އަވަށްޓެރި ގައުމުތަކުގެ ތެރެއިން އައިސިސް ޖަމާއަތާ ބައިވެރިވާން، ސީރިއާއަށް ދެވަނަ އަށް އެންމެ ގިނައިން، ލަންކާ މަގުން ދަނީ ދިވެހިން ކަން ފާހަގަ ކުރެއްވޭ ކަމަށް ލަންކާ އާމީންގެ އިސްވެރިއާ، މަހޭޝް ސެނަނަޔަކަ ވިދާޅުވެއްޖެއެވެ.

ސެނަނަޔަކަ ވިދާޅުވީ، ސީރިއާއަށް ހަނގުރާމައަށް ދާ އެ މީހުން ދަތުރު ކުރަނީ ލަންކާ މަގުންނެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން އެމީހުންގެ މަންޒިލަށް ދިއުމުގެ ކުރިން ލަންކާގައި މަޑު ކުރާކަން ފާހަގަ ކުރެއްވިފައިވާކަމަށްވެސް އާމީ ޗީފް ވިދާޅުވެއެވެ.

"އެއީ ރާއްޖޭގެ ސަރުކާރުގެ މައްސަލައެއް ނޫން ނުވަތަ ސަރުކާރާ ފަރާތްތަކާ ގުޅިގެން ކުރާ ކަމެއް ނޫން، އެއީ ވަކި ވަކި މީހުން ނުވަތަ ޖަމާއަތްތަކަކުން ކުރާ ކަމެއް" ސެނަނަކަޔަ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ގައުމަކަށް ނިސްބަތްވާ މީހަކު ނުވަތަ ވަކި ބަޔަކު އިއިސިސް ޖަމާއަތާ ގުޅުމަކީ އެމީހަކު ނުވަތަ ބަޔަކު ނިސްބަތްވާ ގައުމު ޓެރަރިސްޓު ގައުމަކަށް ވާނެ ކަމެއް ނޫންނެވެ. އެފަދަ ޖަމާއަތްތަކާއި ގުޅޭ މީހުންނަކީ އެ ބަޔަކު އަމިއްލައަށް ގުޅުންތައް ހޯދައިގެން އުޅޭ ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ލަންކާ އާމީ ޗީފްގެ އިންޓަވިއުއާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ "މިވަގުތު ކޮމެންޓެއް ނެތް" ކަމަށެވެ.

ލަންކާއަށް މިދިޔަ މަހު 21 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާތަކަށް ފަހު، އެ ގައުމުން ދަނީ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރަމުންނެވެ. އަދި އެ ހަމަލާތަކުގެ ޒިންމާ އައިސިސް ޖަމާއަތުން އުފުލާފައިވީ ނަމަވެސް، ލަންކާއިން ދަނީ އެގައުމުގައި ދިރިއުޅޭ މުސްލިމުންނާ ދޭތެރޭ ތަފާތު ކުރުންތައް ގެންގުޅެމުންނެވެ. އެގޮތުން، މުސްލިމުންނަށް ފުރައްސާރަ ކުރުމާއި، މުދަލުގައި ހުޅުޖަހާ އަންދާލުމުގެ އިތުރުން ގެއްލުން ދިނުން ހިމެނެއެވެ. މީގެ އިތުރުން އެގައުމުގައި ދިރިއުޅޭ ދިވެހިންނަށްވެސް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. ދިވެހިން އުޅޭ އިމާރާތެއްގައި ދިވެހިންނަށް ނުތިބެވޭނެކަން އެ އިމާރާތުގެ މެނޭޖުމަންޓުން އެންގުމާއި ކަންފަތް ފޮރުވޭނެހެން ބުރުގާ އެޅުން މަނާ ކުރުމާއި ފުރައްސާރަ ކުރުން ފަދަ ހަރަކާތްތައް ދަނީ ހިންގަމުންނެވެ.

ލަންކާގައި ހިނގި މި ބޮމުގެ ހާދިސާގައި 250 އަށްވުރެ ގިނަ ފުރާނަ ގެއްލިފައިވާ އިރު، ގިނަ އަދަދެއްގެ މީހުން ވަނީ ޒަހަމް ވެފައެވެ.