މިދިޔަ ހޯމަ ދުވަހުން ފެށިގެން ސްރީލަންކާގެ އެކި ހިސާބުތަކުގައި ތަންފީޒުކުރަމުންދާ ކާފިއުގެ އަމުރު ބާތިލުކުރެވޭ ދަރަޖައަށް ގައުމުގެ އާންމު ހާލަތު ހަމައަކަށް އެޅިފައިވާކަމަށް ސްރީލަންކާ ސަރުކާރުން ބުނެފިއެވެ.

ސޯޝަލް މީޑީއާ ޕޯސްޓަކާ ގުޅިގެން މިދިޔަ ހޯމަ ދުވަހު އުފެދުނު ހަމަނުޖެހުންތަކަކާ ގުޅިގެން ސްރީލަންކާގައި ދިރިއުޅޭ މުސްލިމުންނާ، މުސްލިމުންގެ މުދަލާ، ތަކެއްޗާ ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ދީ ހަމަނުޖެހުން ހިންގާ، އެކެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ ހޯމަ ދުވަހުން ފެށިގެން މުސްލިމުންނަށް ކުރަމުންދާ އަނިޔާތަކާ، މުސްލިމުންގެ މުދަލާ ތަކެއްޗާ ގެއްލުންދެމުންދާ މައްސަލައާއި ގުޅިގެން ބުދިސްޓު ޖަމާއަތެއް ހައްޔަރުކޮށްފައިވާކަމަށެވެ.

ހައްދުފަހަނައަޅާފައިވާ ހަރުކަށި ބުދިސްޓް ޖަމާއަތެއްގެ މެމްބަރުން ހައްޔަރުކޮށް، ތަހުގީގު ކުރިއަށްދާކަން ސްރީލަންކާގެ ސަރުކާރުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އަދި މި ހަމަލާތަކަކީ ސްރީލަންކާ ސަރުކާރަކީ ފެއިލްވެފައިވާ ސަރުކާރެއްކަން ދެކުމަށް އެ ޖަމާއަތުން ހިންގި އަމަލެއް ކަމަށްވެސް ސްރީލަންކާގެ ސަރުކާރުން ވަނީ ތުހުމަތުކޮށްފައެވެ.