ރާއްޖޭގެ ސަލާމަތީ ގޮންޖެހުންތަކަށް އެހީވާން އިންޑިއާ ނޫން ކޮންމެ ބަޔަކު ވެސް ރަނގަޅުވާނެ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ނައިބު ރައީސް އަހްމަދު ނިހާން ވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދާޅުވީ، ރާއްޖެއަށާއި މި ސަރަހައްދަށް ސަލާމަތީ ގޮތުން ކުރިމަތިވެފައިވާ ގޮން ޖެހުންތަކުން އަރައިގަތުމަށް އެމެރިކާ ސަރުކާރުގެ އެހީ ލިބޭނެ ކަމަށް އެމެރިކާއިން ރާއްޖެއަށް ކަނޑައަޅައިފައި ހުންނަ ސަފީރު އެލައިނާ ޓެޕްލިޓްޒް ވިދާޅުވުމާއި ގުޅިގެންނެވެ.

ނިހާންގެ މި ޓްވީޓަށް ރައްދު ދެމުން ބައެއް އާންމުން ވަނީ އެމެރިކާއަށް ފާޑުކިޔާފައެވެ. އެގޮތުން، އެ މީހުން ވަނީ އިންޑިއާ ގޯސްވެފައި، އެމެރިކާ ރަނގަޅުވަނީ ކޮން ހައިސިއްޔަތަކުންތޯ ސުވާލު ކޮށްފައެވެ. އަދި އިންޑިއާ އަކީ ދެކުނު އޭޝިޔާގެ އިސްރާއިލް ކަމަށާއި އެމެރިކާއަކީ މެދު އިރުމަތީ އިސްރާއިލް އާއި ދެކުނު އޭޝިޔާގެ އިސްރާއިލަށް ހުރިހާ އެހީއެއްވާ ބައެއް ކަމަށް ބުނެ އާންމުން ނިހާންގެ ޓްވީޓަށް ރައްދު ދީފައިވެއެވެ.

އެމެރިކާއިން ރާއްޖޭގެ ސަލާމަތީ ކަންކަމަށް އޮތް ގޮން ޖެހުންތަކަށް އެހީތެރިވާނެކަމަށް ސަފީރު އެލެއިނާ ވިދާޅުވީ، އިއްޔެ ޑިފެންސް މިނިސްޓާ މާރިޔާ އަހްމަދު ދީދީގެ އަރިހަށް ކުރެއްވި އިހުތިރާމު ޒިޔާރަތެއްގައެވެ. މި ޒިޔާރަތަށް ފަހު އެ މިނިސްޓްރީން އާންމު ކުރި ނޫސް ބަޔާނެއްގައި ރާއްޖޭގެ ސަލާމަތީ ވެއްޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދޭ ސަމާލުކަން އެެމެރިކާގެ ސަފީރު ފާހަގަ ކުރައްވާ ކަމަށް ބުނެފައިވެއެވެ. މި ޒިޔާރަތުގެ ބައްދަލުވުމުގައި އެމެރިކާއިން ދިވެހި ސިފައިން ތަމްރީނު ކުރުމުގައި އަދި އެނޫންވެސް ކަންކަމުގައި ދޭ އެހީތެރިކަމަށް މިނިސްޓަރު މާރިޔާ ޝުކުރު އަދާ ކުރެއްވެވިއެވެ.