ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިންސާނުން ހަނދަށް ގެންގޮސްދޭނެ ކަމަށް ބުނާ ޖައްވީ އުޅަނދުގެ ނަކަލެއް، ދުނިޔޭގައި މިވަގުތު ހުރި އެންމެ މުއްސަނދި ވިޔަފާރިވެރިޔާ އަދި އެމޭޒަން ކުންފުނީގެ ބާނީ ޖެފް ބޭޒޯސް ދައްކާލައިފިއެވެ.

ބޭޒޯސް އާންމުކޮށް ދައްކާލި މި އުޅަނދަކީ، 2024 ވަނަ އަހަރު އިންސާނުން ހަނދަށް ގެންދިއުމުގެ ކުރިން ކޮންމެހެން ގެންދަންޖެހޭ ބައެއް އާލާތްތަކާ ޑިވައިސްތައް އުފުލުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެއް ކަމަށް ޚަބަރު ލިބެއެވެ.މި އުޅަނދުގެ ފުރަތަމަ ދަތުރު ހަނދަށް ކުރާނީ އިންސާނަކާ ނުލައެވެ.

"ބްލޫ މޫން" ގެ ނަން ދީފައިވާ މި އުޅަނދަކީ ބަރުކުރަންޖެހޭ ހުރިހާ އާލާތަކާއެކު ދުނިޔޭގެ ސަތަހައިން އުދުއްސާލާއިރު ބަރުދަނުގައި 33000 ޕައުންޑް ހުންނާނެ އުޅަނދެއް ކަމަށް މައުލުމާތު ލިބެއެވެ. މި އުޅަނދު ހަނދަށް ޖައްސާއިރު ބަރުދަނުގައި ހުންނާނީ ގާތްގަނޑަކަށް 7000 ޕައުންޑެވެ.

ބޭޒޯސްގެ އަމާޒަކީ ހަނދުގެ ދެކުނު ތަނޑީގައި މި އުޅަނދު ޖެއްސުމެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްވެސް ވަނީ 2024 ވަނަ އަހަރަކީ އެމެރިކާގެ ރައްޔިތުން އަނބުރާ ހަނދަށްދާންޖެހޭ އަހަރު ކަމަށް ވިދާޅުވެފައެވެ.