ގިނަ ބައެއްގެ މެދުގައި އަދިވެސް ސަމާލުކަން ހޯދަމުންދާ އާދަޔާ ހިލާފު ބިނާތަކެއް ފަރުމާކުރި އާކިޓެކްޓް އައި އެމް ޕެއި މަރުވެއްޖެއެވެ.

ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގެ ލޫވާގެ ބޭރުން ފެންނަ ހުންނަ ބިއްލޫރި އަހުރާމްތަކުގެ ފަރުމާގެ މިލްކުވެރިޔާގެ ގޮތުގައި މަޝްހޫރުވި ޕެއި މަރުވީ އުމުރުން 102 އަހަރުގައެވެ.

ޕެއި ފަރުމާކުރި އިމާރާތްތައް މަގުބޫލުވެފައިވަނީ އެ އިމާރާތްތަކުގެ ޖިއޮމެޓްރީއާއި ގުދުރަތީ އަލި ގުޅުވާލަދީފައިވާ ގޮތުންނެވެ.

އުމުރުން ކިތަންމެ ދޮށީވި ކަމުގައި ވީ ނަމަވެސް ފަރުމާކުރުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދިޔަ ޕެއިގެ މަސައްކަތްތަކުގެ ތެރޭގައި، އުމުރުން 80ގެ އަހަރުތަކުގައި އޭނާ ފަރުމާކުރި ޤަތަރުގެ މިއުޒިއަމް އޮފް އިސްލާމިކް އާޓް ފާހަގަކޮށްލެވެއެވެ.

މީލާދީން 1917 ވަނަ އަހަރު މި ދުނިޔޭގެ އަލިކަން ދުށް ޕެއި އަކީ ޗައިނާއަށް އުފަން މީހެކެވެ. ނަމަވެސް އެމެރިކާގެ އެންމެ ނަން މަޝްހޫރު ތައުލީމީ މަރުކަޒުތަކުގައި އިލްމު ހާސިލުކުރުމަށް އޭނާ އެމެރިކާއަށް ހިޖުރަކުރީ އުމުރުން 18 އަހަރުގައެވެ.

އެމެރިކާއަށް ދިރިއުޅުން ބަދަލުކުރުމަށްފަހު، 2 ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޕެއި ވަނީ ރިސާޗް ސައިންޓިސްޓެއްގެ ގޮތުގައި އެމެރިކާގެ ސަރުކާރަށްވެސް ހިދުމަތްކޮށްދީފައެވެ. އެއަށްފަހު 1955 ވަނަ އަހަރު އާކިޓެޗްޗާގެ ރޮނގުން އޭނާގެ އަމިއްލަ ކުންފުންޏެއް ހަދާ، ދުނިޔޭގެ އެކި ހިސާބުތަކުގައި ފާހަގަކޮށްލެވޭ ބޮޑެތި އަދި އާދައިގެ އިމާރާތްތައް ފަރުމާކުރުމުގެ މަސައްކަތް ޕެއި ވަނީ ކޮށްފައެވެ.

މީގެ އިތުރުން، އެނާއަށް އިނާމުގެ ގޮތުގައި ލިބުނު ފައިސާއިން ޕެއި ވަނީ އާކިޓެކްޗާގެ ރޮނގުން އެމެރިކާގައި މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު، ޗައިނާގެ ކުދިންނަށް ހޯދާދީފައެވެ.

ޒަމާނީ ފަންނުވެރިން ސިފަކުރާ ގޮތުގައި ޕެއިގެ ފަރުމާތަކުގެ ހަގީގީ ރަހަ އައިސްފައިވަނީ އިސްލާމީ ވަންތަ ފަރުމާތަކަކުންނެވެ.