ސްރީލަންކާގައި ދިރިއުޅެމުންދާ އާންމު ރައްޔިތުންގެ އަތުގައި ގަވައިދާ ހިލާފަށް ހުރި ގޮވާތަކެތި އަންނަ އަންގާރަ ދުވަހުގެ ކުރިން ފުލުހުންނާ ހަވާލުކުރުމަށް ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކުން މުހުލަތެއް ދީފިއެވެ.

އޭޕްރިލް 21 ވަނަ ދުވަހު ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އެގައުމުގައި ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން ދީފައިވާ މި މުހުލަތުގެ ދަށުން، އެމީހަކާ އެންމެ ކައިރީގައި ހުރި ފުލުހުންގެ މަރުކަޒަކަށް ގޮސް، އެ ގޮވާތަކެތި ހަވާލު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުންގެ ތަރުޖަމާނު އެސް.ޕީ ރުވާން ގުނަސޭކަރަން ވިދާޅުވީ އާންމު ރައްޔިތުން ގަވައިދާ ހިލާފަށް ގެންގުޅޭ ގޮވާތަކެއްޗާ، ގޮވާތަކެތި އުފައްދަން ބޭނުން ކުރާ ސާމާނު، އަންގާރަ ދުވަހުގެ ހެނދުނު 06:00 ގެ ކުރިން ފުލުހުންނާ ހަވާލުކުރަންޖެހޭނެ ކަމަށެވެ.

އާންމު ރައްޔިތުންގެ އަތުގައި ހުރި ކަނޑިއާއި ބޮޑުވަޅި ފަދަ އާންމު ދިރިއުޅުމުގައި ކޮންމެހެން ބޭނުންކުރަން ނުޖެހޭ ތޫނު ހަތިޔާރުތައް ފުލުހުންނާ ހަވާލުކުރުމަށް ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ގޮވާލީ ހުސްވި ހަފުތާގެ ތެރޭގައެވެ. ތޫނު ހަތިޔާރު ހަވާލުކުރުމަށް އާންމުކޮށް އަންގާ އިއުލާންކުރީ، ސިޔާސީ ބައެއް ފަރާތްތަކުގެ އަތުންވެސް މިފަދަ ތަކެތި ފެނިފައިވާއިރު، ސުލްހަވެރި ގޮތެއްގައި މިކަމަށް ހައްލު ހޯދުމުގެ ގޮތުން ކަމަށް ބެލެވެއެވެ.

ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރު ޕްރޮމޯޓްކުރުމަށް ބޭނުންކުރާ އާލާތްތަކާ، ހަމަނުޖެހުން ހިންގަން ގެންގުޅޭ ސާމާނުތައް އަތުލުމަށް ސްރީލަންކާގެ ފުލުހުންދަނީ އެގައުމުގެ ހުރިހާ ގެއެއް ވަކިވަކީން ބަލާ ފާސްކުރަމުންނެވެ.