އިންޑިއާގެ މަތިންދާބޯޓުތަކަށް ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައި އޮތް އޮތުމަށް މެއި 30 ވަނަ ދުވަހުގެ ކުރިން ބަދަލެއް ނުގެނައުމަށް ޕާކިސްތާނުން ނިންމައިފިއެވެ.

އިންޑިއާއާއި ޕާކިސްތާނު ހިއްސާކުރާ ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި އޮންނަ ޕުލްވާމާގައި މިއަހަރުގެ ފެބުރުވަރީ މަހު ދިން ހަމަލާތަކާ ގުޅިގެން އިންޑިއާއާއި ޕާކިސްތާނާ ދެމެދު އުފެދުނު ހަމުނުޖެހުންގަނޑުގެ ތެރެއިން ޕާކިސްތާނުންވަނީ އެގައުމުގެ ވައިގެ ސަރަހައްދު އިންޑިއާއަށް ބަންދުކޮށްފައެވެ.

ޕާކިސްތާނުގެ ވައިގެ ސަރަހައްދު އިންޑިއާއަށް އަލުން ހުޅުވާލުމާ ބެހޭ ގޮތުން އެންމެ ފަހުން ކުރިއަށް ގެންދިޔަ މަޝްވަރާތައް ބުދަ ދުވަހު ނިންމާލިއިރު، މެއި 30 ވަނަ ދުވަހުގެ ނިޔަލަށް ނިންމުން ބަދަލު ނުކުރުމަށް ޕާކިސްތާނުން ނިންމީ، އިންޑިއާގައި މިހާރު ކުރިއަށްދާ އާންމު އިންތިހާބުގެ ކަންކަން ނިމި، ކޮޅެއްގައި ޖެހެންދެކަށް ކަމަށް ޚަބަރު ލިބެއެވެ.

ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް ޕާކިސްތާނާ އިންޑިއާއާއި ދެމެދު ސުލްހައިގެ ކުޑަ ނަމަވެސް މަސައްކަތެއް ކުރިއަށްދާނީ އިންޑިއާގެ އާންމު އިންތިހާބު ނިމުމުން ކަމަށް ޕާކިސްތާނުން ވަނީ އިޝާރާތްކޮށްފައެވެ.

7 މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްގެންދާ އިންޑިއާގެ އާންމު އިންތިހާބުގެ 6 މަރުހަލާގެ ވޯޓުލުން ނިމިފައިވާއިރު، އެންމެ ފަހު މަރުހަލާގެ ވޯޓުލުން ތާވަލުކޮށްފައިވަނީ މެއި 19 ވަނަ ދުވަހަށެވެ. އެއަށްފަހު ވޯޓު ގުނުމުގެ މަސައްކަތް މެއި 23 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖައްސާފައެވެ.