ދުނިޔޭގެ ކަނޑުގެ ސަރަހައްދުގެ އެންމެ ފުނަށް ފީނުމުގެ ރެކޯޑް މުގުރާލައިގެންވެސް ފެނުނީ ޕްލާސްޓިކް ކަމަށް، އެ ރެކޯޑް މުގުރާލި ކުޅަދާނަ ޑައިވަރު ވިކްޓޯ ވެސްކޯވޯ ބުނެފިއެވެ.
ދުނިޔޭގެ ކަނޑުގެ ސަރަހައްދުގެ އެންމެ ފުން ސަތަހައިގެ ގޮތުގައި ސިފަކުރަމުން އަންނަ ޕެސިފިކް ކަނޑުގެ މެރިއާނާ ޓްރެންޗަށް ވިކްޓޯ ޑައިވްކުރީ 11 ކިލޯމީޓަރު (7 މޭލު) އަޑިއަށެވެ.
މެރިއާނާ ޓްރެންޗަކީ ކަނޑުގެ އަޑިއަށްވާ ގޮތަށް ފުންވެފައިވާ ސަރަހައްދަކަށް ވާއިރު، މި ސަރަހައްދު އެކޮޅުކޮޅުން ޖަހާލައިފިނަމަ ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓް އެވަރެސްޓްއަށް ވުރެވެސް އުސްވާނެއެވެ.
މިހާ ފުނަށް ވިކްޓޯ ފީނާފައި ވަނީ، އެ ސަރަހައްދުގެ ބާރުގަދަ ޕްރެޝަރު ހިފަހައްޓާ ލެވޭ ވަރުގެ ގާބިލުކަން ލިބިފައިވާ ކުޑަ ސަބްމެރީނެއްގައެވެ.
ވިކްޓޯވަނީ މެރިއާނާ ޓްރެންޗްގެ އެންމެ އަޑީ ސަތަހަ ބަލާ، ދިރާސާ ކުރުމުގައި 4 ވަރަކަށް ގަޑިއިރު ހޭދަކޮށްފައެވެ.
މި ދަތުރުގައި ކަނޑުގެ ދިރުންތައް ފެނުނުކަމުގައި ވީ ނަމަވެސް، އެންމެ ހައިރާން ކުރުވި ކަމަކީ ދުނިޔޭގެ އެންމެ ފުން ސަރަހައްދުންވެސް ޕްލާސްޓިކް ކޮތަޅާ، މެޓާ ބަންދުކޮށްފައި ހުންނަ ޕްލާސްޓިކް ކަރުދާސްތައް އެ ސަރަހައްދުން ފެނުނު ފެނުން ކަމަށް ވިކްޓޯ ވަނީ ސިފަކޮށްފައެވެ.
މިއީ ދުނިޔޭގެ އެންމެ ފުން ސަރަހައްދަށް އިންސާނަކު ދަތުރުކުރި 3 ވަނަ ފަހަރެވެ. އެންމެ ފުރަތަމަ މި ރެކޯޑް ހޯދާފައި ވަނީ އެމެރިކާ ކަނޑުގެ އަސްކަރިއްޔާގެ ލެފްޓިނެންޓެކެވެ. އެއީ 1960ގެ އަހަރުތަކުގެ ތެރޭގައެވެ. އޭގެ ބައި ޤަރުނު ފަހުން 2012 ވަނަ އަހަރު، މަޝްހޫރު ޑައިރެކްޓާ ޖޭމްސް ކެމެރަންވެސް ވަނީ ގިނިކަންޏާ މިސަރަހައްދަށް ދަތުރުކޮށްފައެވެ. ނަމަވެސް ވިކްޓޯ ފީނާފަނީ މި ދެ ޑައިވަރުންނަށް ވުރެވެސް ފުނަށެވެ.
ވިކްޓޯއާއި އޭނާގެ ޓީމުންވަނީ މެރިއާނާ ޓްރެންޗްގެ ފުން ސަރަހައްދު ތަކަށް 5 ފަހަރެއްގެ މަތިން ފީނާފައެވެ.
ސައިންސްވެރިން މިހާރު މަސައްކަތް ކުރަމުން ދަނީ، ދުނިޔޭގެ ކަނޑުގެ ސަތަހައިގެ އެންމެ ފުނުން ފެނުނު އާދަޔާ ހިލާފު ދިރޭތަކެތިން ނެގި ސާމްޕަލްގައި މައިކްރޯޕްލާސްޓިކްގެ އަސަރު ހުރިތޯ ތަހުލީލު ކުރަމުންނެވެ.