ޑިއުކް އެންޑް ޑަޗަސް އެންޑް އޮފް ސަސެކްސް ޕްރިންސް ހެރީއާއި މޭގަންގެ އަލަތު ދަރިފުޅުގެ ނަމަކަށް އާޗީ ހަމަޖައްސާ އެކަން އިއުލާންކޮށްފިއެވެ.

މެއި 6 ވަނަ ދުވަހު އުފަންވި އާޗީގެ ފުރިހަމަ ނަމަކީ އާޗީ ހެރިސަން މައުންޓްބެޓަން-ވިންޑްޒާއެވެ.

ހެރީއާއި މޭގަންގެ ދަރިފުޅު އާޗީއާއި ރާނީ އާއި ޑިއުކް އޮފް އެޑިންގްބާގް ފުރަތަމަ ފަހަރަށް ބައްދަލުކުރެއްވީ ބުދަ ދުވަހުގެ ވަގުތެއްގައެވެ. ރާނީގެ 8 ވަނަ މާމަދަރިފުޅާ ބައްދަލުކުރައްވާފައިވަނީ ވިންޑްޒާ ކާސަލްގައެވެ.

އިނގިރޭސިވިލާތުގެ ޝާހީ ހާންދާން ދެމިގެންގޮސްފައިވާ ގޮތަށް ބަލާއިރު އާޗީއަކީ ޝާހީ ތާޖުކޮޅު ހައްގުވާ ފަރާތްތަކުގެ ލިސްޓުގައި 7 ވަނައަށް އޮތް ޝަހްސެވެ. ނަމަވެސް ޑިއުކް އެންޑް ޑަޗަސް އޮފް ސަސެކްސްވަނީ، އާޗީގެ ނަމުގެ ކުރިއަށް، ޝާހީ އެއްވެސް ލަގަބެއް ބޭނުން ނުކުރާނެ ކަން ހާމަކޮށްފައެވެ.

ގިނަ ބަޔަކު މިހާރު ވަކާލާތު ކުރަމުންދާ ގޮތުގައި އާޗީ ބޮޑުވެގެން އަންނާނީ ޝާހީ އާއިލާގެ އުސޫލުތަކާ ގަވައިދުތަކުގެ އިމުން ބޭރުން، އާންމު މީހެއްގެ ދަރިއެއް ފަދައިންނެވެ.