އިންޑިއާ ކަނޑުގައި އެފަދަ ދެވަނައެއް ނެތް "ޕެރަޑައިސް"ގެ ގޮތުގައި މަޝްހޫރުވެފައިވާ އޮސްޓްރޭލިއާގެ ކޮކޯސް (ކީލިންގް) އައިލަންޑްސްއަށް ރަބަރާ ޕްލާސްޓިކް ފެންފައިވާން ނުވަތަ "ފްލިޕް-ފްލޮޕް"ގެ ސުނާމީއާ ކުރިމަތިލާންޖެހިއްޖެއެވެ.

ސައިންސްވެރިން ލަފާކުރާ ގޮތުގައި ކީލިންގް އައިލަންޑްސްގެ ގޮނޑުދޮށްތަކުގައި 414 މިލިއަން ޕްލާސްޓިކް ކޮޅު އެބައޮތެވެ. މިއީ ދުނިޔެއަށް ކުރިމަތިލާންޖެހިފައިވާ ފްލާސްޓިކްގެ ތަޣައްޔަރުކަމުގެ ކުޑަ މިންވަރެކެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ކީލީންގް އައިލަންޑްސްއަށް ލައްވާ ޕްލާސްޓިކް ކުނިބުނީގެ %93 މިހާރު ވަނީ ފަސްގަނޑުގެ އަޑިއަށް ވަދެ، ވަޅުލެވިފައެވެ. މިއީ އަދި ވަކިން ބޮޑަށް ކަންބޮޑުވާންޖެހޭ ކަމަކެވެ. އެހެނީ، ލޮލަށް ފެންނަން ނެތުމުން އަޅާނުލާ ދޫކޮށްލެވޭ ގޮތް މެދުވެރިވުމެވެ.

މީގެ 60 އަކަށް އަހަރުކުރިން ޕްލާސްޓިކްގެ ޕްރޮޑަކްޓްތައް އުފައްދަން ފެށިފަހުން މިހާތަނަށް އުފައްދާފައިވާ ޕްލާސްޓިކް ޕްރޮޑަކްޓްތަކުގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ސާމާނު އުފައްދާފައިވަނީ ފާއިތުވީ 13 އަހަރެއްހާ ދުވަހުގެ ތެރޭގައެވެ.

ގާތްގަނޑަކަށް 600އެއްހާ މީހުން ދިރިއުޅެމުންދާ ކޮކޯސް(ކީލިންގް) އައިލަންޑްސްއަށް ލައްވަމުންދާ ކުނިބުންޏަށް ބަލާއިރު 238 ޓަނުގެ ޕްލާސްޓިކް ހިމެނެއެވެ. އޭގެތެރޭގައި 977000 ބޫޓާ، 373000 ދަތްއުނގުޅާ ބުރުސް ހިމެނެއެވެ.

ގޭތެރޭގައި ގެންގުޅެ ޕްލާސްޓިކު، ޕްލާސްޓިކް ކޮތަޅަކަށްލާ އެއްލާލުމުން ލޮލު ކުރިމަތިން ގެއްލުނު ނަމަވެސް، އެ ޕްލާސްޓިކު ދުނިޔެއިން ނެތި ނުދާކަން މިފަދަ ޚަބަރުތަކުން ހެކިދެއެވެ. އެކަހެރި ގޮނޑުދޮއްތަކަށް ޕްލާސްޓިކްގެ "ސުނާމީ"ތައް އަރަމުންދާއިރު، ދުނިޔޭގެ ކަނޑުގެ ސަރަހައްދުގެ އެންމެ ފުން ސަތަހައަށް ކުރި ދަތުރުގައިވެސް ސައިންސްވެރިންނަށް މަރުހަބާ ކިޔާފައިވަނީ ޕްލާސްޓިކްއެވެ.