ކުރިއަށްދިޔައީ ރަނގަޅު 'ތަޅާލުންގަނޑެއް' ކަމަށާ ބޮޑުވަޒީރު ނަރޭންދްރާ މޯދީ އިސްކުރެއްވީ ނަފުރަތު ކަމަށާ އެހެންމަމަވެސް، އޭނާ އިސްކުރީ ލޯބި ކަމަށާ، ކާމިޔާބު ބުރަވާނީ ލޯތްބާއި ވީ ކޮޅަށް ކަމަށް އުއްމީދުކުރައްވާކަމަށް އިންޑިއާގެ މައި އިދިކޮޅު ސިޔާސީ ޕާޓީގެ ރައީސް ރާހުލް ގާންދީ ވިދާޅުވެއްޖެވެ.

7 މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ އިންޑިއާގެ އާންމު އިންތިހާބުގެ 6 ވަނަ މަރުހަލާގައި މިއަދު ވޯޓު ދެއްވުމަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އިދިކޮޅު ކޮންގްރެސް ޕާޓީގެ ރައީސް ރާހުލް ގާންދީ ވިދާޅުވީ، ކޮންގްރެސްގެ ހަގީގީ ވެރިންނަކީ ރައްޔިތުން ކަމަށާ ރައްޔިތުންގެ މެންޑޭޓް ކޮންގްރެސްއިން ގަބޫލުކުރާނެ ކަމަށެވެ.

6 ވަނަ މަރުހަލާގެ ވޯޓުލުން ކުރިއަށްދާ ދާއިރާތަކުގެ ތެރޭގައި ވެރިކަން ކުރާ ނިއުދިއްލީ ހިމެނޭއިރު، ދިރިއުޅުއްވާ ގެކޮޅުން ނިކުމެވަޑައިގެން ވޯޓުލާ މަރުކަޒަށް ރާހުލް ގާންދީ ވަޑައިގެންނެވީ ފައިމަގުގައި ހިންގަވާފައެވެ. ބޮޑީގާޑުންނާ މީޑިއާއިއެކު ވޯޓުލާ މަރުކަޒަށް ރާހުލް ގާންދީ ވަޑައިގެންނެވިއިރު، ކޮންގްރެސް ޕާޓީގެ ފަރާތުން ނިއުދިއްލީގެ ގޮނޑިއަށް ވާދަކުރައްވާ ކެނޑިޑޭޓް އާޖޭ މާކިންވެސް ވަނީ ވަޑައިގެންފައެވެ.

ވެރިކަން ކުރާ ބީޖޭޕީގެ ފަރާތުން ނިއުދިއްލީގެ ގޮނޑިއަށް ވާދަކުރައްވަނީ މިނާކްޝީ ލޭކީއެވެ. އާމް އާދްމީ ޕާޓީގެ ފަރާތުން ވާދަކުރައްވަނީ ބްރިޖޭޝް ގޯޔާލްއެވެ.

މިހާރު ކުރިއަށްދާ އާންމު އިންތިހާބުގައި ރާހުލް ގާންދީ ވަނީ 2 ދާއިރާއަކުން ކުރިމަތިލައްވާފައެވެ. އެއީ ގާންދީ ޚާންދާނުގެ ބޮޑު ނުފޫޒެއް އޮންނަ އުއްތަރަ ޕްރަދޭޝްގެ އަމޭތީއާއި ކެރަލާގެ ވަޔާނާދުގެ ދާއިރާއިންނެވެ. އިންޑިއާގެ ބޮޑުވަޒީރު ކަމުގެ މަގާމު ކަށަވަރު ކުރެއްވުމަށް ގަދަ ހިފުމަށް ވަޑައިގަންނަވާނީވެސް ރާހުލް ގާންދީއާއި މޯދީ ކަމަށް ބެލެވެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަޓިކް ހަރަކާތުގެ ގޮތުގައި ސިފަކުރަމުން އަންނަ އިންޑިއާގެ އާންމު އިންތިހާބުގެ އެންމެ ފަހު މަރުހަލާގެ ވޯޓުލުން އޮންނާނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އިލެކްޓްރޯނިކް ސިސްޓަމްތައް މެދުވެރިކޮށް ކުރިއަށް ގެންދާ އާންމު އިންތިހާބުގެ ވޯޓު ގުނާ، ނަތީޖާ އިއުލާން ކުރަން ފަށަން ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.