އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ އެންމެ ބައިބޯ އެއް ސަރަހައްދުގެ ޓްރެފިކް ތެރޭގައި 2 ގޭންގެއްގެ މެދުގައި ހިންގި ހަމަނުޖެހުންތަކެއްގައި ބަޑީގެ ހަމަލާތަކެއް ބަދަލުކޮށް 2 މީހަކު މަރާލައިފިއެވެ.

މަރާލާފައިވަނީވެސް ކުށުގެ ރެކޯޑް އޮންނަ 2 މީހުން ކަމަށް މައުލޫމާތު ލިބެއެވެ.

ހުޅަނގު އުތުރު ދިއްލީގެ ދުވަރުކާ މޯ މެޓްރޯ ސްޓޭޝަން ކައިރީގައި ހިންގި މި ހަމަނުޖެހުންތަކުގައި މަރާލާފައިވާ 2 މީހުންގެ ކުށުގެ ރެކޯޑަށް ބަލާއިރު، ވައްކަން ކުރުމުން ފެށިގެން ގޮސް ގަސްތުގައި މީހުން މެރުމުގެ ބޮޑެތި ޖިނާއީ ކުށްތަކަށް އަރައިގެންފައިވާކަން ދިއްލީ ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ދުވަރުކާ މޯ މެޓްރޯ ސްޓޭޝަން ކައިރީގައި ހަމަނުޖެހުން ހިންގާފައިވަނީ ކޮންމެވެސް އިމާރާތެއް ބެހުމުގެ މައްސަލާގައި ކަމަށް ދިއްލީ ފުލުހުން ބުނެއެވެ.

މި ހާދިސާ ހިނގައިގެން އުޅުނު ސަރަހައްދަށް ފުލުހުންނަށް ދެވުނުއިރު 15 ވަރަކަށް ފަހަރު ބަޑި ޖަހާފައިވާކަމަށާ، ގޭންގުތައް ކޮންޓްރޯލް ކުރުމަށް ފުލުހުންވެސް ބަޑިޖެހި ކަމަށް ޚަބަރު ލިބެއެވެ. މަރުވި 2 ކުށްވެރިންގެ ތެރެއިން 1 މަރުވީ ފުލުހުން ދިން ބަޑީގެ ހަމަލާތަކެއްގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

2 ގޭންގެއްގެ މެދުގައި ހަމަނުޖެހުން ހިންގުމުގައި ބައިވެރިވި އިތުރު 2 މީހަކު ފިލާފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.