ސްރީލަންކާ ދިރިއުޅޭ މުސްލިމުންނަށް އަމާޒުކޮށް އެގައުމުގައި އަނެއްކާވެސް ހަމަލާ ދޭން ފަށައިފިއެވެ.

އާދީއްތަ ދުވަހުން ފެށިގެން ދޭން ފެށި ހަމަލާތަކުގައި، ސްރީލަންކާގެ ހުޅަނގު އައްސޭރިފަށުގެ ސަރަހައްދުގައި އޮންނަ ޗީލޯ އަވަށުގައި މުސްލިމުން ހިންގާ ފިހާރަތަކުގެ އިތުރުން މިސްކިތްތަކަށް އޮއްގަލުން ހަމަލާދީފައި ވާއިރު، މުސްލިމެއްގެ ގައިގައި ތަޅާ އަނިޔާކޮށްފައި ވާކަމަށް ބައިނަލްއަގުވާމީ ޚަބަރުތައް ބުނެއެވެ.

ކަމާ ބެހޭ ފަރާތްތަކާ ހަވާލާދީ ރޮއިޓާޒްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އާދީއްތަ ދުވަހުގެ ހަމަނުޖެހުންތައް ފެށިފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ފޭސްބުކްގައި ހިންގި ދެބަސްވުންތަކަކާ ގުޅިގެން ކަމަށްވެއެވެ.

މި ދެބަސްވުމެއް ހިންގާފައިވަނީ ސިންހަޅާއިންތަކަކާ މުސްލިމު ފިރިހެނަކާ ދެމުގައި ކަމަށާ، ދެ ފަރާތުންވެސް އިންޒާރުގެ މެސެޖުތަކެއް ބަދަލުކޮށްފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މިތަނުން މުސްލިމު މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގައި ދަށުގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ސްރީލަންކާގެ މިސްކިތަކަށް ހަމަލާދީފައި/ފޮޓޯ: ޓުވިޓާ

މި ހަމަލާތަކަގާ ގުޅިގެން ރެއިން ފެށިގެން މިއަދު ފަތިހުރ 06:00 އާއި ހަމައަށް ޗީލޯގައި ކާފިއު އިއުލާންކޮށްފައިވާކަން، ސްރީލަންކާ ފުލުހުންގެ ތަރުޖަމާނު ރުވާން ގުނަސޭކަރު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އޭޕްރިލް 21 ވަނަ ދުވަހު ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކަށްފަހު، ސްރީލަންކާގައި ދިރިއުޅޭ މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވެފައިވާއިރު، އެކިކަހަލަ ފުރައްސާރަކުރުންތަކުގެ ޝަކުވާގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.

ރަމަޟާން މަހުގެ ފެށުމާ ދިމާކޮށް، ހުސްވިހަފުތާގައި ނިގެމްބޯގައިވެސް ވަނީ މުސްލިމުންނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.