ސްރީލަންކާގައި ދިރިއުޅެމުންދާ މުސްލިމުންނަށް އަމާޒުކޮށް އެގައުމުގެ އެކި ހިސާބުތަކުގައި ދެމުންދާ ހަމަލާތަކާ ގުޅިގެން، ވެރިރަށް ކޮޅުނބުގެ އުތުރުން އޮންނަ ޕްރޮވިންސެއްގައި ވަކި މުއްދަތެއް ނެތް ގޮތަށް ކާފިއު އިލާންކޮށްފިއެވެ.

މުޅި ސްރީލަންކާއަށް ރޭ ކާފިއު އިއުލާންކުރި ނަމަވެސް ބައެއް ސަރަހައްދުތައް މިހާރު ވަނީ އާންމު ހާލަތަކަށް ގެނެސްފައެވެ. ނަމަވެސް މުއްދަތެއް ނެތް ގޮތަށް ކާފިއު އިއުލާންކޮށްފައި ވަނީ، އާދީއްތަ ދުވަހުން ފެށިގެން ސްރީލަންކާގައި މުސްލިމުންނަށް ދެމުންދާ ހަމަލަތަކާ، ހިންގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި މުސްލިމު ފިރިހެނެއްގެ ފުރާނަ ގެއްލުނު ނޯތް ވެސްޓާން ޕްރޮވިންސް (އެން.ޑަބްލިއު.ޕީ)ގައެވެ.

ލަންކާ ޕޮލީސް ޗީފް ޗަންދަނާ ވިކްރަމަރަތުނަ ވަނީ، ހަމަނުޖެހުން ހިންގާ، ހަމަލާ ދޭ ފަރާތްތަކާ ދެކޮޅަށް އެންމެ ހަރުކަށި ބާރުގެ ބޭނުން ކުރުމަށް ޕޮލީސް ކޮންސްޓަބަލްސްއަށް އަމުރުކުރައްވާފައެވެ.

އޭޕްރިލް 21 ވަނަ ދުވަހު ސްރީލަންކާގެ އެކި ހިސާބުތަކުގައި ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ސްރީލަންކާގައި ދީނީ ހަނގުރާމައެއް ފެށި ދާނެ ކަމުގެ ބިރުވެރިކަން އިތުރުވެފައިވަނިކޮށް، ސޯޝަލް މީޑިއާގައި ހޫނިވި ބަހުސެއްގެ ސަބަބުން އެގައުމުގެ އެކި ހިސާބުތަކުގައި މުސްލިމުންނަށް ދަނީ ބޮޑެތި އަނިޔާތަކެއް ކުރަމުންނެވެ. މުސްލިމުންގެ މުދަލާ ތަކެއްޗަށް ގެއްލުން ދިނުމުގެ އިތުރުން މުސްލިމުން އަޅުކަން ކުރުމަށް ބޭނުންކުރާ މިސްކިތްތައްވެސް ވަނީ ސުންނާފަތިކޮށްލާފައެވެ.

މިފަދަ ހާލެއްގައި ސްރީލަންކާގެ މުސްލިމުންގެ އާބާދީ ދިރިއުޅެމުންދާއިރު، މުސްލިމުންގެ ހިމާޔަތަށްޓަކައި ސަލާމަތީ ބާރާއި ފުލުހުން އެކަށީގެންވާ ގޮތެއްގައި މަސައްކަތްކުރަމުން ނުދާ ކަމުގެ ޝަކުވާ، ސްރީލަންކާގައި ދިރިއުޅެ މުސްލިމުން ދަނީ އުފުލަމުންނެވެ.