ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާއެކު ސޮއިކުރި އެއްބަސްވުން ބާތިލް ކުރި މައްސަލައިގައި ދައުލަތުން އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދޭން ޖެހޭނެކަމަށް ދަށު ކޯޓުން ކުރި ހުކުމް ދަމަހައްޓަން ސުޕްރީމް ކޯޓުން ނިންމި ނިންމުން ތަންފީޒުކުރުމަށް، ސިވިލް ކޯޓުގައި ތާވަލުކޮށްފިއެވެ.
ދީބާޖާގެ މައްސަލައިގެ ހުކުމް ތަންފީޒުކުރުމަށް މާދަމާ 10:45 ގައި ވަނީ ސިވިލް ކޯޓުގައި ޝެޑިއުލް ކޮށްފައެވެ. ދީބާޖާއަށް 348 މިލިއަން ރުފިޔާ ދޭން ދަށު ކޯޓުން ހުކުމް ކުރީ، އެއިރުގެ ސަރުކާރުން އުތުރު ޕްރޮވިންސް ގައި ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާ އެކު ސޮއިކުރި އެއްބަސްވުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ބާތިލްކުރި މައްސަލައިގައި ދަށު ކޯޓުން އޮކްޓޯބަރު 23، 2014 ގައެވެ.
ދީބާޖާގެ މައްސަލައިގައި ގިނަ ވަކީލުންނާއި ގާނޫނީ މާހިރުން އައީ ސުޕްރީމް ކޯޓުގެ ނިންމުން އަލުން މުރާޖާކުރުމަށް ގޮވާލަމުންނެވެ. އަދި މި މައްސަލައިގައި އަޑި ނޭނގޭ ކަންތައްތަކެއް ހުރިކަމަށް ބުނެ ބައެއް ފަރާތްތަކުން މިހާރުގެ ސަރުކާރާއި، ސަރުކާރުގައި ހިމެނޭ ބައެއް އިސްފަރާތްތަކަށް އަންނަނީ ތުހުމަތުގެ އިނގިލިތައް ދިގުކުރަމުންނެވެ.
ދީބާޖާގެ މައްސަލައިގައި އެ ކުންފުންޏާ އެއްކޮޅަށް ސުޕްރީމް ކޯޓުން މައްސަލަ ނިންމީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ. އަދި ސުޕްރީމް ކޯޓުގެ ނިންމުން ތަންފީޒުކުރުމާއި ގުޅޭގޮތުން ސިވިލް ކޯޓުގައި އެ މައްސަލަ ތާވަލު ކޮށްފައި ވަނީ މާދަމާއަށެވެ. އެހެންކަމުން ބަންދު ދުވަސްތައް ނުހިމަނައި މި މައްސަލައިގައި ގޮތް ނިންމުމަށް ޝެޑިއުލްކޮށްފައި މިވަނީ 16 ދުވަސް ތެރޭގައެވެ.
ދީބާޖާގެ މައްސަލައާއި ގުޅޭގޮތުން ގާނޫނީ ވަކީލު މުހައްމަދު ޝަފީއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދީބާޖާގެ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތް ނިންމިތާ، މަސައްކަތު 14 ދުވަސް ތެރޭގައި އެ ނިންމުން ތަންފީޒުކުރުމަށް ސިވިލް ކޯޓުގައި ޝެޑިއުލްކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ކުލައިންޓެއް ހުކުމެއް ތަންފީޒު ކުރާނެ ދުވަހެއްގެ އިންތިޒާރުގައި ހުންނަތާ އަހަރު ދުވަސް ވެފައިވާ ކަމަށް ވެސް ޝަފީއުވަނީ ވިދާޅުވެފައެވެ.
ދީބާޖާގެ މައްސަލައިގައި ސަރުކާރަށް ފާޑުކިއުމުގެ އިތުރުން ޝަރުއީ ދާއިރާއަށް ވެސް މި މައްސަލައިގައި ތުހުމަތުގެ އިނގިލިތައް ބައެއް ފަރާތްތަކުން އަންނަނީ ދިގުކުރަމުންނެވެ. ދީބާޖާގެ މައްސަލަ އަލުން ރިވިއުކުރަން ހުށަހަޅުއްވާނެ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވި ނަމަވެސް، މިހާތަނަށް އެ މައްސަލަ ރިވިއުއަށް ފޮނުވިކަމެއް ސާފެއް ނުވެއެވެ.
ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާއާއެކު ސޮއިކޮށްފައިވަނީ 2010 ވަނަ އަހަރުއެވެ. އަދި އެ އެއްބަސްވުން ބާތިލް ކޮށްފައިވަނީ ނަޝީދު އިސްތިއުފާ ދެއްވާ، ވެރިކަމާ އެމަނިކުފާނުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަވާލުވެވަޑައިގެން 2013 ވަނަ އަހަރުއެވެ. އަދި އެއްބަަސްވުން އުވާލި މައްސަލައިގައި ގެއްލުމުގެ ބަދަލަށް 2.4 ބިލިއަން ރުފިޔާ ހޯދުމަށް ދީބާޖާއިން ސިވިލް ކޯޓުގައި ދައުވާކުރުމުން، ސިވިލް ކޯޓުން ހުކުމް ކުރީ އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދިނުމަށެވެ.
އަދި މި މައްސަލަ އިސްތިއުނާފް ކުުރުމަށް ވަހީދުގެ ސަރުކާރުން މަސައްކަތް ކޮށްފައެއް ނުވެއެވެ. ނަމަވެސް މިދިޔަ އަހަރު އެ މައްސަލަ ހައި ކޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިސްތިއުނާފް ކުރުމުން ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށް ފައިސާ ދައްކަން ނުޖެހޭނެކަމަށް ހުކުމްކޮށްފައެވެ. އަދި ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި ދީބާޖާއިން އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް. ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރީ އިސްތިއުނާފް ކުރުމުގެ މުއްދަތު ހަމަވި ފަހުން ކަމަށް ބުނެ އެ މުއްދަތު ހަމަވި ފަހުން އެ މައްސަލަ ހައި ކޯޓުން ބަލައިގަނެ މައުޟޫއީ ގޮތުން ބަލާފައިވަނީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ހުކުމް ކޮށްފައެވެ.
ދީބާޖާއަކީ އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުންނާ ގާތް ގުޅުމެއް އޮންނަ ކުންފުންޏެއް ކަމަށް މައުލޫމާތު ލިބެއެވެ. އަދި ދީބާޖާއަށް ފައިސާ ދޭން ސުޕްރީމް ކޯޓުން ހުކުމް ކުރި މައްސަލައިގައި ސަރުކާރަށް އަންނަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވަމުންނެވެ.