ކުޑަކުދިންތަކެއްގެ އައުރު ކަޝްފުވެފައިވާ މަންޒަރުތަކަކަކާ ގުޅުންހުރި މައްސަލައިގައި ކުރީގެ ޔޫޓިއުބާ އޮސްޓިން ޖޯންސް 10 އަހަރަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
އޮސްޓިން ވަނީ 18 އަހަރުން ދަށުގެ 6 ކުޑަކުއްޖަކު ލައްވާ ޖިންސީ ގޮތުން ނުހާލިގު މަންޒަރުތަކެއް ފެންނަ އޮރިއާން ފޮޓޯއާއި ވީޑިއޯ، ޕްރައިވެޓް މެސެޖުގެ ގޮތުގައި އޭނާއަށް ފޮނުވުމަށް ހިތްވަރު ދީފައެވެ. އެކަން ކޮށްފައިވަނީ އެކުދިންނަކީ އޮސްޓިންގެ އެންމެ ވަރުގަދަ ފޭނުންކަން ސާބިތުވާން އޮތް ހަމައެކަނި ގޮތަކީ އެއީ ކަމަށް ބުނެ ނަފްސާނީ ގޮތުން އެކުދިންނަށް ފުރައްސާރަކޮށްގެންނެވެ. މި 6 ކުދިންނަކީވެސް އަންހެންކުދިންނެވެ. އޮސްޓިން ވަނީ މިހުރިހާ ކަމަކަށް އިއުތިރާފުވެފައެވެ. މިފަދަ މަންޒަރުތަކެއް ފޮނުވަން އެ ކުދިންގެ ކިބައިން އެދިފައިވަނީ މޮޑެލިންގްގެ ރޮނގުން އެ ކުދިންނަށް ފުރުސަތު ހޯދާދިނުމާ، އެކުދިންގެ އިންސްޓަގްރާމް އެކައުންޓުތައް ބޫސްޓުކޮށްދޭނެ ކަމަށް ބުނެ ދަޅަ ދައްކައިގެން ކަމަށްވެސްވެއެވެ.
އޮސްޓިން ޖޯންސް އޭނާގެ ޔޫޓިއުބް އެކައުންޓް މުއްސަނދިކޮށްފައި ވަނީ މަޝްހޫރު ޕޮޕްލަވަތަކުގެ ކަވާ ލަވަތަކުންނެވެ. އުމުރުން 26 އަހަރުގެ އޮސްޓިންގެ ޔޫޓިއުބް ޗެނަލް ފޮލޯކުރާ 500000 އެކައުންޓް އޮތްއިރު، 225000 އެކައުންޓަކުން ދަނީ ޓުވިޓާގައި އޭނާ ފޮލޯ ކުރަމުންނެވެ. މި އެކައުންޓްތައް މިހާރު ވަނީ ޑިލީޓްކޮށްފައެވެ.
ކަމާ ބެހޭ ފަރާތްތަކުން އޮސްޓިން ޖޯންސް ހައްޔަރުކުރީ 2017 ވަނައަހަރުއެވެ. އޭނާގެ ޔޫޓިއުބް އެކައުންޓް ސަސްޕެންޑް ކުރުމަށް ޔޫޓިއުބްއިން އެދެވޭ ގޮތެއްގައި މަސައްކަތްކޮށްފައި ނުވާކަމަށް ބުނެ، ގިނަ ބަޔަކު ވަނީ ޔޫޓިއުބު ހިންގާ ފަރާތްތަކަށްވެސް ފާޑުކިއުންތައް އަމާޒުކޮށްފައެވެ.