ސްރީލަންކާގައި ދިރިއުޅެމުންދާ މުސްލިމުންނަށް އަމާޒުކޮށް ހަމަލާ ދިނުމުގައި ހަރަކާތްތެރިވާ ޖަމާއަތުގެ ފަހަތުގައި އޮތި ސިޔާސީ އެޖެންޑާއެއް ކަމަށް ސްރީލަންކާގެ މިނިސްޓާ އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަން ރަންޖީތު މަދުމާ ބަންޑާރަ ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ސަލާމަތީ މަސްރަހާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މުސްލިމުންނަށް އަމާޒުކޮށް ހަމަލާ ދެމުންދާ ޖަމާއަތުގެ މަގުސަދަކީ ސަރުކާރާ މެދު މީހުން ދެކެމުންދާ ގޮތް ބަދަލުކޮށް ސަރުކާރު ފެއިލްވެފައިވާ ކަމުގެ މަންޒަރު ތަސްވީރުކޮށްދިނުން ކަމަށެވެ. އެގޮތުން މަސްރަހު ކޮންޓްރޯލް ކުރުމަށް ސަރުކާރު ނުކުޅެދިފައިވާކަން ދައްކުވާދިނުމަކީ އެ ޖަމާއަތުގެ އަމާޒުކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ސްރީލަންކާ ސަރުކާރުން ބުނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގި ނަމަވެސް ބުދަ ދުވަހުން ފެށިގެން ގައުމުގެ މަސްރަހު ހަމައަކަށް އެޅިފައިވާކަމަށާ، މުސްލިމުންނާ ދެކޮޅަށް އިތުރު ހަމަލާއެއް ދިން ކަމުގެ ރިޕޯޓެއް ކޮށްފައި ނުވާކަމަށެވެ.

ކަންމިހެންއޮތްއިރު، މުސްލިމުންގެ އިމާރަތަކަށް ގެއްލުން ދިނުމަށް ބަޔަކު މަސައްކުރުމުގެ ކުޑައިރުކޮޅެއް ކުރިން، އަސްކަރީ ޔުނީފޯމުގައި ހުރި މީހަކު އެސަރަހައްދު ދޫކޮށްދާ މަންޒަރު ފެންނަ ވީޑިއޯއާއި ގުޅިގެން ތަހުގީގުތަކެއް ހިންގަމުންދާކަމަށް ސްރީލަންކާގެ އަސްކަރިއްޔާއިންވެސް ވަނީ ބުނެފައެވެ. މީގެ އިތުރުން، މުސްލިމުންގެ މުދަލާ ތަކެއްޗަށް ގެއްލުންދެމުންދިޔަ މަންޒަރު ބަލަން އަސްކަރީ ޔުނީފޯމުގައި މީހަކު ހުންނަ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ދައުރުވާކަމަށް ޚަބަރު ލިބެއެވެ.

މިދަނޑިވަޅުގައި ސްރީލަންކާގެ މުސްލިމުން ބުނަމުންދަނީ އަސްކަރިއްޔާއިން ފޯރުކޮށްދޭންޖެހޭ ހިމާޔަތާ ރައްކާތެރިކަން އެކަށީގެންވާ ގޮތެއްގައި ލިބެމުން ނުދާކަމަށެވެ. އަދި ސަލާމަތީ ބާރުތަކާ ފުލުހުންވެސް ތިބެނީ ކުޅި ބަލަން ކަމަށް ބުނެ، ސްރީލަންކާގެ މުސްލިމުން ވަނީ ޝަކުވާވެސް އުފުލާފައެވެ.