ދީބާޖާ އިންވެސްޓްމަންޓަށް ދައުލަތުން ފައިސާ ދައްކަން ޖެހޭނީ ސުޕްރީމް ކޯޓުން ހުކުމްކުރި ދުވަހުން ފެށިގެން ހަ މަސް ތެރޭގައިކަމަށް ދައުލަތުން މިއަދު ސިވިލް ކޯޓުގައި ބުނެފިއެވެ.

ސިވިލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ ދީބާޖާއަށް ފައިސާ ދައްކަން ޖެހޭނީ އޮކްޓޯބަރު 23، 2014 އިން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތައް ކަމަށް ކުރިން ސިވިލް ކޯޓުން ހުކުމް ކުރި ނަމަވެސް ޖޫން 26، 2018 ގައި ހައިކޯޓުން އެ ހުކުމް ބާތިލްކޮށްފައިވާ ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ހުކުމަށް ބަލައި ސިވިލް ކޯޓުގެ ހުކުމަށް އަމަލުކުރުމުގައި މިހާރު މުއްދަތު ގުނަން ފަށާނެ ތާރީހެއް ކަމަށް ބަލަންޖެހޭނީ ސުޕްރީމް ކޯޓުން ހުކުމް ކުރި ތާރީހުން ފެށިގެން ހަ މަސް ދުވަސް ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ދީބާޖާއާ އެކު ސަރުކާރުން ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން އުވާލި މައްސަލާގައި ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް 2014 ގައި ސިވިލް ކޯޓުން ހުކުމް ކުރިއެވެ. އަދި އެ ހުކުމް މިދިޔަ މަހު ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ.

މީގެ އިތުރުން، ހުކުމް ތަަންފީޒުކުރުމުގައި ސިވިލް ކޯޓުން އަމަލުކުރަމުން އަންނަ އުސޫލުން، ފެބްރުއަރީ 15، 2015 ގެ ފަހުން ކޮށްފައިވާ ހުކުމްތަކުގެ ތެރެއިން މަހަކު ވަކި ވަރެއް ދައްކަމުން ގޮސް އެ ފައިސާ ހަލާސްކުރާގޮތަށް ހުކުމްކޮށްފައިވާ މައްސަލަތަކުގައި، އެ މަހަކަށް ދައްކަންޖެހޭ ވަރު އެ މަހަކު ދައްކަމުން ނުދާކަން ނުވަތަ ފައިސާ ހަލާސްކޮށްފައިވާކަން އަރަނިވެރިޔާގެ ފަރާތުން އަންގާފައި ނުވާނަމަ، އެ ހުކުމް ތަންފީޒުކުރުމަށް ކޯޓުން އިސްވެ ފަށާނީ ފައިސާ ދައްކާ ހަލާސްކުރަން ކަނޑައަޅާފައިވާ މުއްދަތަށް ފަހު ކަމަށް ދައުލަތުން ބުނެފައިވެއެވެ.

ދައުލަތުން ބުނިގޮތުގައި ކޯޓުން އިސް ނަގައިގެން އެ ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާ ކުރިއަށް ގެންދަނީ ހުކުމް ތަންފީޒު ކުރުމުގެ އުސޫލާ ހިލާފަށެވެ. އަދި ސުޕްރީމް ކޯޓުން ހުކުމްކުރި ފަހުން އެ ހުކުމް ތަންފީޒު ކުރަން ދީބާޖާ އިން ސިވިލް ކޯޓުގައި އެދުނުކަން އެނގިފައިނުވާ ކަމަށް ވެސް ދައުލަތުން މިއަދުގެ އަޑުއެހުމުގައި ބުނެފައިވެއެވެ.

ދައުލަތުން ވަނީ ދީބާޖާގެ މައްސަލަ ކުރިއަށް ގެންދަނީ އުސޫލުތަކާ ހިލާފަށް ކަމަށް ކަނޑައަޅައި، އެ މައްސަލަ ބާތިލްކޮށް ދިނުމަށް މިއަދުގެ އަޑުއެހުމުގައި އެދިފައެވެ.

ދީބާޖާގެ ފަރާތުން އެ އަޑުއެހުމުގައި ވާހަކަ ދެއްކެވި އިބްރާހިމް ރަޝީދު ވިދާޅުވީ ދައުލަތުން ފައިސާ ދައްކަންޖެހޭ މުއްދަތު ނިމިފައިވާ ކަމަށާއި އެއީ ދައުލަތުން ދައްކަންޖެހޭ ފައިސާއެއް ކަން ހުކުމުން ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ. އަދި އިސްތިއުނާފް އެކި މަރުހަލާތަކުގައި އެ މައްސަލަ ލަސްވެގެން ދިޔައިރު އެ ކުންފުނިން އެކި ފަރާތްތަކަށް ފައިސާ ދައްކަން ޖެހިފައިވާ ކަމަށާއި، މައްސަލަ އަވަހަށް ނިންމައި ދިނުމަށް އެދިފައިވެއެވެ.

މިއަދުގެ އަޑުއެހުން ނިންމާލާފައިވަނީ ދައުލަތުން ފާހަގަކުރި ކަންކަމަށް ލިޔުމުން ޖަވާބުދޭން އެދިފައިވާތީ އެކަމަށް ލިޔުމުން ޖަވާބުދޭނެކަމަށް ގާޒީ ހަސަން ފަހީމް ވިދާޅުވުމަށްފަހުއެވެ. އަދި އެ މައްސަކައިގެ އިތުރު އަޑުއެހުމެއް ބުރާސްފަތި ދުވަހު ބާއްވާނެކަމަށް ރިޔާސަތުން ވަނީ އިއުލާންކޮށްފައެވެ.