މި ހަފުތާ ބަންދަކީ ސްރީލަންކާއަށް އެއް ގޮތަށްވުރެ ގިނަ ގޮތުން ހާއްސަ ހަފުތާ ބަންދެކެވެ. މިއީ37 އަހަރަށް ދެމިގެންދިޔަ ސްރީލަންކާގެ ދާހިލީ ހަނގުރާމަ ނިމުކަކަށް ގެނައިތާ 10 އަހަރު ފުރޭ ހަފުތާ ބަންދެވެ.

2009 ވަނަ އަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހެވެ. ސްރީލަންކާގެ އޭރުގެ ސަރުކާރުން ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައި ސީދާ ހަރަކާތް ހިނގާ ދިޔައީ އިރުމަތި އައްސޭރި ފަށުގެ ސަރަހައްދެއްކަމަށްވާ މުއްލައިއްތިވޫގައެވެ. އެއީ ތަމަޅާ ޓައިގަރުންގެ ލީޑަރު ވެލުޕިއްލާއި ޕްރަބާކަރަން މަރޭލެވުނު ދުވަހެވެ.

100000 އެއްހާ މީހުންގެ ފުރާނަ ގެއްލިދިޔަ ދާހިލީ ހަނގުރާމައަށް ނިމުމެއް ގެނެސް، ގައުމަށް ހަމަޖެހުމާ ސުލްހަ ހޯދުމުގެ ރޫހެއްގައި ކުރިއަރާ ދަނިކޮށް ސްރީލަންކާ އަނެއްކާވެސް މިވަނީ ސަލާމަތީ ނުރައްކަލުގެ އަނދަވަޅަކަށް ވެއްޓިފައެވެ. މިފަހަރުގެ ހަމަނުޖެހުންތަކުގެ ފުރަތަމަ އަޑުފައްގަނޑު އިއްވާނީ އޭޕްރިލް 21 ވަނަ ދުވަހު ސްރީލަންކާގެ އެކި ހިސާބުތަކުގައި ދިން ބޮމުގެ ހަމަލާތަކުންނެވެ. ދާހިލީ ހަނގުރާމައިގެ ލަކުނުތަކުން ދިލަ ނުކެނޑިއުޅެނިކޮށް އަނެއްކާ އަނެއް ކަންތަކެކެވެ. އޭޕްރިލް 21 ވަނަ ދުވަހުގެ ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ސްރީލަންކާވަނީ ދީނީ ހިޔާލުތަފާތުވުންތަކުގެ ހަނގުރާމައެއް ފެށުމުގެ ތުންފަތް މަތީގައެވެ. ނޭވާ ހިޅިއަށް އެޅި މޭ ފިތިފައެވެ.

ސްރީލަންކާގެ ސަލާމަތީ ބާރުތަކުން އެ ގައުމުގެ ސަރަހައްދެއްގައި ފޯރިމަރަނީ/ފޮޓޯ: އޭއެފްޕީ

ދާހިލީ ހަނގުރާމަ ނިންމާލެވިއްޖެކަން އޭރުގެ ރައީސް މަހިންދާ ރާޖަޕަކްސަ އިއުލާން ކުރެއްވި ނަމަވެސް ހަގީގަތުގައި ލަންކާއަށް ހަމަޖެހުން އައިސްފައެއް ނުވެއެވެ. އެތައް ބައެއްގެ ހިތުގައި އެތައް ވޭނަކާ ކެކުޅުމެއް ހުއްޓެވެ. އެތައް ވޭނަކާ އުދާހެއް ކެކެމުންދިޔައެވެ. 20000 މީހަކަށް ވީ ގޮތެއް އަދިވެސް ނޭނގެއެވެ. ދިރިދުނިޔޭގައި ތިބިކަމެއް ނުވަތަ ނޫންކަމެއްވެސް ނޭނގެއެވެ. އޭގެ ތެރޭގައި ސަރުކާރަށް އެއްބާރުލުންދިން އަސްކަރިއްޔާއަށް ނިސްބަތްވާ 5000 މީހަކުވެސް ހިމެނެއެވެ.

