އިންޑިއާގެ މަތިންދާބޯޓުތަކަށް ޕާކިސްތާނުގެ ވައިގެ ސަރަހައްދު އަލުން ބޭނުންކުރެވިދާނެ ކަމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ޕާކިސްތާނުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ޕާކިސްތާނު ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ތަރުޖަމާނު މުޖުތަބާ ބާއިގު ވިދާޅުވީ، އިންޑިއާގެ މަތިންދާބޯޓުތަކަށް ޕާކިސްތާނުގެ ވައިގެ ސަރަހައްދުން ބޭނުންކުރަން ފެށިދާނެ ކަމާ މެދު ޕާކިސްތާނުގެ ސަރުކާރުން ގޮތެއް ނިންމާމީ މިމަހުގެ 15 ވަނަ ދުވަހު ކަމަށެވެ.

މިއަހަރުގެ ކުރީކޮޅު ޕާކިސްތާނާ އިންޑިއާއާއި ދެމެދު އޮތް ހީނަރު ގުޅުން އިތުރަށް ނުރައްކާވެ، ޕާކިސްތާނުގެ ވައިގެ ސަރަހައްދު ހުރިހާ ގައުމަކަށް ބަންދުކުރީ ފެބުރުވަރީ މަހުގެ ފަހުކޮޅުއެވެ. މަސްދުވަހަށް ވައިގެ ސަރަހައްދު ބަންދުކޮށްފައި ބޭއްވުމަށްފަހު، 3 ގައުމެއް ފިޔަވާ އެހެން ހުރިހާ ގައުމެއްގެ ވައިގެ އުދުހުންތަކަށް ޕާކިސްތާނުގެ ވައިގެ ސަރަހައްދު ހުޅުވާލާފައިވާއިރު، ހުއްދަ ދީފައިވާ ގައުމުތަކުގެ ލިސްޓަށް އިންޑިއާ އިތުރުކުރުމަށް ކުރިއަށްގެންދާ މުރާޖާ ބައްދަލުވުމުގައި ކަމާގުޅުންހުރި އިސް ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެކަމަށް މައުލޫމާތު ލިބެއެވެ.

ކަންމިހެން އޮތްނަމަވެސް، އިންޑިއާއާއި ޕާކިސްތާނާ ދެމެދު އިންތިހާއަށް ހީނަރުވެފައިވާ ހާރިޖީ ގުޅުމަށް އިތުރު ގޮތެއް ވާން އަންނަނީ، އިންޑިއާގައި މިހާރު ކުރިއަށްދާ އާންމު އިންތިހާބުގެ ވޯޓުގެ ކަންކަން ނިމި، އިންޑިއާގެ ވެރިކަން ހިންގުމުގެ ނިޒާމު ހަމައަކަށް އެޅިގެން ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންގެ އަރިސް ބޭފުޅަކު ވަނީ މީޑިއާއަށް ވިދާޅުވެދެއްވާފައެވެ.

ޕާކިސްތާނުންވަނީ އެގައުމުގެ ވައިގެ ސަރަހައްދު، ބެންކޮކާ ކުއާލަލަމްޕޫރަށްވެސް ބަންދުކޮށްފައެވެ. މިކަމުގެ ސަބަބުން ޕާކިސްތާނަށް އެތައް ބިލިއަން ރުޕީޒްއެއްގެ ގެއްލުން ވަމުންދާކަން ޕާކިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.