ސެމިއުލް ޢަބްދުއްރަޙީމު ވަގަށް ގެންދިޔަ ދުވަހުގެ މާ ބޮޑު ހަނދާނެއް މިހާރަކު އޭނާގެ ނެތެވެ. އޭރު އޭނާގެ އުމުރުން 7 އަހަރެވެ. އޭރު އޭނާ ދިރިއުޅެމުން ދިޔައީ އާއިލާއާ އެކުގައި ނައިޖިރީއާގެ އުތުރުގެ ސަރަހައްދުގައި އޮންނަ ކާނޯ ސިޓީގައެވެ.
ސެމިއުލްގެ ބައްޕައަށް ވަނީ 4 އަނބިންނަށް 17 ދަރިން ލިބިފައެވެ. ނަމަވެސް، ވަގަށް ގެންދިޔަ ދުވަހު ސެމިއުލް ހުރީ އޭނާ ބަލަން ގެނެސްފައި ހުންނަ މީހާއާއިއެކުގައެވެ. އާއިލާއަށް ލިބުނު ޚަބަރަކީ ސެމިއުލް ބައިސްކަލް ދުއްވަން ބޭރަށް ނިކުތް ޚަބަރެވެ. އޭގެ ފަހުން ދެން އައި 6 އަހަރު ދުވަހަށް ސެމިއުލްގެ އާއިލާއަށް އޭނާ ލޯކުރިމަތިން ގެއްލުނީއެވެ.
ސެމިއުލްގެ ދައްތަ ފިރުދައުޒީ ކިއާދިން ގޮތުގައި ސެމިއުލް ހޯދުމަށް އެއާއިލާއިން ނުކުރާ ހަމަ އެއްކަމެއްވެސް ނެތެވެ. އޭރު އުމުރުން 21 އަހަރުގެ ފިރުދައުޒީ ބުނީ، ސެމިއުލް ގެއްލުނުކަން އެންމެ ފުރަތަމަ އޮތީ އޭނާއަށް ސިއްރުކޮށްފައެވެ. އޭރު އޭނާ ދިޔައީ ޔުނިވާސިޓީގައި ތައުލީމު ހާސިލުކުރަމުންނެވެ. ގޭގައި ކަމެއް ގޯސްވެގެން އުޅޭކަން ޝައްކުވީ ގެއަށް ގުޅުމުން ފޯނަށް ސެމިއުލް ޖަވާބު ނުދޭތީއެވެ. ފިރުދައުޒީ ބުނާ ގޮތުގައި ގޭގެ ލޭންޑްލައިނަށް ގުޅައިފިނަމަ މުޅިންވެސް ފޯނު ނަގާނީ ސެމިއުލްއެވެ.
ކަމެއް ގޯސްވިކަން ޔަގީނާ ގާތަށް ކަށަވަރުވުމާއެކު ފިރުދައުޒީ ކުށްލި ގޮތަކަށް ގެއަށް ދިޔައެވެ. އޭރު ސެމިއުލް ގެއްލުނުތާ މަހެއްހާ ދުވަސްވެއްޖެކަން އޭނާއަށް އެންގީ ބައްޕައެވެ.
ސެމިއުލް ގެއްލުނު މައްސަލާގައި އެންމެ ފުރަތަމަ ހައްޔަރުކުރެވުނީ ދަރިފުޅު ބަލަން ގެނެސްފައި ހުރި 'ނެނީ'އެވެ. ނަމަވެސް ތަހުގީގުތަކަށްފަހު އޭނާ ވަނީ މިނިވަންކޮށްފައެވެ.
ފިރުދައުޒީ ގެއްލިގެން އުޅޭކަން އޮތީ އެހެން ސަރަހައްދެއްގައި ދިރިއުޅެމުންދާ އޭނާގެ މަންމައަށްވެސް ސިއްރުކޮށްފައެވެ. އެކި ފަހަރު ދައްކަނީއެވެ. އެންމެފަހުން ބޮޑުބޭބެއެއް މެދުވެރިކޮށް މަންމައަށްވެސް އެ ޚަބަރު ދިނެވެ. އެ މަންމަވެސް ނުކުރާކަށް ކަމެއް ނެތެވެ. ފުލުހުންގެ ތަހުގީގުތަކުން ފުއްދާލީކީ ނޫނެވެ. އެއްޗަކުން ޖެހި އެކްސިޑެންޓްވީތޯ، ތަނަކަށް އެއްލާލާފައި އޮތްތޯ އެތަން މިތަން ބަލާ ހޯދިއެވެ. ފަންޑިތަ ސިހުރާ ދިމާލަށްވެސް ދިޔަކަމަށްވެއެވެ.
ވަކި ހިސާބަކުން އާއިލާއާށް މަޖުބޫރުވީ ސެމިއުލް މަރުވެއްޖެކަމަށް ނިންމާށެވެ.
ކޮންމެ ހާލެއްގައިވެސް ދިރިދުނިޔޭގައި ހުރިކަން ގަބޫލުކުރި އެކަކީ ފިރުދައުޒީއެވެ. އޭނާގެ ތީސިސްވެސް ހާއްސަކުރީ ކޮއްކޮއަށެވެ.
2000 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ދުވަހެކެވެ. އޭނާގެ މަންމަ ތައްޔާރުކޮށްފައިވާ ފޮތިގަނޑުތަކެއް މަގުމަތީ ބާޒާރެއްގައި ވިއްކުވުމުގެ މަސައްކަތަކާ ފިރުދައުޒީ ހަވާލުވީ އޭރު އަދި ވަޒީފާއެއް ހަމަޖެހިފައި ނެތުމުގެ ސަބަބުންނެވެ.
