ޓެރަރިޒަމް ބަލިކޮށްލެވުމުގެ ކުރިން އިސްތިއުފާ ދެއްވާ އެނބުރި ގެއަށް ވަޑައި ނުގަންނަވާނެ ކަމަށް ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާ ވިދާޅުވެއްޖެއެވެ.
އަމްޕާރާގައި ކުރިއަށްދިޔަ އާންމު އިވެންޓެއްގައި މިފަދަ މޭރުމަކުން ސިރިސޭނާ ވާހަކަފުޅު ދައްކަވާފައިވަނީ، އޭޕްރިލް 21 ވަނަ ދުވަހު ސްރީލަންކާއަށް އަމާޒުވި ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އޭނާގެ އިސްތިއުފާއަށް ސްރީލަންކާގެ އިދިކޮޅު ފަރާތްތަކުން ޑިމާންޑްކުރަމުންދާ ދިއުމަށް ރައްދު ހަމަލާ ދެއްވުމުގެ ގޮތުންނެވެ.
ޓެރަރިޒަމް ބަލިކޮށްނުލެވެނީސް ހަމަޖެހިނުލައްވާނެ ކަމަށް ވިދާޅުވަމުންގެންދަވާ ސިރިސޭނާ އިތުރަށް ވިދާޅުވީ، ވިލާތުގެ ގައުމުތަކަށްވެސް އައިސިސްގެ ޓެރަރިސްޓުން ހަމަލާ ދޭ ކަމަށާ، ނަމަވެސް އެ ގައުމުތަކުގެ ލީޑަރުން އިސްތިއުފާ ދެއްވުމަށް އެގައުމުތަކުގެ އާންމު ރައްޔިތުން އެދެމުން ނުދާކަމަށެވެ.
އޭޕްރިލް 21 ވަނަ ދުވަހު ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކުގައި 250 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލި އެތައް ސަތޭކަ ބަޔަކު ޒަހަމްވީއިރު، މި ހަމަލާތަކުގެ ޖާސޫސީ މައުލޫމާތު ދުރާލާ ލަންކާއަށް ލިބިފައިވާކަމަށާ، އެކަމަށް އެކަށީގެންވާ ފިޔަވަޅޭއް ނޭޅި އޮތީ ސަރުކާރުގެ ތެރޭގައި އޮތް ހަމަނުޖެހުންތަކެއްގެ ސަބަބުންކަން ފާޅުކަންބޮޑު ގޮތެއްގައި ހާމަވާން އޮތްއިރު، ސިރިސޭނާގެ ސަރުކާރަށް ދަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވަމުންނެވެ.
މިދިޔަމަހުގެ ހަމަލާތަކާ ގުޅިގެން ސްރީލަންކާގެ އާންމު އަދި ސަލާމަތީ މަސްރަހު ހަމައަކަށް އެޅިފައި ނުވާއިރު، ސިރިސޭނާ ވަނީ ސްރީލަންކާގެ ދިފާއީ އަދި ސަލާމަތީ ބާރުތަކުގެ އިސް މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ.