7 މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ އިންޑިއާގެ އާންމު އިންތިހާބުގެ އެންމެ ފަހު މަރުހަލާގެ ވޯޓުލުން ފަށައިފިއެވެ.

މިއަދު ވޯޓުލުން ކުރިއަށްދާ ދާއިރާތަކަކަށް 918 ކެންޑިޑޭޓަކު ވާދަކުރައްވާއިރު، އޭގެ ތެރޭގައި ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރެއް ކަށަވަރުކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ މިހާރުގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީވެސް ހިމެނިވަޑައިގަންނަވައެވެ.

މިހާރު ކުރިއަށްދާ 7 ވަނަ މަރުހަލާގެ ވޯޓުގައި އިންޑިއާގެ ގިނަ ޗީފް މިނިސްޓަރުންތަކެއްވެސް ވޯޓު ދެއްވާއިރު، އިންތިހާބު ދިގުދެމިގެން ގޮސްފައިވާ ގޮތާއި މެދު އެ ބޭފުޅުން ވަނީ ހިތްޕުޅާ ނުވާކަން ހާމަކުރައްވާފައެވެ. އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓުލުން ފެށީ އޭޕްރިލް 11 ވަނަ ދުވަހުއެވެ. އޭގެ ފަހުން، 6 މަރުހަލާއެއްގެ ވޯޓުލުން ނިންމާ، 7 ވަނަ މަރުހަލާގެ ވޯޓުލުން ފަށާފައިވާއިރު، ކޮންމެ މަރުހަލާއެއްގެ ދެމެދަށް ބައިވަރު ދުވަސްތަކެއް ހުސްކޮށް ލާފައިވާކަން ފާހަގަކުރައްވާ، ބައެއް ޗީފް މިނިސްޓަރުންވަނީ އިންޑިއާގެ އިންތިހާބަށް ފާޑުވިދާޅުވެފައެވެ.

59 ދާއިރާއަކަށް މެމްބަރުން އިންތިހާބު ކުރުމަށް މިއަދު އިންޑިއާ ގަޑިން ހަވީރު 06:00 އާއި ހަމައަށް ވޯޓުލުން ކުރިއަށްދާއިރު، މޯދީގެ އިތުރުން މި ދާއިރާތަކަށް ވާދަކުރައްވާ އިސް ފަރާތްތަކުގެ ތެރޭގައި އިދިކޮޅު ކޮންގްރެސްގެ އާޖޭ ރާއީ އަދި އެސްޕީގެ ޝާލިނީ ޔާދޭވް ފާހަގަކުރެވެއެވެ.

2014 ވަނަ އަހަރު ކުރިއަށް ގެންދިޔަ އާންމު އިންތިހާބުގެ ނަތީޖާއަށް ބަލާއިރު، މި 59 ދާއިރާގެ ތެރެއިން 30 ދާއިރާ ކާމިޔާބުކުރީ ބީޖޭޕީއިންނެވެ.

މިއަދުގެ އިންތިހާބަށް ވާދަކުރައްވާ 918 މެމްބަރުންނާއި މެދު ގޮތެއް ނިންމުމުގެ ހައްގު، 10 މިލިއަނަށްވުރެ ގިނަ މީހުންނަށް ލިބިފައިވާއިރު، 112986 މަރުކަޒެއްގައި ވޯޓުލުން ކުރިއަށްދާނެއެވެ.

އިންޑިއާގައި އާންމު އިންތިހާބުގެ ވޯޓުލުން މިފަހަރު ކުރިއަށް ގެންދަނީ އިލެކްޓްރޯނިކް ސިސްޓަމްތައް ބޭނުންކޮށްގެން ކަމަށްވާއިރު، ހުރިހާ މަރުހަލާތަކެއްގެ ވޯޓު ގުނުމަށް ތާވަލު ކޮށްފައިވަނީ މިމަހުގެ 23 ވަނަ ދުވަހަށެވެ.