ބަޒާރުގެ ސްޓޭންޑް ޖެހުމުގެ މަސައްކަތުގައި ވަޑިއަކު މަސްހޫލުވެގެން އުޅުނުއިރު ފިރުދައުޒީ އިށީނދެލައިގެން އިނީއެވެ. ދެން އިވުނީ ﷲއަށްޓަކައި ފައިސާ ފޮއްޗެއް ދިނުމަށް މީހަކު އެދި ސަލާމް ޖެހިއަޑެވެ. ސަލާމްޖެހި މީހާ ހުރީ ކުޑަ ފިރިހެން ކުއްޖެއްގެ ގޮނޑުގައި ބާރަށް ހިފަހައްޓާލައިގެންނެވެ. ފިރުދައުޒީއަށް ބޭ އިހުތިޔާރުގައި ހަޅޭއްލަވައިގަނެވުނެވެ. އެ ކުޑަފިރިހެންކުއްޖަކީ، އެތައް އަހަރެއްވަންދެން އެއާއިލާއިން ހޯދަމުންދިޔަ ސެމިއުލްއެވެ.
މިހާރު ސެމިއުލްގެ އުމުރުން 30 އަހަރު ފުރިއްޖެއެވެ. އޭނާ ވަގަށް ގެންދިޔަ ދުވަހުގެ ހަނދާނެއް ނެތް ނަމަވެސް، ރޭލު ދަތުރެއްގެ ހަނދާން އަދިވެސް ހުންނަކަމަށް ބުނެއެވެ. އެ ދަތުރުގޮސް ނިންމާލީ ނުކުޅެދުންތެރިކަން ހުންނަ މީހުން ސަލާމްޖަހަމުންދާ ހިސާބުގަނޑަކަށެވެ. އޭނާއާއި ހަވާލުވީ އެތް އަތް ނެތް އަންހެނެއް ކަމަށާ، ލޯފަން މީހުންނަށް އެހީއެއްގެ ގޮތުގައި ސެމިއުލް ދޫކުރަމުންދިޔައީ އުޖޫރައެއްވެސް ކަނޑައަޅައިގެންކަން ސެމިއުލް ހަނދާން ހުރެއެވެ. އެ ފައިސާ ލިބެނީ އެ އަންހެން މީހާއަށެވެ.
ސެމިއުލް ކިއާދިން ގޮތުގައި މިއީ އެ ސަރަހައްދުގައި އާންމު ކަމެކެވެ. ވިދިގެން އައި އަހަރުތަކުގައި ސެމިއުލް ފަދަ ކިތަންމެ ކުދިންނެއް އެ ސަރަހައްދަށް ގެންދިޔަ ކަމަށްވެއެވެ. އެއީ އެއްވެސް ޖަޒުބާތެއް ނެތް ދުވަސްވަރެއް ކަމަށާ، އޭނާ ދިރިއުޅެމުންދިޔައީ "ގަބުރެއް"ގެ ގޮތުގައި ކަމަށް ސެމިއުލް ކިއާދިނެވެ. ހޭލައިގެން ސަލާމްޖަހަން ގޮސް، ލިބޭ އެއްޗަކުން ކާލައިގެން ނިދުމަށްފަހު އަނެއް ދުވަހުވެސް ހަމަ އެ ގޮތަށް ކަންތައް ތަކުރާރު ކުރުން ނޫން އެހެން ގޮތެއް ނެތުނީއެވެ.
ސަލާމްޖަހާ މީހުންނަށް އަޅެއްގެ ގޮތުގައި ސެމިއުލް "ކުއްޔަށް" ދެނީ މަހެއްހާ ދުވަހަށެވެ. މި ދުވަސްތަކުގައި ސެމިއުލް ނިދަނީވެސް ސަލާމްޖަހާ މީހުންނާއެކު ކޮންމެވެސް އާންމު ތަނެއްގައެވެ. ސަލާމްޖަހާ މީހާއަށް ސެމިއުލް ކަމުދާނަމަ، އިތުރު މަހަކަށް "އަޅުމަސައްކަތު ވަޒީފާ" ލިބެއެވެ. މިގޮތަށް އުޅުނު އުޅުމުގައި ބައެއް ރައްޓެހިންވެސް ލިބުނުކަމަށް ސެމިއުލް ބުނެއެވެ.
ފިރުދައުޒީއަށް ސެމިއުލް ފެނުނު ދުވަހަކީ ހައިރާން ކުރުވަނިވި ދުވަހެކެވެ. އެ ދުވަހު ހަޅޭއްލަވައިގަނެވުނު އަޑު އަދިވެސް ފިރުދައުޒީގެ ކަންފަތުގައި ހަރުލާފައި ހުންނަ ކަހަލައެވެ. އެއީ ކޮއްކޮކަން ފުރަތަމަ ގަބޫލުވެސް ނުކުރެވުނު ކަމަށް ފިރުދައުޒީ ބުނެއެވެ. ނަމަވެސް އެއީ ކޮންމެވެސް ގުޅުމެއް އޮތް ކުއްޖެކަން އެނގުނު ކަމަށްވެސް ފިރުދައުޒީ ބުނެއެވެ. އޭގެ ފަހުން އެންމެ ހިނދުކޮޅަކަށްވެސް އެ ކޮއްކޮގެ އަތުން ފިރުދައުޒީ ދޫކޮށެއް ނުލައެވެ.