ތާޒާ ދޮންއަނބަކީ މޫސުމަކާ ލައްވާލައިފިނަމަ ބާޒާރުމަތި ތިޔާގިކޮށްލާ، އަނގަޔަށް މީރު ހައްޓަށް ފިނިކަން ގެނެސްދޭ، ފޮނި، މީރު މޭވާއެކެވެ. ބައެއް މީހުންނަކީ ދޮން އަނބު މޫސުމަށް އިންތިޒާރުކުރަމުންދާ ބަޔަކަށްވާއިރު އަނެއް ބައި މީހުންނަކީ އިންތިޒާރު ނުކުރިއެއް ކަމަކު ދޮން އަނބެއް ފެނިއްޖެނަމަ ނުކައި ދޫކޮށްލަން ކެރޭ މީހުންނެއް ނޫނެވެ. ނަމަވެސް އުފެދޭ ބޮޑު ސުވާލެއް އެބައޮތެވެ. އެއީ ހަކުރު ބަލީގެ މީހުންނަށް ދޮން އަނބު ކެވިދާނެތޯ ކުރެވޭ ސުވާލެވެ.

އެންމެ ފަހުގެ ސައިންޓިފިކް ހޯދުންތަކަށް ބުރަވާއިރުވެސް މިކަމަށް ކަނޑައެޅިގެން ދޭނެ ޖަވާބެއް ގިނަ ފަހަރަށް އޮންނަނީ ނުލިބިފައެވެ.

ދޮން އަނބުތަކެއް/ފޮޓޯ: ގްރީން ބްލެންޑާ

ހަކުރުބަލީގެ މީހަކަށް ކެވޭނީ ކިހާ ދޮން އަނބެއް؟

ދޮން އަނބަކީ ގުދުރަތީ މޭވާއަކަށްވާއިރު އޭގައި ހުންނާނީ މުޅިންވެސް ގުދުރަތީ ހަކުރެވެ. އެހެންކަމުން، ހަކުރު ބަލީގެ މީހުންނަށް ކިތަންމެ ވަރަކަށްވެސް ދޮނބު އަނބު ކެވިދާނެކަމަށް ބައެއް މީހުން ގަބޫލުކުރެއެވެ. ނަމަވެސް އެއީ ހަގީގަތުގައި މިކަން އޮތް ގޮތެއް ނޫނެވެ. ދޮން އަނބު ފަދަ ގުދުރަތީ ހަކުރު އެކުލެވޭ މޭވާއަކީ މާ ގިނައިން ބޭނުންކޮށްފިނަމަ ހަށިގަނޑުގެ ހަކުރު ލެވެލްއަށް އަސަރުކުރުވާ މޭވާތަކެކެވެ. މިކަން މެދުވެރިވަނީ ދޮން އަނބުގައި އެކުލެވޭ ކާބޯހައިޑްރޭޓްސް މާއްދާގެ ސަބަބުންނެވެ. މި ކާބޯހައިޑްރޭޓްސްގެ ސަބަބުން ލޭގެ ގްލޫކޯޒް މިންވަރު މަތިކޮށްލައެވެ. ކަންމިހެންއޮތް ނަމަވެސް އަނބުގައި އެކުލެވޭ ފައިބާއަކީ ހަށިގަނޑަށް ހަކުރު ދަމައިގަންނަ މިންވަރު ދަށްކޮށްދިނުމަށް އެހީވެދޭ މާއްދާއެކެވެ.

ގިނަ އަދަދަކަށް ދޮން އަނބު ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ޖޫސް ބުއިމަކީ ހަކަރުބަލީގެ މީހަކަށް އެދެވިގެންވާ ކަމެއް ނޫން/ފޮޓޯ: ބީބީސީ

ހަކުރު ބަލީގެ މީހަކު ދޮން އަނބު ކާންވީ ކިހިނެއް؟

އެންމެ ބުއްދިވެރި ގޮތަކީ ވަކި ހައްދެއްގެ ތެރޭގައި ދޮން އަނބު ބޭނުންކުރުމެވެ. ހަކުރު ބަލީގެ މީހަކު ދެދުވަހުން އެއްދުވަހު ދެތިން ފޮއްޗަށްވުރެ ގިނައިން ދޮންއަނބު ނުކެއުން އެދެވިގެންވެއެވެ. މި ގޮތަށް ދޮން އަނބު ބޭނުންކުރާއިރުވެސް ދޮންވެގެން ގޮސް ފާވާން ކައިރިވެފައި ހުންނަ ދޮންއަނބު ކެއުމާ ދުރުވާންޖެހެއެވެ. މިފަދަ ދޮންއަނބުގެ ސަބަބުން ލޭގެ ގްލޫކޯޒް މިންވަރު އިންތިހާއަށް މަތިކޮށްލާ ގޮތްވެދާނެއެވެ. ރަނގަޅީ ހަރުކޮށް ހުއްޓާ ދޮން އަނބު ބޭނުން ކުރުމެވެ. އަދި ރޭގަނޑުގެ ވަގުތަކުގައި ދޮން އަނބު ނުކެއުމަށް ހަނދާން ބަހައްޓަންވާނެއެވެ. ގިނަ އަދަދަކަށް ދޮން އަނބު އަޅައިގެން ގިރާފައި ހުންނަ "ހަކުރުނާޅާ" ކަމަށް ބުނާ ޖޫސްފަދަ ތަކެތިންވެސް ދުރުހެލިވުމަކީ ބުއްދިވެރި ގޮތެކެވެ.

ޑޮކްޓަރުގެ ލަފާ ހޯދުން

ހަކުރު ބަލީގެ މީހެއް ނަމަ، ނުވަތަ އެހެންވެސް ދާއިމީ ބައްޔަކަށް ބޭސްކުރަމުންދާ މީހެއް ނަމަ އާންމު ކޮށް ކައިއުޅޭ އެއްޗިއްސާ، ވަކި ހާލަތްތަކެއްގައި އެމީހަކަށް ކެވިދާނެ އަދި ބޮވިދާނެ އެއްޗިއްސާ ބެހޭ މައުލޫމާތު، ސިއްހީ ތަޖުރިބާކާރެއްގެ ގާތުން އަހާ އޮޅުންފިލުވަން ވާނެއެވެ.

ކޮންމެހެންވެސް ދޮން އަނބުކޮޅެއް ކާހިތްވެއްޖެނަމަ ސިއްހަތަށް ފައިދާކުރަނިވި ތޮޅީގެ ބާވަތްތަކުން ތައްޔާރުކޮށްފައިވާ ސެލަޑަކަށް ދެތިން ފޮތި ކޮށަލައިގެން ކާލަށެވެ. ނުވަތަ ދޮން އަނބުކޮޅަކާ، ކިއުކަމްބާ އަދި ބަޓާމިލްކް އަޅައިގެން ތައްޔާރުކުރާ މެންގޯސުޕްކޮޅެއް ބޯލާށެވެ.