ސިޔާސީ މައިދާނުގައި ތަމްސީލުކުރުމަށް ފުރުސަތު ދިނުމަށް އިންޑިއާގެ މައި އިދިކޮޅު ކޮންގްރެސް ޕާޓީއިން އިންކާރުކުރަމުންދާ ކުރުމަކީ މިވަގުތު އޮތް އެންމެ ބޮޑު ކަންބޮޑުވުންކަމަށް މުސްލިމު އެކްޓިވިސްޓުން ބުނަން ފަށައިފިއެވެ.
ޔުނައިޓަޑް މުސްލިމް ޕޮލިޓިކަލް އެމްޕަވަމަންޓްގެ މެމްބަރެއް ކަމަށްވާ މުސްތަގީމު ސިއްދީގީ ބުނީ ބީޖޭޕީއާއި މެދު މުސްލިމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދީ ކޮންގްރެސްއިން ކަމަށާ، އެމީހުންގެ ފަރާތުން އާންމު އިންތިހާބުގައި ވާދަކުރުމަށް އެންމެ ޓިކެޓެއް ނުލިބުނަސް އެކަމާ ޝަކުވާކޮށް ބަހެއް ބުނަން ކެރޭ މީހަކު ނުހުންނަ ކަމަށެވެ.
އެންމެ ޓިކެޓެއްވެސް ނުދީ ތިބެ، އިންތިހާބުގައި ކޮންގްރެސްއަށް އަޣުލަބިއްޔަތު ހޯދާދިނުމަށް މުސްލިމުންގެ ކިބައިން ކޮންގްރެސް އިން އެދެމުންދާ ކަމުގެ ޝަކުވާވެސް ސިއްދީގީ ވަނީ އުފުލާފައެވެ.
ކޮންގްރެސްއިން ބުނާ ގޮތުގައި މުސްލިމުންނަށް ޓިކެޓް ދީފިނަމަ ވަކިކޮޅަކަށް ބުރަވީ ކަމަށާ، މުސްލިމުންނަށް އިންތިހާބީ ޓިކެޓް ނުދިނުމަކީ، ވަކި ބަޔަކަށް އެ ޕާޓީއިން ތާއީދު ނުކުރާކަން ދެއްކުމަށް ކޮންގްރެސްއިން ކުރަމުން އަންނަ ކަމެއްގެ ގޮތުގައި ސިއްދީގީ ވަނީ ސިފަކޮށްފައެވެ.
އިންޑިއާގެ މުސްލިމުން ބުނާ ގޮތުގައި އެމީހުން ވޯޓުލަނީ ހަމައެކަނި މުސްލިމުންގެ ހައްގުތަކުގެ ދިފާއުގައެއް ނޫނެވެ. އިންޑިއާގެ މުސްލިމުން ތިބީ މިހާރު ވެރިކަން ކުރަމުން އަންނަ ބީޖޭޕީގެ ފަރާތުން ޓިކެޓެއް ލިބޭނެ ކަމުގެ އުއްމީދުގައެއް ނޫނެވެ. ނަމަވެސް ކެނޑިޑޭޓުންގެ ގޮތުގައި ވާދަކުރުމަށް މުސްލިމުންނަށް ޓިކެޓް ދިނުމަށް ކޮންގްރެސްއިން އިންކާރުކުރަމުންދާކަން ފާހަގަކޮށް، އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ދިރިއުޅޭ އާންމު ރައްޔިތުންވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
އިންޑިއާގެ މުސްލިމުން މިހާރު މަސައްކަތް ކުރަމުންދަނީ ގައުމުގެ ކަންކަމުގައި އެމީހުންގެ ތަމްސީލުވުން ދާއިމީ ގޮތެއްގައި ކަށަވަރުކުރެވޭނެ ދިގުރާސްތާގެ މަގުތައް ބަލާ ހޯދުމުންނެވެ.
ދުނިޔޭގެ ނިސްބަތުން ބަލާއިރު މުސްލިމުންގެ އާބާދީ 2 ވަނައަށް އެންމެ ބޮޑު ގައުމަކީ އިންޑިއާއެވެ. ނަމަވެސް އިންޑިއާގައި މިހާރު އޮތް ގާނޫނު ހަދާ މަޖިލީހުގައި ތިއްބެވި މުސްލިމު މެމްބަރުންގެ އަދަދު ކަންބޮޑުވާ ދަރަޖައަށް މަދެވެ.
އިންޑިއާގައި މިހާރު ކުރިއަށްދާ އާންމު އިންތިހާބު ނިންމާ ވޯޓު ގުނަން ފަށާނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.