އޭގެ އަނެއްކޮޅުވެސް އެބައޮތެވެ. ހަނގުރާމަ ނިމުމަކާ ގާތަށް ޖެހެމުންދިޔަ ދުވަސްވަރެއެވެ. ތަމަޅަ ހަނގުރާމަވެރިންގެ ބައިލައްކައެއްހާ މީހުންގެ ފުރާނަ ދުއްވާލި ކަމުގެ އިލްޒާމް އެޅެނީ ލަންކާ ސަރުކާރަށް އެއްބާރުލުންދޭ އަސްކަރިއްޔާގެ ކޮނޑުގައެވެ. ނަމަވެސް ސަރުކާރުން ވަނީ މިހާތަނާ ޖެހެންދެކަށް ދައުވާތަކަށް އިންކާރުކޮށްފައެވެ.

ހަނގުރާމަ ނިމި ގައުމުގެ އެކި ހިސާބުތައް ބާރުދުވެއްޔެއްގައި އާރާސްތުކޮށް، ފަތުރުވެރިކަމާ އިގުތިސޯދު ފަތުއަޑުކިއާފައި ކުރިއަރަމުންދަނިކޮށް ހުރިހާ ކަމެއް ބަދަލުކޮށްލީ އޭޕްރިލް 21 ވަނަ ދުވަހުގެ ޓެރަރިސްޓް ހަމަލާތަކެވެ. 250 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިދިޔަ އެ ހަމަލާތަކަށްފަހު ސްރީލަންކާ އަނެއްކާވެސް ވަނީ ހަނގުރާމައެއްގެ ދޮރުގައި ޓަކި ދީފައެވެ.

އޭޕްރިލް 21 ވަނަ ދުވަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާގައި މަރުވި ބައެއް މީހުންގެ ޖަނާޒާގެ ތެރެއިން/ފޮޓޯ: ޔޫޓިއުބް

ހަމަލާގެ ފަހުން ފާއިތުވެދިޔަ މަހެއްހާ ދުވަހަށް ބަލާއިރު އެންމެ ބޮޑު ތަކުލީފެއް އުފުއްލަމުންދަނީ ސްރީލަންކާގައި ދިރިއުޅެމުންދާ މުސްލިމުންނެވެ. ބުދިސްޓުންގެ މެޖޯރިޓީ އޮންނަ ސްރީލަންކާގައި މުސްލިމުން މިހާރު ދިރިއުޅެމުންދަނީ ބިރުވެރިކަމާ ނަމާންކަމެއްގެ ތެރޭގައެވެ. އާރާސްތުކުރި އެތައް ވިޔަފާރިއެއް ވަނީ ލޫޓުވާލާފައެވެ. އިމާރާތްތަކުގައި ހުޅުޖަހާ އަޅިއަށް ހަދާފައެވެ. އޮއްގަލުން ތަޅާ މަރާފައެވެ. ނަމަވެސް ސްރީލަންކާގެ ސަރުކާރުން ވަނީ މަސްރަހު ކޮންޓްރޯލް ކުރެވިއްޖެކަމަށް ބުނެފައެވެ.

ސްރީލަންކާގައި ސުންނާފަތި ކޮށްލާފައިވާ މިސްކިތެއްގެ ކުރިމަތީގައި ހިތްދަތިކަމާއެކު މީހަކު ހުއްޓިލައިގެން/ފޮޓޯ: ރޮއިޓާޒް

ދާހިލީ ހަނގުރާމައިގެ ނިމުމަށް 10 އަހަރުން ފުރުން ފާހަގަކުރުމަށް އެގައުމުގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދާ ހަރަކާތްތަކަކީ ސުލްހަވެރި، ރައްކާތެރި ވެއްޓެއްގައި ކުރިއަށް ގެންދާ ހަރަކާތްތަކަކަށް ވާނެ ކަމުގެ ޔަގީންކަން ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.