އޮސްޓްރޭލިއާގައި ބޭނުންކުރާ ނަގުދު ފައިސާ ނޫޓުގެ ތެރޭގައި ބޭނުން ކުރުމަށް އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްގެން ނެރެ، ބާޒާރުގައި ދައުރުކުރަމުންދާ ނޫޓަކުން ބޮޑު އިމްލާ ކުށެއް ފެނިއްޖެއެވެ.

އިމްލާ ކުށް ފެނިފައިވަނީ 50 ޑޮލަރުގެ ނޫޓުންނެވެ. މި ނޫޓުގައި "ރެސްޕޮންސިބިލިޓީ" ލިޔުމުގެ ބަދަލުގައި ލިޔެފައިވަނީ "ރެސްޕޮންސިބިލްޓީއެވެ. މަދުވަނީ ފަހަތުން 3 ވަނައަށް އޮންނަންޖެހޭ "އައި" އަކުރެވެ. މި އިމްލާ ކުށާއެކު ފައިސާގެ އެއް ތަނަށްވުރެ ގިނަ ތަނުގައި، ތަކުރާރުކޮށް ވަނީ ޕްރިންޓްކޮށްފައެވެ.

ރީޒާވް ބޭންކް އޮފް އޮސްޓްރޭލިއާ (އާރް.ބީ.އޭ)އިންވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

އާރް.ބީ.އޭއިން ވަނީ ކުރިއަށް އޮތް ތަނުގައި ޗާޕުކުރާ ފައިސާގެ ނޫޓުތަކުން އެ ކުށް އިސްލާހު ކުރާނެ ކަމަށްވެސް ބުނެފައެވެ. ނަމަވެސް އިމްލާ ކުށް ހިމެނޭ 46 މިލިއަން ނޫޓު ކަރުދާސް، ފައިސާގެ ބާޒާރުގައި ދައުރުވަމުންދާކަމަށް ޚަބަރު ލިބެއެވެ. އަދި މި ނޫޓުގެ ސައްހަކަން ގެއްލިފައި ނުވާނެ ކަމަށްވެސް ކަމާ ބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

މި ނޫޓު ނެރެފައިވަނީ 2018 ވަނަ އަހަރުގެ ފަހުކޮޅުއެވެ.