ދަރިއަކު ބައިގެން ދިއުމަށްފަހު ބަލިވެ އިންނަ މީހާގެ ހަށިގަނޑުން ލޭ ފެންނަ ހިސާބުން އޭނާއަށް ޕްރޯޖެސްޓެރޯން ހޯމޯން ދީގެން، ބަނޑުގައި އޮތް ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އިނގިރޭސިވިލާތުގައި ކުރިއަށް ގެންދިޔަ ދިރާސާ ބުނާ ގޮތުގައި ބަލިވެ އިންނަތާ ކުރީކޮޅު ލޭ ފާޅުވާން ފަށައިފިނަމަ ވީ އެންމެ އަވަހަކަށް ހޯމޯން ދެވިއްޖެނަމަ ބަނޑުގައި އޮތް ދަރިފުޅު ބައިގެން ދިޔަ ނުދީ ސަލާމަތް ކުރުމުގެ ފުރުސަތު ބޮޑެވެ.

ޕްރޯޖެސްޓެރޯން ހޯމޯންއަކީ ބަލިވެއިންނަ ދުވަސްވަރު އިންތިހާއަށް ބޭނުންވާ ހޯމޯންއެކެވެ. މިއީ ރަހިމުގައި ދަރިފުޅު ޣަރުބަގަންނަ ދުލިފަށް ދެމެހެއްޓުމަށާ، ދިފާއީ ނިޒާމަށް އެހީތެރިކަން ފޯރުކޮށްދޭ ހޯމޯންއެކެވެ.

އިނގިރޭސިވިލާތުގައި ކުރި ތަހުލީލުގައި ބައިވެރިވި އުމުރުން 31 އަހަރުގެ ސަމޭންތާ އެލެންއަކީ ބައިގެން ދިއުމަށްފަހު ބަލިވިއިން މީހެކެވެ. އޭނާ ކިއާދިން ގޮތުގައި، ބައިގެން ދިއުމަށްފަހު އަލުން ބަލިވެ އިން ފަހަރުވެސް ބަނޑަށް 8 ހަފުތާގައި ލޭ ފާޅުވާން ފެށިއެވެ. އަދި ޕްރޯޖެސްޓެރޯން ހޯމޯން ފަރުވާ ބޭނުން ކުރަން ފެށިތާ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ލޭކެނޑުނު ކަމަށާ، ދުޅަހެޔޮ ސިއްހަތެއްގައި އޭނާގެ ދަރިފުޅު މިދުނިޔެއަށް ނޭވާލި ކަމަށްވެސް ސަމޭންތާ ވަނީ ކިއާދީފައެވެ.

ދަރިފުޅު ބައިގެން ދިއުމަކީ ކޮންމެ 5 އަންހެނަކުން 1 އަށް ކުރިމަތިލާންޖެހޭ ކަމަކަށްވާއިރު، ބަލިވެ އިންނަތާ ކުރީކޮޅު ލޭ ފާޅުވުމަކީ ބަނޑުގައި އޮތް ދަރިފުޅު ބައިގެން ދިއުމުގެ ފުރުސަތު އިތުރުވާ އަލާމާތެކެވެ.

ޔުނިވާސިޓީ އޮފް ބާމިންގްހަމްއިން ކުރިއަށް ގެންދިޔާ ދިރާސާ އާންމުކޮށްފައިވަނީ ނިއު އިންގްލަންޑް ޖާނަލް އޮފް މެޑިސިންގައެވެ.