެސް މިވަނީ އިތުރުވާން ފަށާފައެވެ. އަތުލިޔުމުން ލިޔެފައިވާ ސިޓީއެއްގައި، ދެލި އަޅާ ގަލަމަކުން ސޮއިކޮށްލުމުން، ހިތުގެ ހުރިހާ ޖަޒުބާތެއް އެ ސިޓީގައި ސިއްކަޖެހިގެންދިޔަ ފަދައެވެ.
ދެލި އަޅާ ގަލަމެއް ގެންގުޅުމަކީ އަދުގެ ޒުވާނުން ހީކުރާހާ ފަސޭހަ ކަމެއްވެސް ނޫނެވެ. އެއީ ވަރަށް ރަނގަޅަށް ސާފުކޮށްގެން ބަލަހައްޓަންޖެހޭ ގަލަމެކެވެ. އަދި ގަންނަ ގަލަމަކީ ފެންވަރު ރަނގަޅު ގަލަމެއްތޯވެސް ބެލުން މުހިންމެވެ. މި ކަންކަމަށް ފަރުވާ ކުޑަ ކުރެވިއްޖެ ނަމަ އަތްދަބަހާ، ގަމީހުގެ ޖީބުތަކަށް ދެލި ހޮޅި ފަޅައިގެންގޮސް ލީކުވުން އޮންނާނީ މާ ދުރަކު ނޫނެވެ.
ދެލި އަޅާ ގަލަމެއްގެ ހަގީގީ ފެންވަރު ބަރޯސާ ވަނީ އޭގައި ތިބާއާއި ގުޅޭ މުހިންމު ނިޝާނެއްވެސް ކަނޑާ ނަގާފައ އޮތުމުންނެވެ. ބައެއް ފަހަރު އެއީ ތިބާގެ ނަން ނުވަތަ ފުރިހަމަ ނަމުގެ ފެށޭ އަކުރުތައް ކަމުގައިވެދާނެއެވެ. އަނެއް ބައި ފަހަރު، އެއީ ތިބާގެ ދިރިއުޅުމާ ގުޅޭ ބަސްކޮޅަކަށްވެސް ވެދާނެއެވެ. ދެލި އަޅާ ގަލަމެއް ދެކެ ހަގީގީ ލޯބިވި މީހަކަށް މިހާރު މިގެންގުޅޭ ބޯލްޕޮއިންޓް ގަލަމުގައި އެއްވެސް މާނައެއް ނެތެވެ. ލިޔުމެއްގެ ފުރިހަމަ ފޮނިކަން އިހުސާސް ކުރެވޭނީ ގަލަމުގެ ތުނޑުން ކަރުދާހުގައި އެ ކުރެހޭ ކޫރުންތަކުންނެވެ.
މިހާރު މި ފެންނަ ގޮތަށް ގަލަމުގެ ތެރޭގައި ދެލި ހޮޅި ބަންދު ކުރެވިފައިވާ ގޮތަށް ދެލި އަޅާ ގަލަމެއް ފުރަތަމަ ފަހަރަށް އުފައްދާފައިވަނީ އެމެރިކާގެ ނިއުޔޯކްގެ އިންޝުއަރަންސް އޭޖެންޓެއް ކަމަށްވާ ލުވީސް އެޑިސަން ވޯޓާމަންއެވެ. އެއީ މީލާދީން 1884 ވަނަ އަހަރުއެވެ.